2002 ވަނަ އަހަރު ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގި ނުރައްކާތެރި ހަމަނުޖެހުންތަކާއި ގަތުލްއާނމްގެ ތެރޭގައި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރޯލާ ބެހޭ ގޮތުން ބީބީސީން އާންމުކުރި ޑޮކުމެންޓްރީ އަކީ 'ޕްރޮޕެގެންޑާ'އެއްކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ސިފަކޮށްފިއެވެ.

ގުޖުރާތު ސްޓޭޓުގައި ހިންގި ހަމަނުޖެހުންތަކުގައި 1،000 އަށް ވުރެ ގިނަ މީހުން މަރުވި އިރު، އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. މި ހަމަނުޖެހުން ހިނގާދިޔައީ، އަޅުކަމަށް ދިޔަ ހިންދޫން ދަތުރުކުރި ރޭލެއްގައި އަލިފާން ރޯވެ 59 މީހަކު މަރުވި ހާދިސާއަކާއި ގުޅިގެންނެވެ.

ގުޖުރާތުގައި ނުރައްކާތެރި ހަމަނުޖެހުންތައް ހިނގި އިރު މިހާރުގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ އޭރު ހުންނެވީ ހުޅަނގުގެ ގުޖުރާތުގެ ސްޓޭޓްގެ ޗީފް މިނިސްޓަރު ކަމުގައެވެ.

މިހާދިސާއާއި ގުޅޭގޮތުން އާންމު ކުރި ޑޮކިއުމެންޓްރީގައި އިނގިރޭސިވިލާތުގެ އިންކުއަރީ ރިޕޯޓެއް އާންމުކޮށްފައިވެއެވެ. އެރިޕޯޓުގައި ގުޖުރާތުގައި ހިނގާދިޔަ ހަމަނުޖެހުންތައް ސިފަކޮށްފައިވަނީ "މުސްލިމު ނަސްލު ސާފުކުރުމުގެ މަގްސަދުގައި" ހިންގި "އަނިޔާވެރިކަމުގެ ކެމްޕޭނެއްގެ" ގޮތުގައެވެ. އަދި އެރިޕޯޓުން ވަނީ އެހާދިސާގެ ތުހުމަތު ސީދާ މޯދީއަށްކޮށްފައެވެ. ޑޮކުމެންޓްރީގައި ހިމަނާފައިވާ އިނގިރޭސިވިލާތުގެ ސަރުކާރުގެ މި ރިޕޯޓަކީ މީގެ ކުރިން އާންމުކޮށްފައި ނުވާ ރިޕޯޓެކެވެ.



އަންގާރަ ދުވަހު އާންމުކުރި ޑޮކިއުމެންޓްރީގައިވާ ގޮތުން އިންކުއަރީ ޓީމުން ބުނެފައި ވަނީ މުސްލިމުންނަށް އަމާޒުކޮށްގެން ހިންގި އަނިޔާވެރިކަން ހުއްޓުވުމަށް ފުލުހުންގެ މަސައްކަތަށް މޯދީ ހުރަސްއަޅާފައިވާ ކަމަށާއި، ހަމަނުޖެހުން ނުހުއްޓުވުމަށް ވަކިން ހާއްސަކޮށް ކަމާބެހޭ ފަރާތްތަކަށް މޯދީ އެންގެވިކަމަށްވެސް ބައެއް މަސްދަރުތަކާ ހަވާލާދީ ޑޮކިއުމެންޓްރީގައި ހާމަކޮށްފައިވެއެވެ.

މިހާދިސާއާއި ގުޅިގެން ހިނގާދިޔަ ކޯޓު މަރުހަލާތަކުގައި މޯދީ ވަނީ މިހާދިސާ އާއި ގުޅިގެން އޭނާއަށް ކުރަމުންދިޔަ ތުހުމަތުތައް ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން