ރާއްޖޭގައި އުފެދުނު މީގެކުރީގެ ސަރުކާރުތަކަށް ގަބޫލުކުރެވިފައި އޮތީ ތަރައްގީއާއި ތަހުޒީބާއި އަސާސީ ޚިދުމަތްތަކަކީ ވަކި ބަޔަކަށް ހައްގުވާ އެއްޗެއްގެ ގޮތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ރާއްޖެތެރޭގެ ރަށަކަށް ވަޑައިގެންނެވުމަކީ ވަކިން ޚާއްޞަ މުނާސަބަތެއްގެ ގޮތުގައި ފާހަގަ ކުރަންޖެހޭ ކަމެއްކަމަށެވެ. ކުދިބޮޑު އެންމެން ނުކުމެ އަވީލައިގެން ތިބެ ލަވަކިޔައި ބެރުޖަހައި ނަށާ ސަނާކިޔަންޖެހޭ ކަމެއް ކަމަށެވެ. ސާފު ބޯފެނާ ނަރުދަމާއާއި 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތާއި ސިއްޚީ ޚިދުމަތާއި ރަނގަޅު ތަޢުލީމަކީ ރައްޔިތުން ވެރިމީހާއަށް އާދޭސްކޮށްގެން ކޮށްދޭންޖެހޭ ކަންކަން ކަމަށެވެ. ނޫނީ ވަކި ބަޔަކަށް ވޯޓުދިނީމާ ކޮށްދޭންޖެހޭ ކަންކަން ކަމަށެވެ. ނޫނީ ވަކި ވަރަކަށް އާބާދީ އިތުރުވީމާ ކޮށްދޭންޖެހޭ ކަންކަން ކަމަށެވެ.

ފަހަރެއްގައި މިގޮތަށް ވިސްނިފައި އޮތީ މީގެކުރިން ހަތަރު ކަށިމަތި މާލެއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ރާއްޖޭގެ ވެރިކަން ކުރަށްވާފައިވާތީ ވެފައި އޮތްގޮތެއް ކަމަށްވެސް ވެދާނެއެވެ. އެހެންކަމުން މީގެކުރީގެ ވެރިކަންތަކުގައި ރާއްޖެ ތެރޭގެ ގިނަ ރަށްތައް ވަނީ ބާކީކޮށް އެކަހެރިކޮށްލާފައެެވެ. ދައުލަތުގެ ބަޖެޓުގެ ހަގީގީ މަންފާއާއި ފޮނި މީރުކަމުން ރާއްޖެ ތެރެ ވަނީ ވަރަށް ބޮޑަށް މަހުރޫމްވެފައެވެ.

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީން ދައުލަތަށް ލާޒިމްކުރާ  އެންމެ އަސާސީ ހައްގުތައް ރާއްޖެ ތެރޭގެ ރައްޔިތުންނަކަށް ނުލިބެއެވެ. ރަނގަޅު ތައުލީމާއި ބޭސްފަރުވާ ކުރުމާއި ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ރާއްޖެ ތެރޭގެ ރައްޔިތުން ތިބޭތާ ލައްކަ ޒަމާންވެއްޖެއެވެ. އަސާސީ ހައްގުތަކާއި އުމުރާނީ ތަރައްގީ ޕްރޮޖެކްޓްތައް ހިންގަނީ ވެރިކަން ކުރާ ރަށުގައާއި ވެރިކަންކުރާ މީހާއަށް ފެނިވަޑައިގަންނަވާ ވަކިރަށްތަކެއްގައެވެ.



ރާއްޖެ ތެރޭގެ ރައްޔިތުން މާލެ އަންނަން ކުޑަ ސިޓީ ހައްދަން ޖެހުނު ޒަމާން ވެސް ދިވެހިން ދެކެފިއެވެ. ވެރިކަމުގައި ހުންނަ މީހެއްގެ ހެޔޮފުޅުކަމުން ރާއްޖޭގެ ރަށްރަށަށް ކަންކަން ކޮށްދިން ޒަމާނެއްވެސް އައެވެ. މި ވާހަކަ ކިތަންމެ ދިގުކޮށް ވެސް ދެއްކިދާނެއެވެ. އެހެންކަމުން މި ވާހަކަ ކުރު ކޮށްލާފައި އަސްލު މައުޟޫއަށް ޖެހިލާނަމެވެ.

ރާއްޖެތެރޭގެ ރަށަަަކަށް ނިސްބަތްވެވަޑައިގަންނަވާ ރައީސްގެ މިހިނގާ ވެރިކަމާއެކު އަތޮޅުތަކުގެ ރަށްތައް ކުރިން ބާކީކޮށް އެކަހެރި ކޮށްފައި އޮތް އޮތުންް ނިމުމަކަށް އައީއެެވެ.  ރާއްޖެ ތެރޭގެ "ނިކަމެތި" ރައްޔިތުން ދިރިއުޅެމުންދާ ހާލު ލޮލުން ދެކެ އަތުން ހިފާފައިވާ ރައީސެއް ލިބުމަކީ ރާއްޖެ ތެރޭގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުއްމީދެކެވެ. އެމަނިކުފާނު ވެވަޑައިގެންނެވީ އެއްކަލަ ރައްޔިތުން ދިރިއުޅޭ ހާލު ވަރަށް ރަނގަޅަށް ތަސައްވަރު ކުރެއްވޭ ރައީސަކަށެވެ. 

އެމަނިކުފާނު ވެވަޑައިގެންނެވީ ރާއްޖެތެރޭގެ ރައްޔިތުންވެސް ގައިން ތާހިރުވެގެން ތިބެން ޖެހޭކަން ގަބޫލުފުޅުކުރައްވާ ރައީސަކަށެވެ. އެމަނިކުފާނު ވެވަޑައިގެންނެވީ ރާއްޖެތެރޭގެ މީހުން ސިއްހީ ފަރުވާއާއި މަތީ ތަޢުލީމު ހޯދަން ވެރިރަށަށް އަންނަން ނުޖެހޭނެކަން ގަބޫލުފުޅު ކުރަށްވާ ރައީސަކަށެވެ. އެމަނިކުފާނު ވެވަޑައިގެންނެވީ ރާއްޖެތެރޭގެ މީހުން ރަށުބަންދުގައި ތިބެން ނުޖެހޭނެކަން ގަބޫލުފުޅު ކުރަށްވާ ރައީސަކަށެވެ.



ތެދެކެެވެ. ރާއްޖެތެރޭގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ރާއްޖެ ތެރޭގެ މީހަކަށެވެ. އަމިއްލަ ތަޖުރިބާގެ އަލީގައި ރާއްޖެތެރޭގެ ރައްޔިތުންގެ ހާލަތު ބަދަލުވާންޖެހޭކަން ރައީސް ސާލިޙަށް ގަބޫލުފުޅުކުރެއްވުނެެވެ. ކަންވީވެސް އެހެންނެެވެ. އެއްވެސް ރައްޔިތެއް، ރަށެއް ބާކީ ނުކުރައްވާނެ ކަމުގެ ވައުދާއެކު ރައީސް ސާލިޙު ވެރިކަމަށް ވަޑައިގެން އިންގިލާބީ ބޮޑެތި ބަދަލުތަކެއް ރާއްޖެ ތެެރެއަށް ގެންނަވައިފިއެެވެ.

ބަޔަކަށް ގަބޫލު ނުކުރެވުނަސް މިއީ ހަގީގަތެކެެވެ. ރާއްޖޭގެ އެތައް ރައީސުން ވެެރިކަން ކުރެއްވިތަން ދިވެހިން ދެކެފިއެވެ. އެހެން ނަމަވެސް ކުރީން ވެރިކަން ކުރެއްވި ރައީސުންނާއި ޚިލާފަށް ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ޚިދުމަތްތަކުން ފެށިގެން ރަށްފުށުގެ އިޖުތިމާއި އަދި އުމްރާނީ ތަރައްގީ އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ވަކާލާތު ކުރަށްވައި އެކަން ހަގީގަތަކަށް ހައްދަވައިދެއްވުމުގެ ރިކޯޑް ލިބިވަޑައިގެންނެވި ހަމައެކަނި ވެރިއަކީ ރައީސް ސާލިހެވެ.

ރާއްްޖޭގެ ވެރިކަމުގެ ދިގު މާޒީގައި އަތޮޅު ތެރޭގެ ނިކަމެތި ރައްޔިތުމީހާގެ ދިރިއުޅުން އެނގޭ ވެރިއަކު ދިވެހިންނަށް ލިބުނީ އަދި ކިރިޔާއެެވެ. ރާއްޖެ ތެރޭގެ ރައީސްގެ އަމާޒު ހުރީ ރައްޔިތުމީހާ ހުރި ރަށެއްގައި ހުރެގެން ރައްޔިތު މީހާގެ ޖީބަށް ބުރަނުވެ އެ ރައްޔިތު މީހާއަށް ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައް ލިބި އަދި އޭނާގެ ދަރިންނަށް ރަނގަޅު ތައުލީމެއް ލިބި ރަނގަޅު ކާނާ ލިބި އެކަށީގެންވާ ބޭސްފަރުވާއާއި ދުޅަހެއުކަން ލިބި ރަނގަޅު އިގްތިސާދީ މާހާއުލެއްގެ ތެރޭގައި ބޮޑުވެ މަތީ ތައުލީމަށްފަހު ރަށުގައި ހުރެގެން ރަނގަޅު ވަޒީފާއެއް އަދާކުރެވޭނެ އަދި ރަނގަޅު މުސާރައެއް ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ.



ރާއްޖެތެރޭގެ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމުގެ މަސައްކަތް ރައްޔިތުންނަށް ފެނި އިހުސާސް ކުރެވެންފެށީ އަދި ކިރިޔާއެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރުޓީއެލް ފެރީގެ ނިޒާމާއިއެކު ރައްޔިތުން އެއްރަށުން އަނެއް ރަށައް ދަތުރުކުރަން ކުރަންޖެހޭ ބޮޑެތި ހޭދަތަކާއި އުފުލަންޖެހޭ އެތައް ތަކުލީފުތަކަށް ނިމުން ގެނެސްދީފިއެވެ. ރައްޔިތުން ރަށު ބަންދުން ވީއްލިއްޖެއެވެ. އޭގެ ސަބަބުން ވިޔަފާރިތަކަށް ނަފާ ލިބި އިގްތިސާދީ ހަަރަކާތްތަކަށް ދިރުން އައިސް ރައްޔިތުން ޖީބަށް ވަންނަ ފައިސާ އިތުރުވީއެވެ.

ވަޒީފާއެއް ނެތި ގޮތް ހުސްވެފައިތި އެތަށް ޒުވާނުންނަކަށް އާރުޓީއެލްގެ ފެރީގެ ނިޒާމުން ވަޒީފާގެ ފުރުސަތު ހުޅުވުމުން އެތައް ޒުވާނުންނާއި އެ ޒުވާނުންގެ އާއިލާތައް މިއަދު އެ ތިބީ އުފަލުން ފޮޅިފައެވެެ. ރާއްޖޭގެ އެތައް ރަށެއްގެ ބަނދަރު ހެދުމާއި ބިން ހިއްކުމާއި މަގު ހެދުމާއި އެއާޕޯޓް އެޅުން ފަދަ އުމުރާނީ ތަރައްގީގެ ގިނަ ޕްރޮޖެކެޓްތައް ފަށައި ނިންމައި އިފްތިތާހު ކޮށްފިއެވެ. އަދިވެސް އެކަންކަން އެދަނީ ހުއްޓުމެއްނެތި ބާރަށް ކުރިއަށެވެ.



ރައްޔިތުން ދިރިއުޅޭ ހިސާބުތަކުގައި ހުރި ގެދަބުޅި އަޑުގަދަ އިންޖީނުގެތަކުގެ ސަބަބުން ރައްޔިތުންނަށް ހަމަނިދި ނުލިބި ދުމުގެ އުނދަގޫ ފޯރައި ރައްޔިތުން އެތައް ޒަމާނެއް ވަންދެން އުފުލަންޖެހުނު އެ ތަކުލީފު ތަކަށް ނިމުން ގެނެސްދިނީ ރައީސް ސާލިޙުގެ ސަރުކާރުންނެވެ. ސަލާން ޖަހައިގެން، ލޯނު ނަގައިގެން ރައްޔިތުންގެ ދަރީންގެ މަތީ ތައުލީމަށް ކުރަމުންދިޔަ ހޭދައާއި އުފުލި ތަކުލީފު ނިމުމަކަށް އައީ ރައީސް ޞާލިހު ތަޢާރަފު ކުރެއްވި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ސަބަބުންނެވެ.

ތަކަންދޫ ހަސަންފުޅުބެ ބުނީ މިހާރު ދަރީންނަށް ތައުލީމުދޭން އެއްވެސް ތަކުލީފެއް އުފުލާން ނުޖެހޭ ކަމަށެވެ. ނޭކުރެންދޫ އަލީ ބުނީ އަންހެނުން ކިތަންމެ ވަރަކަށް ބަލިވެ އިނަސް މިހާރު ހާސްކަމެއް ނެތް ކަމަށެވެ. އޭނާ ބުނީ މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކޮންމެ ދުވަކު ގޮސް އައިސް ހެދޭނެ މަގު ރައީސް ޞާލިހު އެއޮތީ ފަހިކޮށްދެއްވާފައި ކަމަށެވެ. ހަސަންބެ މިހާރު ހުރީ އޭނާގެ ދަނޑުން ލިބޭ ހުރިހާ ތަރުކާރީއެއް އެގްރޯ ކުންފުންޏަށް ވިއްކާލެވޭތީ އުފަލުން ފޮޅިފައެވެ. މަދީހާގެ އާއިލާއިން އެންމެ އުފާވަނީ ނަޖިސް ފިލުވައިގެން މިހާރު ގައިން ތާހިރުވެވޭތީއެވެ. ކުރިން މިފަދަ އެތައް އެތައް ކަމަކުން މަހުރޫމްވެފައި ތިބި ރާއްޖެތެރޭގެ ރައްޔިތުން މިއަދު ތިބީ އުފަލުން ފޮޅިފައެވެ.



ޓީޗަރުންގެ މުސާރަ ބޮޑުކޮށް ޓީޗަރުންނަށް ހިނިތުންވުން ގެނެސްދިނީ މި ސަރުކާރުންނެެވެ. ޓީޗަރުންނާއި ޓީޗަރުންގެ އާއިލާތަކުގެ ދިރިއުޅުމުގެ އާންމު ހާލަތު މިއަދު ބަދަލުވެއްޖެއެެވެ. ދެން އޮތީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ ވާހަކައެެވެ. ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އޮތީ ހިމަނާފައެވެ.

މި ދެންނެވި ކަންކަމަކީ ރާއްޖެތެރޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު އަންނާނެ ކަންކަމެެވެ. މި ލިސްޓު ކިތަންމެ ހާވެސް ދިގެވެ. މި ދެންނެވި ކަންކަމަކީ ދިވެހި ރައްޔިތުން މިއިން ޒަމާނަކު ވެސް ނުދޭކޭ ފަދަ އިންގިލާބީ ބޮޑެތި ބަދަލުތަކެއްކަން ޔަގީނެވެެ.

މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. ރައްޔިތުންގެ ޝުއޫރެވެ. ރާއްޖެތެރޭގެ ރައީސެއް ވެރިކަމަށް ވަޑައިގަތުމުގެ ފައިދާ މިފަހަރު ހަމަ ހަގީގަތުގައިވެސް ރާއްޖެ ތެރެއަށްކޮށްފިއެވެ. އަސާސީ ޚިދުމަތްތަކާއެކު ރާއްޖޭގެ ރަށްތަކުގައި ހިންގާފައިވާ އަދި ހިންގަމުންދާ ޕްރޮޖެކްޓްތައް އެހެރީ ފެންނާށެވެ. މިކަންކަމާއެކު ރާއްޖެތެރޭގެ ރައްޔިތުންގެ ހިތްތަށް ރައީސް ސާލިޙު ފަތަޙަ ކޮށްފިއެެވެ. ރާއްޖެތެރޭގައި އެމަނިކުފާނުގެ ވިދުން ގަދަވެ ތާއިދު އިތުރުވަމުންދާކަމީ މިއަދުގެ ބޮޑުމަންޒަރެވެ. ހަގީގަތެވެ.


ކިޔުންތެރިންގެ ހިޔާލު


-11

ނ

26-Nov-2022

ދިވެހި ރައްޔިތުންނޭހަމަ ހަމަ ކަމޭ ހުރިހާރައްޔިތުންނޭކިޔާ އިރު ، ލިޔާއިރު ކިތައް ރައްޔިތުންނަށް ލިބުނީ . ކިތައް ރައްޔިތުންނަށް ނުލިބެނީ . އަހަރެންނަކަށް ތިއިން ކަމަކުން ފައިދާއެއް ނުކުރާނަމަ ލިޔެވޭނީ އެއް ކަމެއް ވެސް ނުވެއޭ ނުލިބެއޭ . ލިބެންއޮތް އެއްޗެއް ގެއްލުނިއްޔޭ. އަހަރެންނަކަށް ނޭގޭތިހުރިހާކަމެއް . ދަރިންނަށް ޓިއުޝަން ދީގެން ކިޔަވާދެނީ . ދަރިންގެ މަސައްކަތުން ފައިސާހަރަދު ކޮއްގެން ކަމެއް ވަނީ . ލިބެން ޖެހޭއެއްޗެއް ލިބޭނެ ކޮންމެ ސަރުކާރެއް އޮތަސް .


3

އިބްރާ

09-Nov-2022

ނޫސްތަކަށް ފައިސާދީގެން ދޮގު ޚަބަރުފެތުރިއަސް ދޮންދުބުރި އަނބަކަށެއްނުވާނެ. ﷲ އިރާދަކުރެއްވިއްޔާ 2023ގައި ބޮޑުތަނުން އިންޑިއާ އައުޓްވާނެ.


-5

ޠަހުޔާ

09-Nov-2022

ޥަރަށް ރަނގަޅު މީގަ އަދިވެސް ސަލިހު ކޮށްދިން ގިނަކަން މީގަބނެތެއްނުންތަ ކޮބާ މިނިމަމް ވޭޖު ކޮބާ ބޯހިޔާވަހި ކަމަށް އެކުރާ މަސައްކަތް


6

ނާރެސް

09-Nov-2022

ކިހާފައިސާކޮޅަކައްބާ???މިގައުމުގެ ދީނާސަގާފަތް ބޭރުބަޔަކައްވިއްކާލި ވެރިޔަކީ ސޯލިހު ދީނައްފުރައްސާރަކުރިސަރުކާރަކީ ސޯލިހު އެންމެގިނަމަރު އެންމެބޮޑު ހިޔާނާތް ރޭޕްކޭސް މުޅިގައުމުގާއިންޑިޔާގެބާރުމިއީގައުމައްގައްދާރުންވި މުޅިގައުމުސަތޭކަތޭރަބިލިއަނައްގައުމުދަރުވާލި އިންސާފުއަރާހަމަކުރާނެ ދެހާސްތޭވީސްް ދޭންހެޔޮނުވާނެ ގައުމައްޓާކާވެސް އިބޫ އެކީނާގާބިލްވެރިއެއް???


0

ނާރެސް

09-Nov-2022

ކިހާފައިސާކޮޅަކައްބާ???މިގައުމުގެ ދީނާސަގާފަތް ބޭރުބަޔަކައްވިއްކާލި ވެރިޔަކީ ސޯލިހު ދީނައްފުރައްސާރަކުރިސަރުކާރަކީ ސޯލިހު އެންމެގިނަމަރު އެންމެބޮޑު ހިޔާނާތް ރޭޕްކޭސް މުޅިގައުމުގާއިންޑިޔާގެބާރުމިއީގައުމައްގައްދާރުންވި މުޅިގައުމުސަތޭކަތޭރަބިލިއަނައްގައުމުދަރުވާލި އިންސާފުއަރާހަމަކުރާނެ ދެހާސްތޭވީސްް ދޭންހެޔޮނުވާނެ ގައުމައްޓާކާވެސް އިބޫ އެކީނާގާބިލްވެރިއެއް???



ޓްރެންޑިން