ޤަތަރުގެ އަލްބައިތު ސްޓޭޑިއަމްގައި ބޭއްވި މިއަހަރުގެ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި އެންމެ ފާހަގަވެގެންދިޔަ ތަރިއަކީ ޒުވާން ޣާނިމެވެ. ނަމަވެސް އޭނާ މިމުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ފާހަގަ ކުރެވުނީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތަކު ނޫނެވެ. މުޅި ދުނިޔެއަށް ގަތަރުން ދައްކުވައިދިން ވަރުގަދަ ދިރިހުރި ނަމޫނާއެއްގެ ގޮތުގައެވެ. އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ އިންސާނަކު މުޖުތަމަޢުން ބާކީ ކޮށްލަން ނުވަތަ ބާކީވެގެންދާން ނުޖެހޭނެ ކަމުގެ ދިރިހުރި ރިވެތި މިސާލެއްގެ ގޮތުގައެވެ.


ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޣާނިމް ފެނިގެންދިޔައީ މޯގަން ފްރީމަން އާއި އެކުއެވެ. ހަށިގަނޑުގައި އުނިކަމެއް ހުއްޓަސް އުމުރުން 20 އަހަރުގެ ގަތަރުގެ ޣާނިމް އަލް މުފްތާހް ވަނީ ގިނަ ބަޔަކަށް ނަމޫނާއަކަށް ވެފައެވެ. މިއީ މިފަހަރުގެ މުބާރާތް ބާއްވާ ގައުމުގެ ތަފާތު ކަމާއި ފެށުން ވެސް ތަފާތުކަން ގަތަރުން ދައްކުވައިދިން ގިނަ ބައެއްގެ ހިތަށް އަސަރުކޮށްލި ކަމެކެވެ. ހަމަހަމަކަމާއި އިންސާފަށް ގޮވާ އެކަމަށް ދައުވާ ކުރާ ހުޅަނގުގެ ގައުމުތަކުގެ މޫނުމަތީގައި ޖެހި ތަފާލެއް ފަދަ ކަމެކެވެ. ދުނިޔޭގެ އެންމެ ބޮޑު މުބާރާތް ގަތަރުން ފެށީ މިދެންނެވި ހުޅަނގުގެ ގައުމުތަކުގެ ސަގާފަތަކުން ނޫނެވެ. މާތްﷲގެ މަތިވެރި އިސްމުފުޅާއި އެކަލާނގެ ހަތްއުޑުމަތީން ބާވައިލެއްވި ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުންނެވެ. މާތްﷲ ވޮޑިގެންވާކަން އެބައި މީހުންނަށް ވަރަށް ފުރިހަމައަށް ދައްކުވައި ދެމުންނެވެ. މިމުބާރާތް ފެށުމުގައި ޣާނިމް ކިޔައިދިނީ އެވާހަކަ ތަކެވެ.

ޣާނިމް އުފަންވިއިރު އޭނާއަކީ މައިިބަދަ އުފެދުމަށް ހުރަސްއެޅޭ، މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ ކޯޑަލް ރިގްރެޝަން ސިންޑްރޯމް ޖެހިފައިވާ ކުއްޖެކެވެ. ޣާނިމް ވިހެއުމުގެ ކުރިންވެސް ޣާނިމަކީ ބަލިކުއްޖެއްކަން އެނގުމާއެކު ދަރިފުޅު އެބޯޓް ކުރުމަށް ގިނަބަޔަކު އޭނާގެ މަންމައަށް، ލަފާ ދިނެވެ. ނަމަވެސް ދަރިފުޅު ދޫކޮށްލުމަށް އެމަންމަގެ މައި ލަނގޮޑިއަށް ކެތެއް ނުވިއެވެ. ހުރިހާ ކަމެއް ހެއްދެވި ފަރާތާއި ވަކީލުކޮށްފައި ޣާނިމްގެ މަންމަ ނިންމީ ޣާނިމް މި ދުނިޔެއަށް އުފަން ކުރުމަށެވެ.

ޣާނިމް އުފަންވުމާއެެކުވެސް، ޑޮކްޓަރުންގެ ފަރާތުން މާއުފާވެރި ބަހެއް ނުލިބުނެވެ. ޑޮކްޓަރުން ބުނީ އޭނާއަށް 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިރިއުޅުމުގެ މާބޮޑު ފުރުސަތެއް ނެތް ކަމަށެވެ.

ޑޮކްޓަރުންނާއި، އެތައްބަޔަކު އެކި ގޮތްގޮތަށް ވާހަކަ ދެއްކިނަމަވެސް، ޣާނިމްގެ މަންމަވެސް އަދި ޣާނިމްވެސް ހިތްވަރެއް އެލުވައެއްނުލައެވެ. އެގޮތުން މިހާރު ޣާނިމަކީ ގަތަރުގެ އެންމެ ޒުވާން ވިޔަފާރިވެރިޔާވެސް މެއެވެ. ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި ނަމަވެސް، އަމިއްލަ އައިސްކްރީމް ވިޔަފާރިއެއް ކުރިއަރުވަމުން، ޣާނިމަކީ އެތައް ކުޅިވަރެއްގައިވެސް ފާހަގަކޮށްލެވޭ ޒުވާނެކެވެ.

އެގޮތުން ޣާނިމްގެ ސްކޫލް ދައުރުގައި، އަތަށް ބޫޓެއް ލައްވައިން ފުޓުބޯޅަ ކުޅުން ދުވަސްވަރަކީވެސް މާ ދުރު ހަނދާންތަކެއް ނޫނެވެ. އަތަށް ބޫޓު ލައިގެން ޣާނިމްުގެ އެކުވެރިން ފަހަތުން ދުވެ ބޯޅައަތުލައި އެމީހުންނަށް ދޫނުކޮށް ކުޅުނީވެސް އޭނާގެ ހިތްވަރާ އަޒުމާއެކުގައެވެ. ހައިރާންވާންޖެހޭ އެއްކަމަކީ ޣާނިމް ވަނީ މުޅި ގަލްފް ސަރަހައްދުގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ޖެބެލް ޝަމްސަށްވެސް އަރާފައެވެ.

ޣާނިމް މިހާރު ދަނީ އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ އަކީ ކުޑައިރުއްސުރެ ގަތަރުގެ ބޮޑުވަޒީރަކަށް ވުމުގެ ހުވަފެންތަކެއް ދެކެމުން އައި ކުއްޖެކެވެ. އެގޮތުން ޔުނިވާސިޓީގައި ޕޮލިޓިކަލް ސައިންސް ކިޔަވަން ބޭނުންވި ޒުވާނާ، މިހާރު އެދަނީ ކުޑައިރުގެ ހުވަފެންތައް ހާސިލުކުރަން ޔުނިވަރސިޓީގައި ކިޔަވަމުންނެވެ.

ޣާނިމްގެ ދިރިއުޅުމާއި، ކާމިޔާބީގެ ވާހަކަ ތަކަކީ އެތައް ޖީލު ތަކަކަށް އަދި އެތައް ޒުވާނުންނަކަށް ހުރި ނަމޫނާއެކެވެ. އަދި ހިތްވަރެކެވެ. ގަތަރުން މުޅި ދުނިޔެއަށް ދައްކުވައިދިން ދިރިހުރި މިސާލެކެވެ. ފުރިހަމަ ނަމޫނާއެކެވެ.

ކިޔުންތެރިންގެ ހިޔާލު