އަރިއަތޮޅަކީ ދައުލަތަށް އެންމެ ގިނައިން ޓެކްސް ދައްކާ އަތޮޅުކަމަށާއި ނަމަވެސް ތަރައްގީގެ ރޮނގުން އެ އަތޮޅަށް މާބޮޑު ސަމާލުކަމެއް ދީފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އއ. މާޅޮހުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ކުރިއަށް ދަނީ އަމާޒެއް އޮވެގެންކަމަށެވެ. އެއީ ރާއްޖޭގެ ކުޑަ ބޮޑު ރަށެއް ނުބަލާ، ތަފާތުކުރުމެއް ނެތި ތަރައްގިކުރުންކަމަށާއި އެކަން ކުރަނީ އޭރަކު ވެރިކަމުގައި ތިބި ބައެއްގެ މައްޗަށް ލާޒިމްކަމެއް ކަމަށް ދެކިގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ދައިރާއަކީ އެކަމުގެ މިސާލެއް. 5 ރަށް އެކުލެވޭ ދާއިރާއެއް މިއީ. ގިނަ ރަށްރަށުގައި އުޅޭ މީހުންކޮޅު މަދު. ކުރިން މާބޮޑު އަޅާލުމެއް ދާއިރާގެ ރަށްތަކަށް ދެވިފައެއް ނެތް. ހުރިހާ ރަށަކަށް އޮތީ ފެނާއި ނަރުދަމާގެ ބޭނުންޖެހިފައި. ލަފާފުރުނާ ދަތި އެތައް ރަށެއް މި ދާއިރާގައި އެބައޮތް. ސިއްހީ ހިދުމަތްތައް ބޭނުންވާ ތިބި އެތައް ރައްޔިތުން އެބަތިބި. ތައުލީމީ ހިދުމަތްތައް ބޭނުންވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަރިއަތޮޅަކީ ފަތުރުވެރިކަމުގެ ބޮޑު ހަބެއްކަމަށާއި ދައުލަތަށް ޓެކްސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ދައްކާ އަތޮޅަކީވެސް އަރިއަތޮޅުކަމަށެވެ. ނަމަވެސް އެ އަތޮޅާއި މެދު ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުލަތަށް ޓެކްސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ދައްކާ އަތޮޅު. ނަމަވެސް ފަތުރުވެރިކަމަށް 50 އަހަރު ފުރުނުއިރު މި ދާއިރާ މި ހާލަތުގައި އޮންނަންޖެހެ ސަބަބެއް ނެތް. އިހުމާލެއް ބަޔަކާއި ދޭތެރޭ ވެވޭނީ މިވަރަށް ނޫންތޯ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަރިއަތޮޅަށް ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ނުކުރެވި ހުރި މަސައްކަތް މި 4 އަހަރު ދުވަހުގެ ތެރޭގައި ދަނީ ކުރެވެމުންކަމަށެވެ. އަދި ދައުލަތަށް އެންމެ ގިނަ ފައިސާ ދައްކާ އަތޮޅުގައި ރައްޔިތުން ނިކަމެތި ހާލެއްގައި އުޅޭ މަންޒަރު މި ސަރުކާރުން ބަލަން ނުތިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުން މަސައްކަތް ފެށީ މިގޮތަށް އަޅާނުލައި ހުރި ރަށްރަށަށް ބޭނުންވާ ކަންކަން ކޮށްދިނުމަށްކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެމީހެއްގެ ސިޔާސީ ވިސްނުން ހުރީ ގޮތެއް ނުބަލާ، އަދަދަށް ނުބަލާ، ކޮންމެ މީހަކަށް އެ ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުންކަމަށާއި އެ މަސައްކަތް ދާނީ ކުރިއަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަތިވެރި ދާއިރާގެ 5 ރަށުގައި ތަރައްގީގެ ވަރަށް ގިނަ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށެވެ. އެގޮތުން 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް 202 މިލިއަން ރުފިޔާ މިހާތަނަށް އެ ދާއިރާއަށް ހަރަދު ކުރެވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން