އަހުމަދު މަސްނޫމް   22 ނޮވެމްބަރު 2022 - 13:7
އިންޑޮނޭޝިޔާގެ ވެސްޓް ޖާވާގެ ޝިއާންޖޫ އަވަށާއި ކައިރިއަށް އިއްޔެ އައި ބިން ހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު 162 އަށް އަރާފައިވާއިރު، އަދިވެސް އެތައް ބަޔަކު އިމާރާތަކުގެ ދަށުގައި ތާށިވެފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ރެކްޓަރ މިންގަނޑުން 5.6 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިން ހެލުމާއި ގުޅިގެން އެތައް އިމާރާތްތަކެއް ވަނީ ވެއްޓިފައެވެ. އަދި ގިނަ ބަޔަކު މަރުވެފައިވަނީ އިމާރާތްތަކުގެ ދަށުވެގެންކަމަށްވެސް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ. މިހާތަނަށް 162 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވީނަމަވެސް، މި އަަދަދު އަދިވެސް އިތުރުވެދާނެކަމަށް ހަބަރުތައް ބުނެއެވެ.


ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ގިނަ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާދިސާގައި ޒަހަމްވި މީހުންގެ އަދަދު 300 އަށްވުރެ އިތުރުކަމަށާއި، އަދި އޭގެ ތެރޭގައި ގިނައީ ކުޑަކުދިންކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

ބިންހެލުމާއި ގުޅިގެން 13000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. ނަމަވެސް އެހީގެ މަސައްކަތަށް އޮތް އެންމެ ބޮޑު ހުރަހަކީ ކަރަންޓް ނެތުންކަމަށްވެސް އެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

ހަބަރުތައް ބުނާގޮތުން ބިމުގެ 10 ކިލޯ މީޓަރު އަޑިން އައި މި ބިން ހެލުގެ އަސަރު 75 ކިލޯ މީޓަރު ދުރުގައި އޮންނަ ޖަކާޓާއަށްވެސް ވަނީ ކޮށްފައެވެ.

އިންޑޮނޭޝިޔާ އޮންނަނީ ދުނިޔޭގެ ގިނަ ޕްލޭޓްތަކެއް ގުޅޭ އަދި ސެސްމިކް ހަރަކާތްތައް ގިނަ "ރިންގް އޮފް ފަޔަރ" ނަމަކަށް ކިޔާ ސަރަހައްދެއްގައެވެ. އަދި އެކަމާއި ގުޅިގެން ގިނަ އަދަދެއްގެ ނުރައްކާތެރި ބިން ހެލުންތަކެއް މީގެކުރިންވެސް އެ ގައުމަށް ވަނީ އައިސްފައެވެ. އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީއަކީވެސް އެ ސަރަހައްދަށް އައި ބިން ހެލުމާއެކު އުފެދުނު ކާރިސާއެކެވެ.

ކިޔުންތެރިންގެ ހިޔާލު