-ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު -

އެކި ޚިޔާލާއި ފިކުރުތައް އެކި ޒަމާނުގައި ހުންނާނީ އެކި ގޮތަށެވެ. އެއް ޒަމާނެއްގައި ނުރަނގަޅު އާދައެއް ކަމުގައި މީހުން ދުށް ކިތަންމެ ކަމެއް، އަނެއް ޒަމާނެއްގައި އެއީ ފެޝަނަކަށް ވެދާނެއެވެ. މީހުންނަށް ކަމުދާ ކަމަކަށް ވެދާނެއެވެ. މިއީ އިޖުތިމާޢީ އަގުތަކޭ، ނުވަތަ އިޖުތިމާޢީ ސުލުކޭ ކިޔަސް އެއީ މުޖުތަމަޢު ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ މައްޗަށް ބިނާކޮށް ނުވަތަ ބިނާވެގެން އަންނަ ބަދަލެވެ. މިއީ ގެންނަ ބަދަލެކޭ ލިޔާހިތެއް އަޅުގަނޑެއް ނެތެވެ. އެއީ ޙާލަތާ ގުޅިގެން މަޑުމަޑުން "އަންނަ" ބަދަލެވެ. ނަމަވެސް ބައެއް ބަދަލުތަކަކީ މުޖުތަމަޢާ، މުޖުތަމަޢުގެ ވިސްނުމާ ގުޅޭ ގޮތުން "ގެންނަ" ބަދަލުތަކެކެވެ. އެހެންވީމާ އިޖުތިމާއީ އަގުތަކަށް އަންނަ ބަދަލުތަކާއި ގެންނަ ބަދަލުތައްވެސް ހުންނަނީތާއެވެ.

އަޅުގަނޑުމެން ކުޑައިރު، މަގުމަތީގައި ކައިބޮއި ހެދުމަކީ ވަރަށް ހުތުރު، ލަދުކުޑަ ޢަމަލެކެވެ. ނަމަވެސް މި ޖީލުގެ "ކުދީންނަށް" އެއީ ރީތި ކަމެކެވެ. މަގުމަތީގައި ދެމަފިރިން (ނުވަތަ ދެކުދީން) ސައިކަލު ދުއްވައިލާން ދާއިރު ފަހަތުގައި އިންނަ އަނބި މީހާ (ނުވަތަ ކުއްޖާ) އައިސްކޯނު ނުވަތަ ހަކަތަ ދަޅެއް ބޯން އިނދެދާނެއެވެ. އެއީ އަޅުގަނޑު ފަދަ ކަޓު މީހަކަށް ހުތުރު ކަމަކަށް ވިޔަސް މި އަދުގެ "ޒަމާނީ ޖީލަށް" އެއީ ހުތުރުކަމެއް ނޫންކަން ކަށަވަރެވެ. ފެންނަ މަންޒަރުތަކުން ސާބިތުވަނީ މިކަމެވެ. މި ބަދަލަކީ ގެނައި ބަދަލެއް ނޫނެވެ. މަޑުމަޑުން "އައި" ބަދަލެކެވެ. ނަމަވެސް މާލޭގައި ފައިބައި ތިބޭ، އެހެން ރަށްރަށުގެ މީހުން މާލޭގެ ކޮންމެވެސް ގެޔެއްގައި ކޮންމެވެސް މީހެއްގެ ހަވާލުގައި ރަޖިސްޓަރީވަމުން އައި އާދަ ބަދަލުވީކީ ނޫނެވެ. އަމިއްލަޔަށް ބަދަލުކުރީއެވެ. ގިނަ ބަޔަކު އެދިގެން ނަމަވެހެވެ. އޭގެ ފައިދާއާއި ގެއްލުމުގެ މައްޗަށް ވާހަކަދެއްކުމަކީ ވި ވަގުތު މުހިއްމުކަމެއް ކަމަކަށް ނުދެކެވެ. އެ ވާހަކަދެއްކުން ވާނީ ވަރަށް ބޯދާ އަދި "މި ޒަމާނާ ބީރައްޓެހި ޚިޔާލެއް" ކަމަށެވެ. ނަމަވެސް ބެލެހެއްޓުންތެރިއެއް ނެތި އެމީހަކު އުޅޭނެ ގޮތަކަށް އުޅޭން ދޫކޮށްލެވިފައި އޮތް އޮތުމުގެ ނުރަނގަޅު ނަތީޖާ، ކޮރޯނާ ޖާއިހާއާ ގުޅިގެން ފެންމަތިވިއެވެ. އެންމެން މަގުމަތީގައި ނޫޅެ ގޭގެއަށް ވަންނާން ޖެހުމުން ވަންނާނެ ތަނެއް ހަވާލުވާނެ ބަޔަކު ނެތް ކިތަންމެ މީހެއް ފާހަގަވިކަމަށް މީޑިއާއިން އަޑުއިވުނެވެ. އަޅުގަނޑުގެ މި ޚިޔާލު ހާމަކޮށްލާން ބޭނުންވީ މި ކަމާ ގުޅިގެންނެވެ.

ތެދުފުޅެކެވެ! ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުން ކޮންމެ ތާކަށް ދަތުރުކޮށް، ގޮސް އުޅުމުގެ ޙައްޤު ޤާނޫނުއަސާސީއިން ވަނީ ލިބިދީފައެވެ. ނަމަވެސް ކޮރޯނާ ޖާއިހާއާ ގުޅިގެން އަޅުގަނޑުމެން މުޅީން އައު އާންމު ހާލަތެއްގައި އައު ދިރިއުޅުމަކާ ކުރިމަތިލާއިރު މި އާދައަށް ވެސް ހެޔޮ ބަދަލެއް ގެނައުމަކީ ފައިދާހުރި ކަމަކަށް ނުވާނެބާވައޭ ހިތަށް އެރީއެވެ. "މި ޒަމާނާ ބީރައްޓެހި ޚިޔާލެއް"ކަމަށް ވިޔަސްވެހެވެ. ޤާނޫނުއަސާސީއިން ދީފައިވާ ހަމަ އެއްވެސް ޙައްޤަކަށް ހަމަ އެއްވެސް އުނިކަމެއް ނާންނާނޭ ގޮތެއްގެ މަތީންނެވެ. (ދެން ލިޔާ ޕެރެގުރާފާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަތަސް މުޅި ލިޔުންނިމެންދެން ވިދާޅުވުން ވަރަށް ބޮޑަށް އެދެމެވެ. އަދި ހުސް ހިތްޕުޅަކުން، ވަކި އަތަކަށް ޖެހިވަޑައިނުގެން ވިސްނައިވަޑައިގަތުން އެދެމެވެ.)

ކުރިޔަށް ވަޑައިގަންނަވާށެވެ! މާލެ ވެސް ހިމެނޭ ގޮތަށް، ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް، އެ ރަށެއްގެ ރައްވެއްސެއް ކަމުގައި ނުވާ މީހަކު ގޮސް، އެ ރަށެއްގައި ވަކި މުއްދަތަކަށްވުރެ ގިނަދުވަހު، (މިސާލަކަށް: 15 ދުވަސް ނުވަތަ 30 ދުވަހަށްވުރެ ގިނަ ދުވަހު) އެ ރަށެއްގައި ވަގުތީ ގޮތުން ނަމަވެސް ވަޒަންވެރިވެ ހުންނަނަމަ، އެ ރަށެއްގެ ކައުންސިލްގައި އުނދަގުލެއްނެތި ރަޖިސްޓަރީކުރާ ގޮތަށް ހަމަޖެހިއްޖެ ނަމަ، އަދި އެ ހުންނަ ހުރުމުގައި އޭނާގެ ޒިންމާ ޙަވާލުވާނީ ކާކުކަން އެނގޭނޭ ގޮތަކަށް ރެކޯޑް ބެލެހެއްޓޭނަމަ، ކާރިސާއަކާ ގުޅިގެން، ނުވަތަ އެހެން ކަމަކާ ގުޅިގެން ނަމަވެސް މީހުން ހޯދާން ފަސޭހަނުވާނެބާވައެވެ! ދިމާވާ މައްސަލަތައް މަދުނުވާނެބާވައެވެ! އަދި އޭރުން، އެއްވެސް ޙާލަތަކާ ގުޅިގެން މަގުމަތިވާ މީހުންގެ މައްސަލައެއް ނުނިކުންނާނެތާއެވެ. މިހެން އުޅޭ މީހަކު، އަމިއްލައަށް އުޅެވޭ ގޮތަށް ގޭގެ ކުއްޔަށް ހިފައިގެން ނުވަތަ ގެދޮރު ގަނެގެން އުޅޭ ނަމަ، އޭނާއަކީ އެހެން މީހެއްގެ ޒިންމާއާ ޙަވާލުވެވިދާނެ މީހެއްކަން ކަނޑައަޅުއްވައި، މިކަން ވެސް ކައުންސިލްގައި ރަޖިސްޓަރީކޮށްލެއްވިދާނެއެވެ. އޭރުން އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ބަހާ (ކަދުރުފަދަ) ތަކެތީން ވެސް އެއްވެސް މީހަކު މަޙުރޫމެއް ނުވާނެތާއެވެ. މިހާރު އޮންނަ ގޮތުން، މާލޭގެ ރަށްވެއްސެއް ކަމުގައި ނުވާ މީހަކު މާލޭގައި (ނުވަތަ އޭނާ ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށެއްގައި) ކިތަންމެ ދުވަހަކު ހުއްޓަސް މި ފަދަ ހުރިހާ ޢިނާޔަތަކުން ހުންނަނީ މަޙުރޫމުވެފައެވެ. ސަބަބަކީ އޭނާ ރަށްވެފައިވާ ރަށުގައި،ގޭގައި މީހަކު ނޫޅޭތީ އެގެޔަކަށް އެ އެއްޗެއް ނުލިބޭނެއެވެ. މާލޭގައި (ނުވަތަ އެހެން ރަށެއްގައި) ރައްވެހިވެފައިވާ މީހެއް ކަމުގައި ނުވާތީ މާލޭގައި (ނުވަތަ އެ ރަށެއްގައި) ބަހާ އެއްޗަކުން ބައެއް ނުލިބޭނެއެވެ. އަދި މުޅި ޢުމުރުގައި މާލޭގައި އުޅުނަސް އޭނާގެ ރަށްވެހިކަން އެހެން ރަށެއްގައި އޮންނަ ނަމަ، އެކި އިންތިޚާބުތަކުގައި އޭނާ ދިރިއުޅޭ ދާއިރާއަށް މެންބަރުން ހޮވުމުގައި އޭނާގެ ބަހެއް "ނީއްވޭނެއެވެ." އެހެންނަމަވެސް އަޅުގަނޑު މި ދެންނެވި ފަދަ ރަޖިސްޓަރީއެއް ބަލަހައްޓަވާނަމަ، ކޮންމެ ރައްޔިތަކަށް ވެސް އޭނާ ދިރިއުޅޭ ދާއިރާއެއްގެ ކައުންސިލް ހޮވުމުގައި އޭނާއަށް ބައިވެރިވެވިދާނެއެވެ. އޭނާއަށް ބަސް ކިޔޭނެއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ކައުންސިލް އިންތިޚާބުތަކުގައި ވޯޓުދެނީ އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނެވެ. އެހެނީ އެ ކައުންސިލަކުން ފޯރުކޮށްދޭ ޚިތުމަތުގެ ފައިދާއާއި ލާބަ އޭނާ ވެސް ޙިއްސާކުރާތީއެވެ. އޭނާ މާ ދުރު ރަށެއްގައި ރަޖިސްޓަރީވެފައި އޮތަސް އެ ރަށަކުން ފޯރުކޮށްދޭ ޚިދުމަތެއްގެ ފައިދާއެއް އޭނާއަކަށް ނުލިބޭނެއެވެ. ވީމާ، އެ މީހަކަށް ޚިދުމަތް ނުލިބޭ ދާއިރާއެއްގެ ކައުންސިލަށް މެންބަރުން ހޮވުމުގައި ބަސްބުނުމުގެ ހައްގު އެއްވެސް މީހަކަށް ދިނުމަކީ ބުއްދީގެ ހަމައިން ބަލާއިރު އިންސާފަކަށް ވޭތޯއެވެ. އަޅުގަނޑު ރަޖިސްޓަރީވެފައި އޮތީ، މާ ދުރު ސަރަހައްދަކަށް ވާއިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ޚިދުމަތްކުރާން ކޮންމެ މީހަކު ހޮވުނަސް އެއިން އަޅުގަނޑަށް ފޯރާނެ ލާބައެއް އަދި ފޯރާނެ ގެއްލުމެއް ވެސް ނޯންނާނެއެވެ. ވީމާ، އެ ދާއިރާއެއްގައި ދާއިމީ ގޮތެއްގައި ދިރިއުޅޭ މީހުންގެ ރަޖިސްޓަރީ އެ ދާއިރާގެ ކައުންސިލުން ބެލެހެއްޓި، ކައުންސިލްގެ އިންތިޚާބުތަކުގައި އެ މީހުންނަށް ވޯޓުދެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ މުހިއްމު ކަމެއްކަމަށް އަޅުގަނޑަށް ފެނެއެވެ. އަދި މި ރެކޯޑް ބެލެހެއްޓުމުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބޯހިމަނާން ސަރުކާރުން ކަނޑައަޅުއްވައިފައިވާ ސިޔާތު ތަންފީޒުކުރުމުގައި ވެސް ފަސޭހަތަކެއް ލިބޭނެއެވެ.

އަޅުގަނޑު މި ދެންނެވި ބަދަލަކީ، ރައްޔިތެއްގެ އަސާސީ އެއްވެސް ޙައްޤަކަށް ހަމަ، އެއްވެސް ހުރަހެއް އެޅޭނެ ބަދަލެއް ނޫނެވެ. އޭގެ ބަދަލުގައި މި ބަދަލުގެ ސަބަބުން އޭނާގެ ޙައްޤުތައް ފުރިހަމަވެ، ކަށަވަރުވާނީއެވެ. ރައްޔިތުންނަށް ބަހާ ނުވަތަ ލިބިދެވޭ އެއްވެސް ޙައްޤަކުން، ނުވަތަ ޢިނާޔަތަކުން އޭނާ މަޙުރޫމު ނުވާނެކަން އޭނާއަށް ކަށަވަރުވާނީއެވެ.

ވީމާ، ކޮރޯނާ ޖާއިހާއާ ގުޅިގެން އައު އާންމު ޙާލަތެއްގައި، އަލުން ކަންކަން ބައްޓަންކުރައްވާއިރު، ކައުންސިލްތަކުން، ލޯކަލް ކައުންސިލްސް އޮތޯރިޓީއިން (ތުކި: ލޯކަލް ގަވަރންޓް އޮތޯރިޓީ އިން) ނުވަތަ ސަރުކާރުން މި ކަމަށް ވިސްނަވާނެ ނަމަ ހާދަހާ ރަނގަޅޭ އަޅުގަނޑުގެ ހިތަށް އެރީއެވެ. ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށް ފުރިހަމަކުރުމަށްޓަކައި މިއީ މުހިއްމު ފިޔަވަޅަކަށް ނުވާނެބާއޭ ޚިޔާލަށް އަންނަތާ ދުވަސްކޮޅެއް ވެފައިވާތީ މި ޚިޔާލު ހާމަކޮށްލީއެވެ. މިއީ "މި ޒަމާނާ ބީރައްޓެހި ޚިޔާލެއް" ކަމަށް ވީނަމަވެހެވެ.


ކިޔުންތެރިންގެ ހިޔާލު


23

ސަމީރު

05-Jun-2020

އަޒީ ބޯރަގަޅުކޮށްލާ.ތަންކޮޅެއް ބޮޑާ ގޮތެއް ފެންނާތީ.



ޓްރެންޑިން