ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާކެޓު އިތުރަށް ބޮޑުކޮށް އާންމު ވިޔަފާރިތަކަށް ޖާގަ ދޫކުރުމަށް ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.


ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ސްޕަމާރޓް އިތުރު ފަންގިފިލާތަަކަށް ހެދުމުގެ މަސައްކަތް ކުރަނީ އެތަނުގައި ވިޔަފާރިކުރުމަށް ވިޔަފާރިތަކުގެ ޑިމާންޑް ބޮޑުވަމުން ދިއުމާއި ގުޅިގެންކަމަށެވެ.

އަމްރު ވިދާޅުވީ އެންމެ ފުރަތަމަ އަމިއްލަ ވިޔަފާރިތަކުން ސްޕަމާރޓްގައި ތަކެތި ވިއްކުމަށް މާބޮޑު ތަރުހީބެއް ނުލިބޭކަމަށާއި ނަމަވެސް މިހާރު އެ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ފައިދާވާކަން އެނގުމުން އެހެން ވިޔަފާރިތަކާއި އަދި މިހާރު ހުރި ވިޔަފާރިތަކުންވެސް ޖާގަ ބޮޑުކުރުމަށް ބޭނުންވާކަމަށެވެ. އެހެންކަމުން އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ މި ވިޔަފާރިތަކަށް މި ފުރުސަތު ފަހިކޮށްދިނުމަށްކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، އެސްޓީއޯ ސުޕަރމާކެޓްގެ ފުރަތަމަ ފަންގިފިލާ ހުޅުވާއިރު އިމާރާތުގެ އިންޓީރިއާއަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ.ބޮޑެތި ބަދަލުތަކަކާއިއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާކެޓު ބޮޑުކޮށް މިދިޔަ މާރޗް މަހުގެ 15 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ.

ބޮޑުކުރުމަށްފަހު ޕީޕަލްސް ޗޮއިސް ސުޕަރމާރކެޓް ހުޅުވާފައިވާއިރު އެ ތަނުގައި މިހާރު ބޭކަރީތަކާއި، ބުކްޝޮޕްތައް އަދި ރީތިވުމަށް ބޭނުންވާ ސާމާނާއި، ކުޑަކުދިން ކުޅޭ ސާމާނުވެސް އަމިއްލަ ވިޔަފާރިތަކަށް ވިއްކަން ބެހެއްޓިއެވެ. އެގޮތުން މިހާރުވެސް 9 ވިޔަފާރިއަކުން ތަކެތި ވިއްކަން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު