މިއަދުގެ މެޗްގެ ތެރެއިން --
މިއަދުގެ މެޗްގެ ތެރެއިން --
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް، ގްރޫޕް ދޭއްގެ އެއްވަނައަށް އެލްޓީ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އެލްޓީ މޮޅުވީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެޓީމުންކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހިއެވެ. ނަމަވެސް ނިއުގެ ބިދޭސީ މިޑްފީލްޑަރު ފަރުޚް ޚައިދަރޯފް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއާއި އެލްޓީގެ ތަޖުރިބާކާރު ފޯވާޑް އާދަމް ލަރީފް (ރޮނާ) އަށް ގޯލެއް ޖަހަން ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެއެވެ.

މެޗްގެ ދެވަނަ ހާފު ނިއު އިން ފެށީ އުންމީދު އާކުރަމުންނެވެ. އެގޮތުން ދެވަނަ ހާފުގެ 3 ވަނަ މިނެޓުގައި އަޙްމަދު ސުހެއިލް (ބަމްޕުޗް) ނަގައިދިން ބޯޅައަކުން މެޗްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކޯފީ އޮވޫސޫއެވެ. ނަމަވެސް އޭގެ 11 މިނެޓު ފަހުން އެލްޓީގެ ރޮނާ ނަގައިދިން ހުރަހަކުން ހުސެއިން ޝުއައިބް ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ.

މި މެޗުގައި އެލްޓީން ފަހަތުން އަރައި ލީޑު ނަގާފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލީ ޝިޔާހެވެ. އެއަށްފަހު މެޗްގެ 82 ވަނަ މިނެޓްގައި ލަނޑެއް ޖަހާ އަނެއްކާވެސް ނިއު އިން އެއްވަރު ކުރިއެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯފީއެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން އެލްޓީން އަލުން ލީޑު ނެގިއިރު، ރޮނާ ދިން ރީތި ބޯޅައަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިއްސެއެވެ.

އެލްޓީ އަތުން މިމެޗުން މޮޅުވެގެން ނިއުއަށް މި ގުރޫޕުގެ އެއްވަނަ ނުވަތަ ދެވަނައިގެ ގޮތުގައި ސެމީގެ ޖާގައެއް ކަށަވަރު ކުރެވުނީހެވެ. ނަމަވެސް، މިއަދުގެ މެޗުން އެލްޓީއަތުން ބަލިވުމާއެކު، ސެމީގެ ޖާގައެއް ނިއު އަށް ހޯދޭނީ ފަހު މެޗުގައި މިމަހުގެ 11 ވަނަ ދުވަހު މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ.

މި ބައްޔާއެކު ނިއު ޕޮއިންޓު ތާވަލުގެ ދެވަނައަށް ވެއްޓުނުއިރު، އެއްވަނައިގައި އޮތީ އެލްޓީއެވެ. ނިއުއަށް ދެވަނަ ލިބެނީ 5 މެޗުން 12 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އެލްޓީ އޮތީ 5 މެޗުން 13 ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނައިގައި ޓީނޭޖު އޮތީ 4 މެޗުން 9 ޕޮއިންޓާއެކުއެވެ. ޓީނޭޖަށް މިރޭ ބީޖީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެން ދެވަނައަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން