ތުއްތު ކުއްޖަކު ރުމާލުން އަރިދަފުސް ފޮޅަނީ: ކުދީންގެ ކިބައިން ފެންނަ ނޭދެވޭ ޢަމަލުތަކުގެ ސަބަބު ހޯދުން މުހިއްމު
ތުއްތު ކުއްޖަކު ރުމާލުން އަރިދަފުސް ފޮޅަނީ: ކުދީންގެ ކިބައިން ފެންނަ ނޭދެވޭ ޢަމަލުތަކުގެ ސަބަބު ހޯދުން މުހިއްމު
ދަރިންގެ ފަރާތުން ބައެއްފަހަރު އެކުދީންގެ ވަށައިގެންވާ މާހައުލުގެ ސަބަބުން، ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން އެކި ޢުމުރެގެ ކުދީންގެ ކިބައިން ނޭދެވޭ އެތައް ޢަމަލެއް ފެނިގެންދެއެވެ. އެގޮތުން ހަޑި މުޑުދާރު ކަންތަކާއި ކުދި ކުދި ތަފާތު ކުށްތަށްވެސް ފެނިގެންދެއެވެ. އެހާލަތުގައި މައިންބަފައިން އެންމެ ފުރަމަވެސް ކުއްޖާއަށް އަޑުލައިހައި ހަދަންފަށައިފިނަމަ، ކުއްވެރިއެއް ކަމަށް އެކުއްޖާގެ އަމިއްލަ ސިކުނޑިއަށްވިސްނި، ކުއްޖާގެ ހިތުގައި އެންމެ ފުރަތަމަވެސް މައިންބަފައިންނާއިމެދު އިތުބާރުގެއްލި، ރުޅިވެރިކަމާއި ނަފްރަތު އުފެދިގެންދެއެވެ. އަދި އެއަމަލެއް އެކުއްޖަކު ތަކުރާރުކޮށް ކުރަމުންދާތަންވެސް ފެންނާނެއެވެ.

ތުއްތު އުމުރުގައި ކުދީންގެ ފަރާތުން ނޭދެވޭ ކަންކަންފެންނަމުންދާނެވެ. އޭގެ މިސާލެއްގެ ގޮތުން، އަރިދަފުސް މޫސުމުގައި، ކުޑަކުދީން އަރިދަފުސް އަޅައިގެން އުޅޭއިރު، އެކުދީން ގޭތެރޭގެ އެތަންމިތަނަށް އަރިދަފުސް ފޮޅައި ހެދުމުގައި އާއި ގޭގެ އެކި ތަންތަނުގައި އަރިދަފުސް ހާކައި އަތްފޮހެމުން ގެންދާތަން ފެންނަނީ މަދެއްކޮށް ނޫނެވެ. މިކަމާއި އެކުދީންގެ މައިންބަފައިން، ރުޅިއައިސް، އަޑުލައި އަދި އެއްޗެތިގޮވަމުން، އެކުދީންގެ ވިޔާނުދާކަމުގެ ވާހަކަ ދައްކާއަޑުވެސް އިވެމުންދޭމެއެވެ. އެކަމަކު އެކަން ރަނގަޅެއް ނުވެއެވެ. އެކުދީން ގެންދަނީ އެގޮތަށް ޢަމަލުކުރަމުންނެވެ.

ކަންމިގޮތަށް ހިނގަމުންދާއިރުވެސް، އެފަދަ ކުދީންގެ މައިންބަފައިން، އެކަން އެހެންވަމުންދާ ސަބަބާމެދު، ފަހަރެއްގައިވެސް، ވިސްނައި ފިކުރެއް ނުކުރެއެވެ. ޝައްކައްނެތެވެ. ނުރަނގަޅު ނޭދެވޭ ގޮތަކަށް ހިނގަމުންދާ ކޮންމެ ކަމެއް، ރަނގަޅުކޮށް އިޞްލާޙްކުރެވޭނީ އެންމެ ފުރަތަމަ އެކަން އެހެންއެވާ ސަބަބެއް އޮޅުން ފިލުވައިގެންނެވެ. ޚާއްޞަކޮށް، ކުޑަކުދީންގެ ކަންތައްތަކުގައެވެ.

އެހެންކަމުން މައިންބަފައިންގެ މައްޗަށް އޮތީ، ކުޑަކުދީން، އެގޮތަށް އެތަންމިތަނަށް އަރިދަފުސް ފޮޅައި، ހެދުމުގައިއާއި ގޭގެ އެކިތަންތަނުގައި ފުހެ، ހާކަމުން އެގެންދަނީ ކީއްވެގެންތޯ ވިސްނައި ފިކުރުކުރުމެވެ.

އާއެކެވެ. ހަމަ ވަރަށް ކުޑައިރުކޮޅެއްގެތެރޭ، އެކަމުގެ ސަބަބު އެނގި، އޮޅުން ފިލައިދާނެއެވެ. އެކުދީން ބޭނުންވަނީ އަރިދަފުސް ފޮޅާށެވެ. އަރިދަފުސް ފޮޅިއަތް، ސާފުކުރާށެވެ. އެކަމަކު އަރިދަފުސް ފޮޅަންވީ ކޮންތަނަކަށް ކަމެއް، އަތްފޮހެންވީ، ކޮންތާކު ކަމެއް، އެކުދީންނަކަށް ނޭނގެއެވެ. ވީމާ އެކުދީންނަށް އެންމެ ފަސޭހައިން، އަރިދަފުސް ފޮޅޭތަނަކަށް ފޮޅަައި، އެންމެ ފަސޭހައިން، ފުހެލެވެން އޮތް ތަނެއްގައި ފުހެލަނީއެވެ.

ކަންމިހެން އޮތްއިރު، އަރިދަފުސް މޫސުމުގައި، މައިންބަފައިން ކަންތަންކުރަންވީ ގޮތަކީ، ދަރިފުޅުއަތަށް ސާފު، ތާހިރު ކުޑަރުމާލެއް ދީފައިބާއްވާނީއެވެ. ކުޑަ ރުމާލެއް އަތުން ހިފައިގެން ނުގެންގުޅެވޭ ޢުމުރުގެ ކުއްޖެއްނަމަ، ކުޑަރުމާލާ ހެދުމާއެއްކޮށް ދައްޗަކުން ހަރުކޮށްފައިބަހައްޓާނީއެވެ. ރުމާ އެހުރިތާ ހުއްޓާ، ނޭފަތްވެސް ފުހެލެވޭ ހިސާބެއްގައެވެ.

ދެން ގޯތިތެރޭގެ އެތަން މިތަނަށް އަރިދަފުސް ނުފޮޅުމަށާއި، ފާޚާނާއަށް، މީހުންނާ އެއްފަރާތަކަށް ގޮސް، އަރިދަފުސް ފޮޅުމަށާއި، ހެދުމުގައިއާއި، ގޭގެ އެތަންމިތާނގައި އަރިދަފުސް ނަހާކައި އަތް ނުފުހެ، ކުޑަރުމާލުގައި ފުހުމަށް ނަސޭހަތްތެރިވެ، އެގޮތަށް ދަރިފުޅު ލައްވާ ޢަމަލް ކުރުވަމުން ގެންދާނީއެވެ. އަވަސް އަވަހަށް ރުމާ ބަދަލުކުރަން ވާނެއެވެ. ޔަޤީނެވެ. މިގޮތުގެމަތީން ޢަމަލުކުރަމުންގެންދާ މައިންބަފައިންގެ ދަރީންގެ ކިބައިން، އެފަދަ ހަޑި، ނޭދެވޭ ކަމެއް ނުފެންނާނެއެވެ.

**********

* މިލިޔުމަކީ "ކުދިން ތަރުބިއްޔަތުކުރާނީ ކިހިނެއް؟" މިމަޢުޟޫގެ މައްޗަށް، ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވައި ނެރުއްވި ފޮތުން ނަގާފައިވާ ލިޔުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން