ޑާކްވެބްގައި ބޭންކް އޮފް މޯލްޑިވްސްގެ 350 ވަރަކަށް ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ލީކް ކޮށްލާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

މިކަމާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވަނީ ބޭންކު މެދުވެރިކޮށް އެއްވެސް މައުލޫމާތެއް ލީކުވެފައި ނުވާކަމަށެވެ. ނަމަވެސް، އެ ބޭންކާއެކު ކާޑުގެ ވިޔަފާރީގެ މުއާމަލާތްކުރާ ބޭރުގެ ފަރާތަކުން، އެފަދަ މައުލޫމާތު ތަކެއް ލީކުވެފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު، ބޭންކަށް އަންގާފައިވާ ކަމަށާއި، އޭގެ ސަބަބުން ބީއެމްއެލްގެ 350 ކާޑަށް އަސަރުކޮށްފައިވާކަމަށް ބީއެމްއެލުން ބުނެފައި ވެއެވެ.

އެހެން ކަމުން، އެ ކާޑުތައް މިހާރުވަނީ ޑިއެކްޓިވޭޓު ކުރެވިފައި ކަމަށާއި އާ ކާޑުތައް މިހާރު ކަސްޓަމަރުންނަށް ދޫކުރަމުން ދާކަމަށް ބީއެމްއެލުގެ ބަޔާނުގައި ބުނެފައިވެއެވެ. ވިޔަފާރިތަކުން މައުލޫމާތު ލީކުވެ ދިމާވާ މިކަހަލަ ކަންކަމުގައި އެއްވެސް ކަސްޓަމަރަކަށް މާލީ ގޮތުން ގެއްލުމެއް ނުވާނެ ކަމަށްވެސް ބޭންކުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކާޑުގެ މައުލޫމާތުތަކަކީ އެ ބޭންކުން ވަރަށް ރައްކާތެރިކަމާއެކު ބަލަހައްޓަމުން އަންނަ މައުލޫމާތުތަކެއް ކަމަށާއި އެކަމާ ގުޅޭ ޝަކުވާތައް އަބަދުވެސް ތަހުގީގުކުރާނެ ކަމަށް ބީއެމްއެލުން މިރޭ އާންމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވެއެވެ. ބީއެމްއެލުން މިރޭ އެކަމުގެ މައުލޫމާތު އާންމުކޮށްފައި މިވަނީ އެބޭންކުގެ 500 އަށްވުރެ ގިނަ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ޑާކް ވެބުގައި ލީކުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެވާހަކަ ދައުރުވާން ފެށުމުންނެވެ.

ބޭންކުން ކަސްޓަމަރުންގެ ކާޑްގެ މައުލޫމާތު ލީކުވެފައިނުވާނެ ކަމުގެ ޔަގީން ކަން ދީފައިވާއިރު ބައެއްފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރޗަންޓުންނާއި އީކޮމަރސް މަރޗަންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތު މިފަދަ ގޮތަކަށް އާންމުވާ ހާލަތުގައި ޑާރކް ވެބްގައި މި މައުލޫމާތުތައް ހާމަކޮށްފައި ހުންނަ ކަން ބީއެމްއެލުން ފާހަގަކޮށްފައި ވެއެވެ.

ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެފަދަ އަމަލެއް ހިނގަމުންދޭތޯ ކާޑު އެސޯސިއޭޝަންތަކާއެކު ބޭންކުން އަބަދުވެސް މޮނީޓާ ކުރަމުން އަންނަ ކަމަށްވެސް ބޭންކުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން