ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ޕްރިޔަންކާ ޗޯޕްރާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.


ސެރޮގެސީ ނުވަތަ އެހެން އަންހެނަކު މެދުވެރިކޮށް ލިބުނު މިދަރިފުޅުގެ ހާލުދެރަވުމާއިއެކު ގިނަ ދުވަސްތަކަކު ވަނީ ހޮސްްޕިޓަލުގެ އެންއައިސީޔޫގައި ފަރުވާ ދިނުމަށް އެޑްމިޓްކޮށްފައެވެ. ޕްރިޔަންކާ އަދި ނިކްގެ ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލިކަން މީސްމީޑިއާ މެދުވެރިކޮށް އާންމުކުރަމުން ޕްރިޔަންކާ ބުނީ އެދެމަފިރިންގެ ދަރިފުޅު 100 އަށްވުރެ ގިނަ ދުވަހު ހޮސްްޕިޓަލުގެ އެންއައިސީޔޫގައި އެޑްމިޓްކޮށް ފަރުވާ ހޯދާފައިވާކަމަށެވެ.

އެގޮތުން ޕްރިޔަންކާ ވަނީ ދަރިފުޅު ބެލި ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ޝުކުރެއްވެސް އަދާކޮށްފައެވެ.

އަދި ދަރިފުޅު ގެއަށް އައުމަކީ މަންމައިންގެ ދުވަހު ލިބުނު އެންމެ އަގުބޮޑު ހަދިޔާކަމަށްވެސް ޕްރިޔަންކާ ބުނެފައިވެއެވެ.

ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ޕްރިޔަންކާ، އަދި ލަވަކިޔުންތެރިއާ ނިކް ޖޯނަސް ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. ނިކް އަދި ޕްރިޔަންކާ އަށް ދަރިއަކު ލިބުނު ޚަބަރަކީ ގިނަބަޔަކު ސިއްސުވާލީ ޚަބަރަކަށް ވިނަމަވެސް، މިއަހަރު ކުރީކޮޅު ވެނިޓީ ފެއަރއަށް ދިން އިންޓަރވިއުއެއްގައި ނިކް އަދި ޕްރިޔަންކާވެސް ދަރިއަކު ހޯދަން ބޭނުންވާ ވާހަކަ ޕްރިޔަންކާ ވަނީ ހާމަކޮށްފައެވެ.

މިދެމަފިރިންގެ ފުރަތަމަ ދަރިފުޅު އުފަންވީ މިއަހަރުގެ ޖެނުއަރީމަހުއެވެ. މިދެމަފިރިންްނަށް ލިބުނު ދަރިފުޅުގެ ނަން ރަސްމީކޮށް އަދި ހާމަކޮށްފައިނުވިނަމަވެސް، ލިބުނީ އަންހެން ކުއްޖެއްކަމާއި، ދަރިފުޅުގެ މޫނު ނިވާވާގޮތަށް ފޮޓޯއެއްވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު