ކޮންމެ ދުވަހަކު ފަތިހު ހޭލައިގެން ސްކޫލަށް ގޮސް ތައުލީމު ހާސިލު ކުރުމަށް މަސައްކަތް ކުރަމުންދިޔަ ހުރިހާ ދަރިވަރުންނަށް ވެސް މިވަނީ ޗުއްޓީ ލިބިފައެވެ. މި ޗުއްޓީވެސް ވެގެންދާނީ ސްކޫލްގެ މަޖާ އަދި ލޯބިވާ މާހައުލުން ބޭރުގައި ދަރިވަރުން ގިނަ ވަގުތު ހޭދަކުރާނެ ޗުއްޓީއަކަށެވެ.

ދަރިވަރުން މިފަދަ ޗުއްޓީއެއް ހޭދަކުރަމުންދާ މި ދުވަސްވަރަކީ ބެލެނިވެރިންގެ ވިސްނުމުގައި ގިނަ ކަންތައްތަކެއް ބަހައްޓަންޖެހޭ ދުވަސްވަރެކެވެ. އެ ދަރިވަރުންނަށް ލިބުނު ޗުއްޓީއަކީ ބޭނުންހިފޭ އެކުދިންނަށް ފައިދާކުރަނިވި ޗުއްޓީއަކަށް ހެދޭނީ ބެލެނިވެރިންގެވެސް ބޮޑު ހިއްސާއެއް އޮވެގެނެވެ. މިކަން ހާސިލު ކުރުމަށް ސަމާލުކަން ދެވިދާނެ ބައެއްކަންކަން އެބަހުއްޓެވެ.


ޗުއްޓީ ފެށުމުގެ ކުރިން ބައްދަލުކޮށްލާށެވެ.
ޗުއްޓީ ލިބޭ ދުވަހަކީ ދަރިވަރަށް ވަރަށް ހާއްސަ ދުވަހެކެވެ. ކްލާސްތެރެއިން އަންނަ ޖަޒުބާތީ ވިސްނުންތަކުގެ ސަބަބުން ޗުއްޓީގެ ބޭނުން ހިފަން އެ ދަރިވަރު ގަސްދުކޮށްފައި އޮންނާނެގޮތެއް ބެލެނިވެރިޔާއަށް ސާފުނުވެ އޮވެދާނެއެވެ. މިއީ، ވަރަށް މުހިންމު ކަމެކެވެ. ދަރިވަރު ޗުއްޓީ ބޭނުންކުރަން ރާވާލާފައިވާ ގޮތް އަހާލުމަށްޓަކައި ދަރިވަރާއިއެކު ގޭތެރޭގައި ކުޑަ ވަގުތުކޮޅަކަށް ބައްދަލުކޮށްލާށެވެ. އެ ދަރިވަރު ބޭނުންވާގޮތް ސާފުކޮށްލާށެވެ. ރާވާފައިވާ ޕްލޭންތައް ސާފު ކުރާށެވެ. ދަރިފުޅުގެ ޕްލޭން އަޑުއަހާލުމަށްފަހު، އަދި ބައްދަލުވެލަންވާނުހޭ ބުނެ އިހަށް ވަކިވެލާށެވެ.

ޗުއްޓީ ޕްލޭން ކޮށްދޭށެވެ.
ދަރިފުޅުގެ ޕްލޭންގައި ހުރި ކަންކަން އަޑު އެހުމަށްފަހު އޭނާ އެންމެ ބޭނުންވާނެ ހެޔޮ ރަނގަޅު ކަންކަން ހޮވާލުމަށްފަހު އަމިއްލަ ޕްލޭނެއް ބެލެނިވެރިޔާ ތައްޔާރު ކޮށްލާށެވެ. އަދި ގޭތެރޭގައި ދަރިފުޅު އުޅޭ ވަގުތެއްގައި އޭނާ ގެނެސް ޕްލޭން ހިއްސާ ކުރާށެވެ. އަދި ޕްލޭންގައި ހިމެނުނު ކަންކަމާއި ނުހިމެނުނު ކަންކަން ނުހިމެނުނު ސަބަބު ދަރިފުޅަށް ކިޔައިދޭށެވެ. އަދި ޕްލޭނަށް ދަރިފުޅުގެ ހިޔާލު އަހައި، ދެ މީހުން އެކުގައި މި ޕްލޭން ކާމިޔާބު ކުރަން މަސައްކަތް ކުރަން ދަރިފުޅުގާތު އެދޭށެވެ.

މިގޮތަށް ކަންކުރުމުން، ޗުއްޓީގައި ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން ދަރިފުޅަށް ވަރަށް ބޮޑަށް ފާހަގަ ވާނެއެވެ. އަދި ޕްލޭން ފައިނަލްވާނީ ދަރިފުޅުގެ ވެސް ހިއްސާ އޮވެގެން ކަމަށްވާތީ އެ ޕްލޭނަށް މަސައްކަތް ކުރުމުގެ ރޫހު ދަރިފުޅަށްވެސް ލިބޭނެއެވެ.

ޗުއްޓީގައި އުނގެނެވިދާނެ ގޮތްތައް ކިޔައިދޭށެވެ.

ޗުއްޓީއޭ ބުނުމުން އެންމެ ފުރަތަމަވެސް ހިތަށް އަރާނީ އެއީ ސްކޫލް މާހައުލުން ބޭރުގައި ފޮތާއި ދުރުގައި ހޭދަކުރާ ދުވަސްތަކެއްކަމަށެވެ. ނަމަވެސް، އެއީ އެއްމަގުސަދެއް ތަފާތު ގޮތަކަށް ވެސް ހާސިލު ކުރެވިދާނެ ކަމެއްކަން ދަރިވަރަށް ބުނެދޭށެވެ. ޗުއްޓީގައި ބޭރުތެރެއަށް ނުކުމެ ކަންކަން ބަލާ ދިރާސާކުރަން ބުނާށެވެ. އަދި ކޮންމެ ދުވަހަކުވެސް ދަރިފުޅަށް އެނގުނު އާ ކަންކަމުގެ ލިސްޓެއް ހެދުމަށްފަހު ބެލެނިވެރިޔާއާއި ހަވާލު ކުރަން ބުނާށެވެ. ލުއި ގޮތަކަށް އެކަން ބެލެނިވެރިޔާއަށް ހިއްސާކޮށްލަން ބުނާށެވެ.

މިގޮތަށް ކަންކުރުމުން، ކޮންމެ ދުވަހަކުވެސް ދަރިފުޅަށް އަލަށް ފެނުނު ތަންތަނާއި އެނގުނު ކަންކަމާއި ގުޅޭގޮތުން އޭނާ ބެލެނިވެރިޔާއާއި ސުވާލު ކުރާނެއެވެ. ދެ މީހުންވެގެން އެކަންކަމާ ވާހަކަ ދައްކާލާށެވެ. ވަކިން މިކަމަށް ވަގުތު ހުސްނުކުރިނަމަވެސް، ކާވަގުތު ތަކުގައިވެސް މިކަން ކޮށްލެވިދާނެއެވެ.

މިއީ ޗުއްޓީގައި ދަރިފުޅުގެ އުޅުން ފަސޭހައިން މޮނިޓަރ ކޮށްލެވިދާނެ ގޮތެކެވެ. އަދި ބެލެނިވެރިޔާއާއިއެކު އޮންނަ ގުޅުންވެސް ރަނގަޅުވެގެން ދާނެކަމެކެވެ. މިދެންނެވި ކަންކަން ކޮށްލުމުގައި އެކި އުމުރުފުރައިގެ ކުދިންނާމެދު ވިސްނުން ގެންގުޅެންވާނީ ތަފާތުކޮށްކަމަށްވެސް ވެދާނެއެވެ. ބެލެނިވެރިޔާ އަމިއްލައަށް ވިސްނާލުމަށްފަހު އަމިއްލަ ދަރިފުޅުގެ އުޅުމާއި ގުޅޭގޮތަށް މިކަންކަން ކޮށްލެވިދާނެއެވެ.

ދަރިވަރުންނަށް ލިބޭ މި ޗުއްޓީއަކީ ބެލެނިވެރިންނަށް ލިބޭ ޗުއްޓީއެއްގެ ގޮތުގައި ދެކި، ދަރިފުޅުގެ ކަންކަމުން އެއްކޮށް ދުރުގައި ހުރެއްޖެނަމަ ނަތީޖާ މާ ރަނގަޅު ނުވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު