ރާއްޖޭގެ ސިއްހީ ދާއިރާއަށް ދައުލަތުން ކުރި ހޭދައާއި އަޅާކިއޭވަރުގެ ހޭދައެއް ކުރެއްވި އަމިއްލަ ފަރުދަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ސްޓެލްކޯގެ ކުރީގެ އެމްޑީ އަދި މިހާރުގެ ސްޓޭޓް މިނިސްޓަރު ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

"ތައްޔާރު" ނަމުގައި ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން މުޣުނީ ވިދާޅުވީ، ގާސިމް އިބްރާހީމަކީ ރާއްޖޭގެ އެކި ދާއިރާތަކުން އާންމު ރައްޔިތުންނަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތުން، ތައުލީމީ ދާއިރާއަށް ބެލިކަމުގައިވީނަމަވެސް ރާއްޖޭގެ ބޮޑެތި މުހިންމު މުއައްސަސާތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ގާސިމްގެ މަދަދު ލިބިފައިވާ މީހުންކަމަށް އޭނާ ވިދާޅުވިއެވެ.

"ސިއްހީ ދާއިރާއަށް ބަލައިފިކަމުގައިވާނަމަ، ދައުލަތުން ކުރި ހޭދައާއި އެއްފަދަ އަޅާކިޔޭ ވަރުގެ ހޭދައެއް މި ގައުމުން ކުރި ހަމައެކަނި ފަރާތަކީ އަޅުގަނޑުމެންގެ ލީޑަރު. މި ކަންކަމަކީ އަޅުގަނޑުމެންގެ މުޅި މި ޕާޓީ އެ މަނިކުފާނަށްޓަކައި ފަޚުރުވެރިވާ ކަންކަން." ޖަލްސާގައި ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވިއެވެ.

މީގެ އިތުރުން މުޣުނީ ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ގެންނަން ބޭނުންވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ނުވަތަ މިއަދު މިއޮތް ވަރަށްވުރެ އެ ޕާޓީގެ ބައިވެރިވުން ބޮޑު ސަރުކާރެއް ކަމަށެވެ.

މިރޭ ބޭއްވި ޖަލްސާއަކީ ރިޔާސީ ރޭހަށް އެ ޕާޓީން ވާންޖެހޭ ތައްޔާރީތައް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާއެއްކަމަށް އެ ޕާޓީން ބުނެއެވެ. މިރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅުނު ގިނަ ފަރާތްތަކެއްގެ ފޯމްތައްވަނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ހަވާލު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން