އެމްޑީޕީގެ ޕްރައިމަރީއަކީ އެތެރޭގެ އިންތިހާބެއް ނަމަވެސް، ޕާޓީގެ ޕްރައިމަރީގައި އެހެން ޕާޓީތަކުގެ ކުލަ ޖެހެމުން އަންނަކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އއ. މާޅޮހުގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ވަރަށް ގިނަ ކަންކަން ފާހަގަކުރެވެމުންދާކަމަށެވެ. އެގޮތުން މިއީ އެމްޑީޕީ ޕްރައިމަރީއެއް ނަމަވެސް އެހެން ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މި ޕްރައިމަރީއަށް ބައެއް ފަރާތްތަކުން ނުފޫޒު ފޯރުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ބޭނުމަށް ކަމަށެވެ.

"އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް، މި ޕްރައިމަރީގައި އެހެން ކުލަތައް އެބަޖެހޭ. ވިސާންވަން ޖެހޭ އެކަމާއި. ބޭނުމަކީ ކޮބައިކަން އެނގޭ. ބައެއް ރަށްރަށުން އެ މަންޒަރު ފެންނަމުން އެބަދޭ. ސާފުކޮށް އެމްޑީޕީއަށް ވެރިކަމުގައި ދެމިއޮވެވެން އޮތްކަން އެނގޭތީ އެކަމަށް ހުރަސް އަޅަން ކުރަންޖެހޭ ކަންކަން އެކުރަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި އިންތިހާބަށް ނުފޫޒު ފޯރުވައިގެން، ގަޑުބަޑު ކުރަން މަސައްކަތް ކުރަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ކިރިޔާވެސް ވާދަކޮށްލެވެން އޮތީ އެހެން އެކަން ކޮށްގެންކަމަށް އެބޭފުޅުންނަށް ފެންނާތީކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ވާދަވެރިވާނެކަމަށާއި އެކަމާއި މެދު ޝައްކެއް ނެތްކަމަށެވެ. އަދި މި ޕްރައިމަރީއަކީ ވެސް ނަމޫނާ ޕްރައިމަރީއަކަށް ވެގެންދާނެކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން