ތުރުކީ ވިލާތާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް ހޯމަދުވަހު ހެނދުނު އައި ބާރުގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 4300 އަށް އަރާފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ބޯޑަރު ހިއްސާކުރާ ދެ ގައުމުކަމަށްވާ ތުރުކީއާއި ސީރިއާ ސަރަހައްދަށް އައި އެންމެ ވަރުގަދަ އެއް ބިންހެލުމުގެ އަސަރު ލުބުނާނާއި އިސްރާއީލާ ހަމައަށް އިހުސާސުވިކަމަށް ރިޕޯޓުތައް ބުނެއެވެ. މިބިން ހެލުން އަރާފައިވަނީ 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ފަތިހުގެ ވަގުތެއްގައެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާގޮތުން މި ބިންހެލުމުގައި ތުރުކީ ވިލާތުން 2900 އަށްވުރެެއް ގިނަ މީހުން މަރުވެފައިވާއިރު، 15،800 އަށްވުރެއް ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި އަވަށްޓެރި ސީރިއާއިން 1400 އަށްވުރެެއް ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ބާރުގަދަ ބިންހެލުމާއެކު މުޅި ދުވަހު ވެސް ސިލްސިލާ އަފްޓާޝޮކްތަކުން މުޅި އެސަރަހައްދު ވަނީ ގުގުމާލާފަ އެވެ. އެގޮތުން އާފްޓާޝޮކްގެ ގޮތުގައި އެރި އެންމެ ބޮޑު ބިންހެލުން އަރާފައިވަނީ ރެކްޓަމިންގަނޑުން 7.5 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އެއީ ފުރަތަމަ ބިންހެލުން އެރިތާ ގާތްގަނޑަކަށް ނުވަ ގަޑިއިރު ފަހުން ކަމަށް އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭއިން ބުނެއެވެ.

އާންމުވަމުންދާ ތުރުކީގެ މަންޒަރުތަކުން، ބިންހެލުމާއިއެކު އެތައް އިމާރާތެއް ބިމާ ހަމަވެ، އެއިމާރާތްތަކުގައި ތާށިވެފައި ތިބި އެތައް ބަޔަކު ސަލާމަތް ކުރަމުގެ މަސައްކަތް ކުރަމުންދާތަން ފެނިގެންދެއެވެ. އަދި ފިނި މޫސުމުގައި އެތައްބަޔަކު މަގުމަތީގައި އެހީއަށް އެދި އާދޭސް ކުރާ މަންޒަރުވެސް ފެނިގެން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން