އަނިޔާވެެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދަޢުވާގެ ހުކުމް ކުރުމުގެ ޝަރީއަތް އެކޯޓުގައި މާދަމާއަށް ތާވަލު ކޮށްފިއެވެ.

މި މައްސަލައިގައި ހެކިބަސް ނަގާ ނިންމާލީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމައިލީ އޮކްޓޯބަރު މަހު އެވެ. މައްސަލައިގެ ހުކުމް ކުރާ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ 1:00 އަށެވެ.


އަދުހަމްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އެ ދަޢުވާއަށް އިބްތިދާއީ މަރުޙަލާގައި އިންކާރު ކުރުމަށްފަހު ޝަރީޢަތުގެ މަރުޙަލާގައި އަދުހަމް ވަނީ ދަޢުވާއަށް އިޢުތިރާފްވެފައެވެ. ނަމަވެސް އަދުހަމް ބުނެފައިވަނީ އެއީ ޤާސިމް މަރާލުމުގެ ޤަސްދުއޮވެގެން އެނިޔަތުގައި ކުރި ކަމެއް ނޫންކަމަށާއި، އެ ޢަމަލަކީ މަސްތުގެ ހާލުގައި ހުރުމުން ފޭރުމުގެ ތެރޭގައި އޭނާގެ އަތުންވީ ކަމެއް ކަމަށެވެ.

ގާސިމް މަރާލުމަށް އަދުހަމް ވަޅި ހޯދި ކެފޭގައި މަސައްކަތް ކުރި ބަންގްލަދޭޝް މީހާ ބުނެފައިވަނީ އެ ކެފޭއިން އަދުހަމް ގެންދިޔައީ އެއް ފޫޓު ދިގު، ހިމަ ވަޅިއެއް ކަމަށާއި އޭގެ މުއްގަނޑުގައި ހުރީ ކަޅު ކުލަ ކަމަށެވެ.

މި މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ޙާދިސާ ހިންގި މަޙައްލުން 21 މާއްދީ ހެއްކެއް ނަގާފައިވާކަމަށް ސީނަށް ޙާޟިރުވި ފުލުހުން ވަނީ ހެކިބަސްދީފައެވެ. އޭގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލަށް ޙާޟިރުވި ފުލުސް އޮފިސަރުވެސް ވަނީ ހެކިބަސް ދީފައެވެ. އޭނާ ބުނީ ޤާސިމްގެ ކަރުގެ ވާތް ފަރާތުގައި ތޫނު އެއްޗަކުން ދީފައިވާ ޒަޚަމްތަކެއް ހުރިކަމަށާއި ދެ އަތުގެ އިނގިލިތަކާއި، ކަނާތު ކުޑަހުޅާ ދިމާއިންވެސް އެފަދަ ޒަޚަމްތަކެއް ހުރިކަމަށެވެ.

ޢުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެރޭ ޓެކްސީ ދަތުރެެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ޙަމަލާއެއްގައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ އަދުހަމު ހައްޔަރުކޮށްފައިވަނީ، އޭގެ ދެ ހަފްތާ ފަހުންނެވެ.

އަދުހަމްގެ އަމިއްލަ އިއުތިރާފާއެކު، އެ މައްސަލައިގެ ޝަރީއަތް، އަވަސް ނިޔާއާ ހަމައަށް އައިއިރު، އަވަސް ނިޔާގެ އަޑުއެހުމުގައި، އަދުހަމް ވަނީ ގާސިމް މަރާލިކަމަށް އިންކާރުކޮށްފައެވެ. އެހެން ނަމަވެސް އަދުހަމް ފަހުންވަނީ ކުށަށް އިއުތިރާފުވެ ކުރިން އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ގައިދީން ބިރުދައްކާ މަޖުބޫރު ކުރުވުންމުން ކަމަށާއި މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރައްކަލެއް ނެތް ކަމަށް ބުނެފައެވެ. އަދްހަމް ވަނީ ގާސިމްގެ ވާރިސުންގެ ކިބައިން މައާފަށް އެދި އަދަބު ލުއިކޮށްދިނުމަށް އެދޭ ކަމަށް ވެސް ބުނެފައެވެ.

ނަމަވެސް މައްސަލަ ބައްލަވާ ޤާޟީ އަލީ ނަދީމް ވިދާޅުވީ، އަދަބަށް ލުއި ދެވޭނީ އިބްތިދާއީ މަރުޙަލާގައި އިއުތިރާފުވުމުން ކަމަށް ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ކަމަށާއި، ޝަރީއަތް ފެށުމަށްފަހު އިއުތިރާފުވީ ނަމަވެސް އަދަބަށް ލުއި ނުދެވޭނެ ކަމަށެވެ.

ގާސިމަކީ އދ. މާމިގިއްޔަށް އުފަން މީހެކެެވެ. އަދި ގާސިމަކީ ޖުމްހޫރީ ޕާޓިގެ ލީޑަރ ގާސިމް އިބްރާހިމްގެ އާއިލީ މީހެއް ވެސް މެއެވެ. ގާސިމް ނިޔާވިއިރު އަންބަކާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު