ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައި އެކަމާއި ގުޅޭ ގަވާއިދު ގެޒެޓްކޮށްފިއެވެ.

ކަނޑުމަސް ގަތުމުގެ ލައިސަންސް މަސް ގަންނަ ބޭރުގެ އުޅަނދުފަހަރަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމާފައި މިވަނީ ބައެއް ދުވަސްވަރު ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމުގެ ކެޕޭސިޓީ މިފްކޯއާއި ރާއްޖޭގެ މަސް ކުންފުނިތަކުގައި ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލު ކުރުމަށެވެ.

މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހެޅޭނީ، ހަމައެކަނި ސައްތައިންސައްތަ ދިވެހިން ހިއްސާވާ ގޮތަށް ރާއްޖޭގެ ޤާނޫނާ އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށެވެ. އަދި ލައިސެންސަށް އެދި ހުށަހަޅާ ފަރާތުން މަސްގަތުމަށް ބޭނުންކުރަންވާނީ ބޭރުގެ އުޅަނދެއް ކަމަށާއި، ގަވާއިދުގެ ބޭނުމަށް ލައިސެންސަށް އެދި ހުށަހަޅާ ފަރާތް ބަލާނީ، އެއީ މަސް ގަތުމުގައި ބޭނުންކުރާ މަސް ގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ގޮތުގައިކަމަށް ބުނެފައިވެއެވެ.

ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ކަނޑުމަސް ގަތުމަށް ބޭނުންކުރާ މަސްގަންނަ ބޭރުގެ އުޅަނދުގައި 500 މެޓްރިކްޓަނުގެ ކެޕޭސިޓީއެއް ހުރުމަކީ ޝަރުތެކެވެ. ލައިސެންސަށް އެދި ހުށަހަޅަންޖެހެނީ ފިޝަރީޒް މިނިސްޓްރީން މިކަމަށް ޤާއިމްކޮށްފައިވާ ނިޒާމް މެދުވެރިކޮށެވެ.

މި ގަވާއިދުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 މަސް ދުވަހުގެ މުއްދަތަކަށެވެ.

މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާއި ބެހޭ ގަވާއިދުގައިވަނީ މިކަމާއި ގުޅުންހުރި ކުށްތަކާއި އެކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތައްވެސް ބަޔާންކޮށްފައެވެ. އެގޮތުން ލައިސެންސް ނެތި މަސް ގަންނަ ބޭރުގެ އުޅަނދުތައް އަށް ލައްކަަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ވެސް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން