(ހަވަނަ ބައި)

ނަޖުދާގެ ކައިރީގަހުރި ތެލިތައް ފެނިފައި އެކުރަން އުޅޭކަމެއް އެއަންހެން މީހާއަށް ވިސްނައި ގަނެވުނު ކަހަލައެވެ.

"ދެން ކީއްވެ ނުދޮވެ ތިހިރީ؟... ތެލިދޮންނަން އެގޭތަ؟..."

އޭނާ ވާހަކަދައްކައި ނުނިމި އުޅެނިކޮށް ނަޖުދާ ބުންބާއާއި ދިމާއަށް އިގިލިން އިޝާރާތް ކޮށްލިއެވެ.

"ބުންބާއިން ފެން ނުނެގުނީ ދޯ؟.. ދައްކާ ދައްތަ ފެންފޮދެއް ނަގައި ދޭނަން..."

އެހެން ބުނެފައި އެއަންހެންމީހާ ބުންބާ ހަލުވަން ފެށިއެވެ.

ބުންބާ ދަށުގައި ހުރި ތެއްޔަށް ފެން އެޅެމުންދާ މަންޒަރު ބަލާކަށް، ފެންބޮވައިގެން ދެކަޅިއަރާފައި ހުރި ނަޖުދާއަކަށް ނުހުރެވުނެވެ. ތެއްޔަށް ފެންފޮދެއް އެޅޭއިރަށް ތެލިދަށުގައި އުޑަފައިން އިށީނދެ އަތްގޮށިން ފެންނަގައިގެން ބޯންފެށި އެވެ.

ނަޖުދާގެ މިއާދަޔާ ޚިލާފު ހަރަކާތްތައް ފެނިފައި ބުންބާ ހަލުވަން ހުރި އަންހެން މީހާ ވަރަށްހައިރާން ވިއެވެ. އަގައިން ބުނަންވެސް ނޭގި ބަސްހުއްޓިފައި އެތައް އިރެއް ވަންދެން މަންޒަރު ބަލަން އޭނާ ހުއްޓެވެ.

މިތަން ފެނިފައި އޭނާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެކުއްޖާ ފެންބޮވައިގެންފައި ހުރިވަރު އިހުސާސް ވުމުންނެވެ.

"ތިޔައީ ބޯފެނެއް ނޫނެންނު... ކީއްވެ ތިޔަހާވަރު ވަންދެން ފެންނުބޮއި ތިހިރީ؟.. ތިހެން ބޯކަށް ނުވާނެ.."

އެތައް އިރެއްވަންދެން ނަޖުދާ ފެންބޯތަން ބަލަހައްޓައިގެން ހުރެފައި އެއަންހެން މީހާ ބުންޏެވެ.

"ހަސީނާ!... ކޮންވަޑާމެއް... ތިޔަތާ ކީއްކުރަނީ!.."

ވަދީފާ އެތެރެގެތެރެއިން ބަދިގެ ފަރާތަށް ނިކުންނަމުން ނަޖުދާ ގާތުގައި ހުރި އަންހެން މީހާއާއި ވާހަކަދެއްކިއެވެ.

ހަސީނާއަކީ މަދުމަދުން އެގެއަށް ވަދެ އުޅޭ އަވައްޓެރިއެކެވެ. ވަދީފާގެ އަމަލުތައް ހުންނަ ގޮތުން އެހިސާބުގައި އުޅޭ މީހުންނާއި ދެމެދު މާބޮޑު ގުޅުމެއް ނޯވެއެވެ. ހަސީނާއަކީ އެގެއަށް ވަދެލައި އުޅޭ މަދު މީސްކޮޅުގެ ތެރެއިން އެކަކެވެ.

"މިހެން ދަމުން ދަމުން ހަމަ ވަދެލީ... މީ އެއްކަލަ މަންމަ ބަލާ ބޮޑުކުރާ ކުއްޖާދޯ؟.. ވަރަށް ރަގަޅު ކުއްޖެއްދޯ؟.." ވަދީފާއަށް ދެން ވަރަށް ފަސޭހަ ވާނެދޯ؟.. މިމަންޖެ ތެލި ދޮންނަން ފެންފޮދެއް ނުލިބިގެންއުޅޭތީ އަހަރެން ފެންފޮދެއް ނަގައިނިދިނީ..."

ހަސީނާ ހިގައިގަންނަމުން ވަދީފާއާއި ވާހަކަ ދެއްކިއެވެ.

"ހޫނ... ވަރަށް ފަސޭހަ ވާނެއެއްނު... ތީ މިގެއަށް އިތުރުވި އަނގައެއް... ބޯހަރުކަމުން މަންމައަށް ނުބެލިގެން މިހާރު ތިހިރީ މަށާ މަތިވެފައި... "

ވަދީފާ ދެއްކި ވާހަކައާއިމެދު ހަސީނާ ވަރަށް ހިތްހަމަ ނުޖެހުނެވެ. ދެންމެ އެކުއްޖާގެ ކިބައިން އެފެނުނު ކަންތައްތައް ފެނިފައި ވަދީފާ އެކުއްޖާއާއިމެދު ކަންތައް ކުރާ ގޮތް ހަސީނާގެ ހިތަށް ވަރަށް ރަގަޅަށް ތަސައްވަރު ކުރެވުނެވެ.

ވަދީފާގެއަޑު އިވުމުން ނަޖުދާ ބިރުންގޮސް ތުރުތުރު އަޅައިގަތެވެ. އަދި އަވަސް އަވަހަށް ތެލިނަގައިގެން އުނގުޅަން ފެށިއެވެ. ނަޖުދާއަށް ބިރުންގޮސް ފަހަތައް އެބުރި ބަލައިލަންވެސް ނުކެރުނެވެ. ބާރަށް ދެލޯ މަރައިގެން އިނދެ އަތުގެ ހުރި ބާރަކަށް ތެލި އުނގުޅާން ފެށިއެވެ.

"މިއުޅެނީ ކުދިންގެ ބައްޕަ އައިސްގެން ކޮޓަރި ތެރޭގައި.... އެހާ ދުވަސްކޮއްލާފަ ފެނުނީމަ ކަންނޭގެ... ދެބެން ހީވަނީ ހީވަނީ މޮޔަވެގެން އުޅޭހެން.. މުފީދު ދެކެ އެކުދިން ހާދަ ލޯބިވެއޭ.. އޭނަ ރަށުގައި ދިރިއުޅޭނަމަ ވާވަރު އަދި އެގޭނީ.."

ވަދީފާ ދެއްކި ވާހަކައަށް ހަސީނާ އެއްވެސް ޖަވާބެއް ނުދިނުމުން ވަދީފާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ވަދީފާ.. އެކަމަކު އެއީއަޅާލާނެ އިތުރު އެވެސް މީހަކު ހުރި ކުއްޖެއް ނޫނެއްނު.. ކަލޭވާނެ އެކުއްޖާއަށް ހެއުކޮށް ހިތަން.. އޭރުން އެއީ ނޭގި ހުރެ ކުރެވޭ ވަރަށްބޮޑު ހެއުކަމަކަށް ވާނެ... އޭ.. ދެން ދަނިއްޔޭ... ގެއިން ނިކުމެގެން އުޅޭތާވެސް ވަރަށް އިރުވެއްޖެ..."

ވަދީފާ ދެއްކި ވާހަކައަށް މާބޮޑު ސަމާލު ކަމެއް ނުދީ ހަސީނާ ބުނަން ބޭނުން އެއްޗެއް ބުނެފައި ބޭރަށް ނިކުތުމަށް ހިގައިގަތެވެ.

"މީދަ ސަންގޯރު ކުއްޖާ ގަނޑާ... ޚަބަރުދާރު ވާތި.. މިގެއަށް އަންނަ އެއްވެސް މީހަކާ ވާހަކަ ދައްކައިގެން ނުވާނެ.. ކަލޭގެ މާމައަށް ތިއްތި ދައްކާހެން މަށަށް ތިއްތި ދައްކަން ނޫޅެއްޗޭ... އަމިއްލައަށް މާ ތުއްތު ބަބަޔަކަށް ހެދިގެން އުޅުނަސް މިހާރު ތިޔައީ ކުޑަކުއްޖެއް ނޫނެ..."

ހަސީނާ ނިކުމެގެން ދިއުމުން ވަދީފާ ނަޖުދާއަށް އެތިވަރު ގޮވަން ފެށިއެވެ. ހަސީނާ ދެއްކި ވާހަކައިގެ ރައްދު ހޫނު ހަމަލާއެއް ފަދައިން ނަޖުދާއާއި ދިމާއަށް ފޮނުވާލިއެވެ.

ކިތަންމެ ސިކުނޑި ޅަނަމަވެސް މިފަހަރު އެކުއްޖާފުޅުގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭނާ ދެކެ ދައްތަ އެހާ ރުޅިއެއް އެއަންނަ ސަބަބަކާއިމެދު ވިސްނެން ފެށިއެވެ. ނަމަވެސް އެސުވާލު ވަދީފާއާއި ކުރާނެ ގޮތެއް ނަޖުދާގެ ޅަސިކުނޑިއަކަށް އެއްގޮތަކަށްވެސް ނުވިސްނެ އެވެ. ވަދީފާގެ ހޫނު ހަމަލާއަށް ޖަވާބު ދިނީ ނަޖުދާގެ ލޮލުގެ ކަރުނައިންނެވެ. ކީ އެތިވަރު ތަކުން ހިތައް ކުޅަދާނަ ނުވެގެން ވަގުތުން ނަޖުދާއަށް ރޮވުނީއެވެ. ރޮމުންގޮސް އެފަކީރަށް ގިސްލެވުނު އިރުވެސް ވަދީފާގެ ހިތައް ހަމަ އެކައްޗެއްވެސް ނާރަ އެވެ. އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރު ވެސް އެ ވަދީފާގެ ހިލަ ހިތުގައި ނެތީ ކަހަލައެވެ.

އޭނާ ގޮވަމުން ދިޔަ އެތިވަރު ހުއްޓާލީ ފަހަތުން މުފީދުގެ އަޑު އިވިގެންނެވެ.

"އެކަމަކު ވަދީފާއަށް ހަމަ ސާބަސް... އެއީ އަދި ކުޑަ ކުއްޖެއްނު..." ވަދީފާ ހިއްހަމަޖެހޭ ގޮތަށް ކަންތައްތައް ކުރާކަށް އެކުއްޖާއަކަށް އަދި ނޭގޭނެއެއްނު... އޭނާއަށް ޖައްސަންވާނީ އޭނާއަށް ކުރެވޭ ވަރުގެ ކަންތައްތައް... އެހެން ނޫނަސް އެފަދަ އަޅާލާނެ ވާލެއްނެތް ކުއްޖަކާއިމެދު ހިތަންވާނީ ވަރަށްރަގަޅަށް... އެހެން ނޫނީ ގެންގުޅުމުގެ ބޭނުމެއް ނެތް...'"

މުފީދު ހީކުރީ އަދިވެސް ތެލިތައް ނުދޮވެގެން ވަދީފާ އެތިވަރު ގޮވަނީ ކަމަށެވެ. އެއްވެސް ކަމަކާއި ނުލައި ވަދީފާ އެކުއްޖާއާއި ދިމާއަށް އެއްޗެހި ގޮވާކަން މުފީދަށް އެގުނުނަމަ އަދި މާ އަނގަ ގަދަ ކުރީސް ކަންނޭގެއެވެ. މުފީދުގެ އަޑު އިވުމުން ވަދީފާ ކިޔަމުން ދިޔަ އެތިވަރުތައް ހުއްޓާލާފައި ނަޖުދާ ކައިރިން ދުރަށް ހިގައިގަތެވެ. ވަދީފާ ދުރަށްދިޔައީ އޭނާގެ ހިތުގައި އަދަމުންދިޔަ އަލިފާން ގަނޑު މައިތިރި ވެގެންނެއް ނޫނެވެ. މުފީދަށް ޖަވާބުދޭނެ ގޮތެއް އޭނާއަށް ނުވިސްނިގެންނެވެ. އޭނާއަށް ދެވޭނެ ޖަވާބެއް ނެތީމައެވެ. ކިރިޔާވެސް ގޮތެއް އޮތް ނަމަ އޭނާ ކުޑަ ދުލެއްވެސް ނުދޭނެއެވެ.

"ބައްޕާ އަދި އެދައްތަ ނުވެސް ކައި.. ވަރަށް ބަނޑުހައި ވާނެ ދޯ.."

މުފީދުގެ އަތުގައި ހިފަހައްޓާލައިގެން މަންޒަރު ބަލަން ހުރި ކުޑަކުޑަ ޒަހާ މުފީދުގެ މޫނަށް ބަލާލާފައި ބުނެލިއެވެ.

"ވަދީފާ!... ވަދީފާ!... ޒަހާ އެކިޔަނީ ތެދު ވާހަކައެއްތަ..؟"

މުފީދު ވަރަށް ހިތްހަމަ ނުޖެހުމާއިއެކު ވަދީފާއާއި ސުވާލު ކުރިއެވެ.

"އޭނަ ކައިރީގަ މިކިޔަނީ ނޫންތަ ކާން ދާށޭ... މިހާރު އެތައް ފަހަރަކު ބުނެފިން... އަހަންނަކަށް ގަދަކަމަކުން ނުގެން ދެވޭނެ..."

ވަދީފާ މިފަހަރު ކަނޑައެޅިގެން ހެދީ ދޮގެކެވެ. އޭނާ އެންމެ ފަހަރަކުވެސް ނަޖުދާ ގާތުގައި ކާން ދިއުމަކަށް ނުބުނެއެވެ.

ވަދީފާގެ ރާގު ގަނޑު ހުރި ގޮތުންނާއި މޫނަށް އަރާ ފައިބަމުން ދިޔަ ނުބައި ކުލަވަރުން މުފީދަށް ވަދީފާގެ ބަސް ގަބޫލު ކުރަން ދަތިވި އެވެ. މުފީދު ބުނި އެއްޗަކަށް ޖަވާބު ދީފައި ވަދީފާ ހިގައިގަތީ ބަދިގެއާއި ދިމާއަށެވެ. ވަދީފާ ނިކުތީ

މުފީދަށް ކާން ހަދާށެވެ. އޭނާ އެދިމާއަށްއެދަނީ އެހެންވެގެންނެވެ.

މީހަކު ނަޖުދާގެ ކޮނޑުގައި އަތްޖައްސާލިހެން ހީވެގެން އޭނާ ދިޔައީ ސިއްސައިގެންނެވެ. ތެލި އުނގުޅަ އުގުޅާ އިންނަމަވެސް ނަޖުދާ އިނީ ދެލޯ މަރައި ބާރުކޮށްގެންނެވެ. ވަދީފާދެކެ ބިރުން ނެވެ. އޭނާ ހީކުރީ އަދިވެސް ވަދީފާ އެތާގައި ހުރި ކަމަށެވެ.

"ކޮއްކޮ އަދިވެސް ނުކަމެންނު.. ތިޔައެއްޗެހި ބަހައްޓާފަ ހިގާ ކާންދާން، ދެން ތެލި ދޮންނާނީ ކައިގެން އައިސް.."

އެއީ މުފީދުގެ އަޑުކަން ޔަގީން ވުމުން ނަޖުދާ ދެލޯ ހުޅުވާލިއެވެ. ނަމަވެސް މުފީދުގެ އެ އެދުމަށް ޖަވާބު ދޭކަށް އޭނާއަކަށް ނުކެރުނެވެ. ކިތަންމެ ހާވެސް ބަނޑުހައެވެ. ކާން ބޭނުމެވެ. ކޮންމެ އެއްޗެއް ވިޔަސް ވަރިހަމައެވެ. އެކަމަކު އެފަކީރަށް މުފީދު އެބުނާ އެއްޗެއް ގަބޫލު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ވަދީފާ އެތިވަރު ގޮވީ ހަމަ ދެންމެއަކު އެވެ. އެއިން އެންމެ ބަހެއްވެސް އަދި އެކުއްޖާގެ ހިތަކުން ނުފިލައެވެ.

"ތެދުވެ ތެދުވެ... އަތްދޮވެގެން ހިގާ... މިފަހަރު ކާނީ ބޭބެއާއިއެކު.."

މުފީދު ބުނިބަހަށް ނަޖުދާ ގުޑާނުލުމުން މުފީދު ނަޖުދާގެ އަތުގައި ހިފާފައި ނެގިއެވެ.

މިފަހަރު ނަޖުދާއަކަށް ދެކޮޅު ހެދޭކަށް ނެތެވެ. މުފީދުގެ ބަސް އަހަން އޭނާއަށް މިފަހަރު މަޖުބޫރެވެ. އެގޮތަށް ކޮންމެ ފަހަރަކު ކާންގޮވަން މުފީދު ހުންނާނެ ހެއްޔެވެ؟ މުފީދުގެ ބަހަށް ނަޖުދާ ގޮސް އޭނާއާއި އެކީގައި ކެއުމަށް ފަހު ދެން ވާނެގޮތް މުފީދަށް ވިސްނޭނެ ނަމަ ހަމަ ޔަގީނުންވެސް އޭނާ އެކުއްޖާއާއިމެދު އެގޮތަކަށް ކަންތަކެއް ނުކުރާނެއެވެ.

-ނުނިމޭ-


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން