މީ ސިޔާސީ ބޮޑުންގެ މެދުގައި ވޯޓުބަހާ ޒަމާން ނޫން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޛީރު ވިދާޅުވެއްޖެއެވެ.

ސަރުކާރު އިއްތިހާދުގައި ހިމެނޭ ޢަދާލަތު ޕާޓީގެ އިސް ތަރުޖަމާނުގެ މަޤާމުގައިވެސް ހުންނެވި ޢަލީ ނަޛީރު މި މޭރުމުން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ކުރުމަށް ޢަދާލަތު ޕާޓީން ވަނީ ނިންމާފައެވެ.

ޢަލީ ނަޛީރު މިއަދު ވިދާޅުވީ، މިއީ މަސްބައިއަޅާ، ބަހާ އުސޫލުން ސިޔާސީ ބޮޑުންގެ މެދުގައި ވޯޓު ބަހާލެވޭ ޒަމާން ނޫންކަމަށާއި، ރައްޔިތުން މިހާރު ވޯޓު ދެނީ ތަރައްޤީއަށް ކަމަށެވެ. އެގޮތުން މި ސަރުކާރުން ރަށްރަށަށް ގެންނަމުންދާ ބައެއް ތަރައްޤީތައް ޢަލީ ނަޛީރު ވަނީ ފާހަގަ ކުރަށްވާފައެވެ.

"މިހާރު ހުންނަނީ؛ އަޑުގަދަ ގެދަބުޅި އިންޖީނުގެ އާވެ ރީތިވީމާ ދޭ ވޯޓު، ނަޖިސްފެނުން ސާފުފެނަށް ބަދަލުވީމާ ދޭ ވޯޓު، ޗަކަމަގު ތާރުމަގަށް ބަދަލުވީމާ ދޭ ވޯޓު، ބޯހިޔާވަހިކަމަށް ދޭ ވޯޓު، ބަނދަރަށް ދޭ ވޯޓު، އެއަރޕޯޓަށް ދޭ ވޯޓު." ޢަލީ ނަޛީރު ވިދާޅުވިއެވެ.

ޢަލީ ނަޛީރު މިފަދަ މޭރުމަކުން ވޯޓު ލިބޭނެ ގޮތްތައް ވިދާޅުވެފައި ވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީޕާޓީގެ ކެންޑިޑޭޓަކު ނެރުމަށް މިސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޖޭޕީގެ ކައުންސިލުން ވަނީ ނިންމާފައެވެ. ހަމައެއާއެކު މި ސަރުކާރުގެ އިއްތިހާދުގައި ދެމިއޮތުމަށް އެދި އެޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ މީގެ ކުރިން ވަނީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމާވެސް ބައްދަލު ކުރަށްވާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕާޓީތަކުން މިހާރު ގެންދަނީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ފޯރިއާއެކު ވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސަން

20-Mar-2023

ތަރައްޤީ އަކަށް މިހާރު ވޯޓު ނެދޭކަމާއި ތަރައްޤީއަށް ވޯޓު ދޭން ނުޖެހޭކަން 2018 ގެ އިންތިހާބުން ވަނީ ޔަޤީންވެފަ



ޓްރެންޑިން