މިނިސްޓަރ މުޙައްމަދު އަސްލަމް (ވ) ކުރީގެ ހައުސިންގ މިނިސްޓަރ އާތިފާ (މ) މި ސަރުކަރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫޢުގެ ބިންގާ އަޅުއްވަނީ
މިނިސްޓަރ މުޙައްމަދު އަސްލަމް (ވ) ކުރީގެ ހައުސިންގ މިނިސްޓަރ އާތިފާ (މ) މި ސަރުކަރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫޢުގެ ބިންގާ އަޅުއްވަނީ
އާގާނޫނު އަސާސީ ތަސްދީގު ކޮށް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ޕާޓީތައް އުފެދި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބު ތަކުން އެގިގެންދިޔައީ އެއްޕާޓީއަކަށް ވެރިކަން ހަވާލުކުރަން ރައްޔިތުން ބޭނުންނުވާކަމެވެ. ނަތީޖާ އަކަށް ވެގެންދަނީ ކޮންމެ ރިޔާސީ އިންތިޚާބެއްގައި ކާމިޔާބު ހޯދަން ބޭނުންވާނަމަ އެޕާޓީއަކުން އެހެން ޕާޓީތަކާއި އެކު ކޯލިޝަން ހަދަން މަޖުބޫރުވުމެވެ.

އެގޮތުން ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. އޭރު އިދިކޮޅަށް އަރާވަޑައިގެން ތިއްބެވި ހުރިހާ ލީޑަރުންގެ ފިކުރު ވިއްކަވައިގެންނެވެ. އެމީހުންގެ އަތުގައި ހިއްޕަވައިގެން ހުންނަވައި އެތަސް ފޮޓޯއަކާއި ވިޑއޯއެއް ރައްޔިތުންނަށް ދައްކަވައިގެންނެވެ. ރައީސް ސޯލިހް ވެރިކަމުގެ ހުވާ ކުރެއްވުމާއެކު ދެން ޖެހިވަަޑައިގަތީ ކޯލިޝަންގެ ބޮޑު ކޭކު ކޯލިޝަންގެ ބައިވެރިންނަށް ބައްސަވާށެވެ. ތަފާތު މިނިސްޓްރީތަކާއި އެތަކެއް ސިޔާސީ މަގާމުތަކެއް އުފައްދަވަން އެމަނިކުފާނަށް މަޖުބޫރުވެވަޑައިގަތީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ދޭންޖެހޭ ހިއްސާ ދެއްވުމަށެވެ.

އެގޮތުން ކުރިން އެއް މިނިސްޓްރީ އެއްގެ ގޮތުގައި މަސައްކަތްތައް ކުރަމުންދިޔަ މިނިސްޓްރީތައްވެސް ދެ ފަޅިކޮށްލައްވަން ވެސް މަޖުބޫރުވިއެވެ. މިނިސްޓްރީތަކުން ކުރަންވީ ނުކުރަންވީ ކަމެއް މެންޑޭޓެއް ނޭގުނު ނަމަވެސް ބައިވެރިން ހުށައަޅާ ބޭފުޅަކަށް ވަޒީރުކަން ދޭން މަޖުބޫރުވިއެވެ. އެގޮތުން ދެބަޔަށް ބައިކޮށްލެއްވި އެއް މިނިސްޓްރީއަކީ ހައުސިންގ މިނިސްޓްރީއެވެ. ދަންނަވަން މިއުޅެނީ އެއްގޮތަކަށްވެސް ދެ ވެރިކަމެއްގައި ހުންނަންވާނީ އެއް ނަންތަކެއް ކިޔާ އެއްގޮތަކަށް ހުންނަ ވުޒާރާތަކެކޭ އެއް ނޫނެވެ. އެގޮތުން ކުރުން އެއްވުޒާރައެއްގެ ގޮތުގައި ހިނގަމުން އައި ހައުސިން މިނިސްޓްރީ ދެބައިކޮށްލައި ޕްލޭނިންގ މިނިސްޓްރީ އުފެއްދެވިއެވެ. އޭގެ ކުރީ ސަރުކާރުގައި އެ ދެ މިނިސްޓްރީއިން ކުރަމުން އައި މަސައްކަތް ކުރަމުން ދިޔައީ ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރު ކަމުގައި އެއް މިނިސްޓްރީއަކުންނެވެ. އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ އިންނެވެ.

ހައުސިން މިނިސްޓްރީ އަކީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުން އައި މިނިސްޓްރީއެކެވެ. ވަރަށް ޒިންމާތައް ގިނަ އަދި ވަރަށް ގިނަ ބައެއްގެ އުއްމީދުތަކާއި ގުޅިފައިވާ މިނިސްޓްރީއެއްވެސް މެއެވެ. ވައްކަމޭ ކޮރަޕްޝަނޭ ކިޔަސް، އަދި ކެއަސް ބައިއެޅިޔަސް، ރައީސް ޔާމިންގެ ސަރުކާރުގައި ހައުސިން މިނިސްޓަރ ކަމުގެ މަގާމުގައި ޑރ.މުހަންމަދު މުއިއްޒު ހުންނަވައިގެން ލީޑަރ ޝިޕް ދައްކަވައިގެން ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމީ ފެންނާން އޮތް ހަގީގަތެކެވެ. އަޅުގަނޑުވެސް މިދަންނަވަނީ ތަރައްގީ އޯކޭއޭ އަދި ވައްކަން އޯކޭއެއް ނޫނޭ އެވެ. އެކަމަކު ވައްކަން ކުރިއޭ ވެސް، ވަގެކޭވެސް ބުނެވޭނީ ނުވަތަ ބުނެވޭން އޮތީ ޝަރުޢީ ކޯޓަކުން ކަމެއް ސާބިތުކޮށްގެންނެވެ. އެތަނުން ސާބިތުކޮށް ނުދޭހާ ހިނދަކު ވަގަށް ގޮވިޔަސް އަސްލު ވަގަކަށް ނުވެއެވެ.

އެއްގޮތަކަށް ވެސް ދައްކަން މިއުޅެނީ ކުރީގެ ސަރުކާރުން ވައްކަން ކުރި ވާހަކައާއި ކޮރަޕްޝަން ހިންގި ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ އޭރުގައި ހައުސިންގ މިނިސްޓްރީން ކޮށްފައި ހުރި މަސައްކަތްތަކެއް ފެންނާން ހުރި ވާހަކައެވެ.

ހުޅުމާލޭގައި އެޅި 7000 ހައުސިން ޔުނިޓާ، ސިނަމާލެ ބުރިޖާއި، ރިންގްރޯޑާއި، މާލެ އާއި އެކި ރަށްރަށުގައި ޕާކްތައް ތަރައްގީ ކުރުމާއި، ރަށްރަށުގެ ބަނދަރުތައް ހެދުމާއި ބިންހިއްކުމާއި ރަސްފަންނާއި ސުނާމީ ބިނާއާއި އިސްލާމިކް މަރުކަޒުގެ ބޭރުގައި މާބުލްޖެހުމާއި މިހެންގޮސް ބައެއް ކަންކަން "މުއިއްޒު" ވާގޮތަށް ކުރިއަސް އޭރުގެ ސަރުކާރުން ހިންގި ތަރައްގީގެ ޕޮރެޖްކްޓް ތައް ހިންގުމުގައި ހައުސިން މިނިސްޓްރީ އިން ވަރަށް އިސްރޯލެއް އަދާކުރިއެވެ. އެހާގިނަ ކަންތައްތައް ކުރާއިރު އަތުން ވެސް ކަމެއް ދޫވެފައި ހުރެދާނެއެވެ. މުއިއްޒުވުން އޭ ކިޔާ ފާޑުކިޔަސް ޑރ.މުއިއްޒަކީ ގޮނޑި ހޫނުކުރަން އިންނެވުމުގެ ބަދަލުގައި މިނިސްޓްރީގެ މަސައްކަތް ގާތުން ބައްލަވައި އިރުޝާދުތައް ދެއްވަމުން ގެންދެވި ހިންގުންތެރި ވަޒީރެކެވެ. މުއިއްޒުގެ ލީޑަރ ޝިޕްގެ ދަށުން ކާމިޔާބު ކަމާއެކު އުމުރާނީ ތަރައްގީގެ ބޮޑެތި ޕޮރެޖެކްޓްތައް ނިމިގެންދިޔުމުގެ ސިއްރަކީވެސް އެއީއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ބާރަށް ތަރައްގީގެ އެކި މަޝްރޫއުތައް ހިންގި މިނިސްޓްރީ މި ސަރުކާރު ވެރިކަމަށް އައުމާ އެކު މަސައްކަތްތައް ދެބައިވެ ގިނަ މަސައްކަތްތަކެއް ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން ހައުސިން މިނިސްޓްރީ އާއި ޕުލޭނިންގގެ މެންޓޭޑް އޮޅުން ބޮޅުންވިއެވެ. މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އޮތީ ރާއްޖޭގެ އެކި ހިސާބުގައި ގެދޮރު އެޅުމުުގެ މަސައްކަތެވެ. ހައުސިން މިނިސްޓަރު އާމިނަތު އާތިފާ މަގާމުން އިސްތިއުފާ ދެއްވުމާއިއެކު ރައީސް ސޯލިހް އިއްޔެ މިނިސްޓްރީ އުވާލައްވައި ހައުސިން މިނިސްޓްރީގެ ހުރިހާ މަސައްކަތްތައް ޕުުލޭނިންގ މިނިސްޓްރީގެ ދަށައް ބަދަލުކުރައްވައިފިއެވެ. މިގޮތަށް ހަމަޖެހުމާ އެކު ކުރިން ހައުސިން މިނިސްޓްރީގައި ތިބި ހުރިހާ މުވައްޒަފުން ދެން ބަދަލުވާނީ ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ދަށަށެވެ. ޕްލޭނިން މިނިސްޓަރުގެ މަގާމުގައި މިވަގުތު ހުންނެވީ އެމްޑީޕީގެ އިސްބޭފުޅެއް ކަމަށްވާ މުހައްމަދު އަސްލަމެވެ. އާ މިނިސްޓްރީގެ މިނިސްޓަރުކަން ވެސް ކުރައްވާނީ އަސްލަމުކަމައިމެދަކު އެއްވެސް ޝައްކެއް ނެތެވެ. ގާނޫނީ ގޮތުން އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރުހުން ލިބިގެންނެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ.

ކޮންމެއަކަސް އަސްލަމްގެ މިނިސްޓްރީ ބޮޑުވީއެވެ. ހައިބަތުވެސް ބޮޑުވީއެވެ. އަދާކުރަންޖެހޭ ޒިންމާ ތަކާއި މަސްއޫލިއްޔަތު އިތުރުވީއެވެ. ކުރިން މާބޮޑު ހަރަކާތެއް އަސްލަމްގެ ފަރާތުން ނުފެނުނީ ސައިޒު ކުޑަކަމުން ނޫނީ އާރާއި ބާރު ކުޑަކަމުން ކަމަށްވާނަމަ ނުލިބިގެން އުޅުނު އާރާއި ބާރު ވެސް ލިބުނީއެވެ. ދެން އޮތީ ނަތީޖަ ނެރެދެއްވުމެވެ. އާތިފާއަށް މުރަނަކޮށް އުޅުއްވަން ކެރިވަޑައި ނުގެންނެވިއަސް އަސްލަމަށް އެހެން ވެގެން ނުވާނެތާއެވެ. އާތިފާއަށް އެޖެންޑާ 19 އެނގިވަޑައި ނުގަތަސް އަދި އޭގައި އޮތް އެއްޗެއް ފަހުން ނުވިއަސް އަސްލަމަށް ވުރެ ރަނގަޅަށް އެޖެންޑާ 19 އެނގިވަޑައިގަންނަވާނެ ބޭފުޅަކު ނުހުންނާނެއޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

އެޖެންޑާ 19 ގައިވެސް އެންމެ "ބޯކޮށް" އޮތް އެކައްޗަކީ ބޯހިޔާވަހި ކަމުގެ ވަޢުދު ފުއްދަން އަޅާ ފްލެޓެވެ. އެހެންވީމާ ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހި ކަމުގެ ވައުދު ފުއްދަވާ ދެއްވާށެވެ. މިހާރު ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯއްނާއެވެ. އަސްލަމަކީ މަގާމަށް ގާބިލް ތަޖުރިބާކާރު ބޭފުޅެކެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ވަޒީރުކަން ކުރެއްވިއެވެ.

ޝައްކެއްވެސް ނެތެވެ. ބޯހިޔާވަހި ކަމުގެ މައްސަލައަކީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މިމައްސަލަ އަށް އެދެވޭ ހައްލެއް މިހާތަނަށްވެސް ހޯދައިދެވިފައިނުވާއިރު އެކަމުގެ ސަބަބުން އިޖުތިމާއީ އެތަކެއް މައްސަލަތަކެއް ކުރިމަތިވެއެވެ. ހައްލެއް ނާދެއެވެ. ޕުލޭނިންގ މިނިސްޓަރ އަސްލަމް އަށް ލިބިވަޑައިގެންނެވި ފުރުސަތުގެ ބޭނުން ހިއްޕަވައިގެން ނަތީޖާ ނެރެދެއްވައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހި ކަމުގެ ވައުދު ފުއްދަވައިދެއްވާށެވެ. ކުރީގެ ސަރުކާރޭ، ކޮތަރު ކޮށްޓެކޭ ބަކަރިކޮށްޓެކޭ "ފަޅޮލޭ" ނުކިޔާ ކޮތަރު ކޮށި ކަމު ނުދަންޏާ ބަކަރި ކޮށްޓާއި ގެރިކޮށިވެސް އަޅަން ވީއެވެ.

20000 ހައުސިން ޔުނިޓް އަޅާންވީ ވައުދު ފުއްދަވާށެވެ. ޖިންނީން ގެނެސްގެން ވެސް 20000 ހައުސިން ޔުނިޓް މި ފަސްއަހަރު ތެރޭގައި ނޭޅޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު އެވެރިންނަށް ގޮންޖަހާލާފައި އެ ހައުސިން ޔުނިޓްތައް އަޅުއްވައި ރައްޔިތުންގެ ރުހުމާއި ތާއިދު ހޯއްދަވަން މަސައްކަތް ކުރައްވައި އެފަރާތްތަކުގެ އަނގަަބަންދު ކޮށްދެއްވާށެވެ.

މަސައްކަތުގެ މައިދާނުގައި އޮންނަނީ މިގޮތެވެ. ކިތަންމެ ގާބިލް ކިތަންމެ ތަޖުރިބާ ހުރި އަދި ކިތަންމެ މޮޅު ކުޅުންތެރިއަކަށް ވިޔަސް އަމަލީ މައިދާނަށް ކުޅެލަން ދަނޑަށް ނާރަންޏާ ބޯޅައިގައި ޖަހާންވީ ބާރުމިނެއް ނޭނގޭނެއެވެ. މޭޒު ދޮށުގައި ބިނދައި އިނދެގެން ފުރިހަމައަށް މަސްއޫލިއްޔަތު އަދައެއް ނުކުރެވޭނެއެވެ. މިއީ އަސްލަމްގެ ކިބައިގައި ހުންނާނެ ނޫނީ ހުރި ސިފަތަނެއް ކަމަކަށް އެއްގޮތަކަށް ވެސް ދަންނަވަނީއަކީ ނޫނެނެވެ.

އާތިފާގެ ވާހަކައިން ތަރުޖަމާ ކުރެވުނީ އަދި ހަމަ އެބުނާ 20 ހާސް ހައުސިންގ ޔުނިޓަކީ ކަރުދާހުގައި ހުރި އަދަދު ތަކެއް ކަމެވެ. ވިއްޔާވެސް ވީ ވަރަށް ކުޑަ ވަރެކެވެ. ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް ވިދާޅުވާ ގޮތަށް ތާކު ނުޖެހޭ "ދަމާކަނޑާ މީހުން" ހޯދައިގެން ފްލެޓް އަޅަން ހަވާކުކުރީމާ ލާރިބަލައި ދިޔަގޮތަށް އެމީހުންގެ ޚަބަރެއް ނުވިޔަސް އެމީހުން އަންނާނެ ކަމަށް އިންތިޒާރު ކުރައްވައިގެން ނުހުންނަވާށެވެ. ވަގުތެއް ނެތެވެ. މިދިޔަ ސަރުކާރަށް ވެސް އަސްލު ވަރު ދައްކާ ނުލެވުނީ ދައުރުގެ ކުރީކަޮޅު ސަލީމް އެވިދާޅުވާ ކަހަލަ "ދަމާކަނޑާ މީހުން" ހޯދައިގެން އެކަން ކުރަން އުޅުނީމައެވެ.


ކިޔުންތެރިންގެ ހިޔާލު


16

އަބްދުއްލަޠީފު

13-Jun-2020

ހައްހައްހައްހާ................... ތިޔަ އުޅެނީ އަނެއް 720 މިލިޔަން ދިރުވާލުމުގެ ފުރުޞަތު ދޭން. ކުރީފަހަރުވެސް ބަޖެޓަށް ހޭއަރުވާލި އެކަކުތީ. މައްސަލަވީހިސާބެއް ދެނެހުރި މީހަކުވެސް މިހާރު ނުހުންނާނެ


6

އަހުމަދު

12-Jun-2020

އަސްލަންޓޭ ފިސަަރި ފިރިހެނަކަށް ވެގެނ މިކަން ވާނީ.. ޢަހަރެމެން މިތިބީ ބަލަނ އެގިދާނެތާ ވަނެ އެއްޗެއް


13

ހަސަން

12-Jun-2020

އަނގަ ވަށް ކޮށްފަ ހުސްވާހަކަ ދައްކާ ވަޒީރެއް ތިޔައީ އެއްވެސް ކަމެއް ނުކުރެވޭނެ އަމުދުން އޭނާ ބަޔަކަށް އެކަން ވިޔަކަވެސް ނުދޭނެ އަންނި ގެ ޕަޕެޓެއް


-7

މޮހޮދޭ

12-Jun-2020

އަސްލަންޓޭ އަށް ކުރެވޭނީ ހުސް ދިރާސާ ހަރަކާނިކަންލަސް ބަރުހެލި މީހެއް ތީ އިބޫ ގެ ބޯހިޔާވަހިކަމުގެ ބޮޑު ވައުދު ފުއްދިޔަ ނުދޭން އަންނި ލައިގެން އުޅޭ މީހެއް މުއިއްޒު ކަހަލަ ހިންގުންތެރިޔަކު ލައިގެން ނޫނީ ނުވާނެ


11

އަސްލަމް

12-Jun-2020

އަސްލަންޓޭ އަކީ ފޭލިޔަރެއް



ޓްރެންޑިން