ކޯވިޑް-19އާއި ގުޅިގެން ސަރުކާތުން ކަންކަން ކުރިއަށް ގެންދިއުމުގައި މަޖިލީހުން ދޭ ލަފާ ރައީސް ނަޝީދު ރައީސް ޞާލިހަށް އަރުވަނީ
ކޯވިޑް-19އާއި ގުޅިގެން ސަރުކާތުން ކަންކަން ކުރިއަށް ގެންދިއުމުގައި މަޖިލީހުން ދޭ ލަފާ ރައީސް ނަޝީދު ރައީސް ޞާލިހަށް އަރުވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙަންމަދު ނަޝީދަކީ ކުރިން ހިނގާފައިވާ ބައެއް ހާދިސާތަކާއި ގުޅުވައިގެން މަޖާޒީ ގޮތެއްގައި ދެމާނަ ދޭހަވާ ގޮތަށް ނުސީދާކޮށް ކަންކަމަށް ރަށްދުދެއްވައި ފާޑުވިދާޅުވާ ބޭފުޅެކެވެ. މިގޮތުން މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަކުގެ ބަހުސްތަކުގެ ހަވާސާގައި ނުވަތަ ހުސްތައް ފުރުއްވުމުގައި ދައްކަވާ ވާހަކަ ފުޅުތަކުގައި މިހާރުގެ ހާދިސާތަކާއި ކަންކަމާއި ގުޅޭ ވާހަކަތައް އިހުގެ ހާދިސާތަކުން މިސާލު ނަންގަވައިގެން ދެމާނަ ދޭހަވާ ގޮތަށް ދެއްކެވުމަކީ އެމަނިކުފާނު ވަރަށް ގިނައިން ކުރައްވާ ކަމެކެވެ.

އެމަނިކުފާނު ދައްކަވާ މިފަދަ ވާހަކަފުޅުތައް އެކި މީހުން ތަރުޖަމާ ކުރަނީ އެކިގޮތަށެވެ. ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިއިރުވެސް އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ޕްރެސް ސެކްރެޓަރީ ފަހުން މާނަ ކުރަން ޖެހޭ ކިތަންމެ ފަހަރެއް އާދެއެވެ. އެގޮތަށް މާނަ ކުރާއިރު ވަރަށް ގިނަ ފަހަރަށް އެމަނިކުފާނު ވިދާޅުވާ ބަސްފުޅު ތަކުގެ މާނަ އޮންނަނީ އާންމުން ހީކުރާ ގޮތާއި ދިމާ އިދިކޮޅަށެވެ.

މިއަދު އަނެއްކާވެސް އެފަދަ ވަރަށް ތަފާތު ވާހަކަ ފުޅެއް ރައީސް ނަޝީދު މިވަނީ ދައްކަވައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ އެމަނިކުފާނު ވިދާޅުވި އެއް ވާހަކައަކީ މަޖިލީހަކީ މަސްކައްކާ ތަނެއް ނޫން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައެވެ. އެވާހަކަ ވިދާޅުވީ ކޮން މާނައެއްގައި ކަމެއް ނޭގެއެވެ. ރައީސް ނަޝީދު ގެ އެވާހަކަކޮޅު ވެސް ތަރުޖަމާ ކުރަންޖެހުނީ އެކިމީހުން އެކިގޮތަށެވެ.

ދެން މިއަދު ދެއްކެވި އެފަދަ އަނެއް ވާހަކަފުޅަކީ ގއ. ކޮލަމާފުށީގައި ފަށްކަނޑަށް އިންމީހަކު، ވަރި ނުުކުރި ކަމަށް ހަބަރު ލިބޭ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅެކެވެ.

"ގއ. ކޮލަމާފުށީގައި ފަށްކަނޑަށް އިން މީހަކު ވަރި ނުކުރި ކަމަށް ޚަބަރު ލިބޭ ކަމަށާއި އެއީ ކޮންޓްރެކްޓާ ހިލާފު ކަމެއް ކަމަށް" ވިދާޅުވެ މިއަދު ދެއްކެވި ވާހަކަ ފުޅަކީވެސް ވަރަށް ފުން މާނައެއް އެކުލެވޭ ވާހަކަފުޅެކެވެ.

މަޖާޒީ ގޮތެއްގައި ވިދާޅުވި ވާހަކަފުޅެކެވެ. ނަމަވެސް އެމަނިކުފާނު މިވާހަކަފުޅު ދެއްކެވި ހާލަތާއި ވަގުތަށް ބަލާއިރު މިއީ ހަމަ މިހާރާއި ގުޅުވޭނެ ވަރަށް މާނަފުން ވަރަށް ޖަޒުބާތީ ވާހަކަ ފުޅެކެވެ. ނަޝީދުގެ މި ވާހަކަފުޅާއެކު ޝޯސަލް މީޑިޔާގައި ވަރުގަދަ ބަހުސެއް ފެށިގެންދިޔައެވެ. އެކި މީހުން އެމަނިކުފާނުގެ މި ވާހާކަފުޅު މާނަ ކުރަމުން ދިޔައީ ތަފާތު ގޮތްގޮތަށެވެ.

"އަޅުގަނޑަށް އެބަ އިވޭ މަޖިލިސްގެ ދާއިރާއިން ބޭރަށް މަޖިލިސް ދާ ކަމަށް ބައެއް އިއްޒަތްތެރި މެންބަރުންނަށާއި ބައެއް ފަރާތްތަކަށް ހީވާ ކަމަށް. އަޅުގަނޑަށް އެބަ އަޑުއިވޭ. އެހެން ނަމަވެސް ކޮލަމާފުށީގައި ފަށްކަނޑަށް އިން މީހަކު، ވަރި ނުުކުރިކަމަށް އެބަ ހަބަރު ލިބޭ. އެއީ ކޮންޓްރެކްޓާ ހިލާފު ކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަފުޅާއި ގުޅިގެން މަޖިލީހުގެ ގިނަ މެންބަރުން ވަރަށް ބޮޑަށް ހިނިފުޅު ވެޑުވިތަން ފެނިގެންދިޔައެވެ. އެކަމަކު އެމަނިކުފާނު މިއަދު އެގުޅުވާލި ދެވާހަކައަކީ ހިނިއަންނަ ވަރަށްވުރެ މާ ހައްސާސް ވާހަކަ ތަކެކެވެ. އެއަށްވުރެ މާ މާނަފުން ޖަޒުބާތީ ވާހަކަފުޅެކެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ހިންގެވުމާއި ހަވާލުވެ ހުންނެވި އާރްކާޓީއަކީ ރައީސް ނަޝީދެވެ. އެއީ ގާނޫނު އަސާސީގައި ބުނާ ތިންބާރުން އެއްބާރެވެ. އަދި އެއީ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރެވެ. އެޒިންމާ އުފުލަން ގާނޫނު އަސާސީގައި ހަވާލުކޮށްފައި އޮތް ބާރެވެ. މިއަދު ބައެއް މެންބަރުންނާއި ސިޔާސީ ބައެއް ބޭފުޅުން ކުރައްވާ އެއް ތުހުމަތަކީ މަޖިލީހަށް ނެތް ބާރުތަކެއް މަޖިލީހަށް ނަގަމުންދާ ވާހަކައެވެ. ގާނޫނު އަސާސީގައި ވެރިކަން ހިންގުމުގެ ބާާރުގެ ވެރިއެއްގެ ގޮތުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ދީފައިވާ ބާރުތައް ރައްޔިތުންގެ މަޖިލީހަށް ނަގައި ޖަމާކުރަމުންދާ ވާހަކައާއި ސަރުކާރު ހިންގުމުގެ ތެރެއަށް ސީދާ ރައްޔިތުންގެ މަޖިލީހުން ވަދެ ގޮތް ކިޔައި ސަރުކާރުގެ ވުޒާރާ ތަކަށާއި ވަޒީރުން ކަންކަން ކުރާނެ ގޮތް ބުނެދީ އަންގައި ހަދަމުންދާ ވާހަކައަކީ މިއަދު ސިއްރަކުން ދެކެވޭ ވާހަކައެއް ނޫނެވެ. ހަމަ ފާޅުގައި ދެކެވޭ ވާހަކަ ތަކެކެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި ވެސް އެވާހަކަތައް ދެކެވިއްޖެއެވެ.

ރައީސް ނަޝީދުވެސް މިއަދު ވިދާޅުވީ ބައެއް މެންބަރުންނަށާއި އަދި އެހެން ފަރާތްތަކަށްވެސް އެގޮތަށް އެބަ ހީވާ ކަމަށެވެ. އެއަޑުތައް އެމަނިކުފާނަށް ވެސް އިވިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ނުހިނގާ ކަމެއް ކަމަކަށް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ. އެކަމަށް ޖަވާބު ދެއްވީ ވަރަށް ދުރުން މިސާލު ނަންގަވައިގެން ވަރަށް މަޖާޒީ ގޮތަކަށެވެ. ތަފާތު ފުން މާނަތައް ނެގޭ ގޮތަށެވެ.

ސޯޝަލް މީޑިއާގައި އެވާހަކަ ތަފާތު ނަޒަރިއްޔާތުން މާނަކުރަމުން ދިޔައިރު ޝައުޤުވެރިކަން ހުއްޓުނު އެއް މާނައަކީ އެމަނިކުފާނުގެ މި ބަސްފުޅާއި ރައީސް ސޯލިހާއި ގުޅުވާލި ހިސާބެވެ. މި ވެރިކަމާއި ގުޅުވާލި ހިސާބެވެ. ބައެއް މީހުން ދެކޭގޮތުގައި އެއީ ރައީސް ސޯލިހަށް އަމާޒުކޮށް ނަޝީދު ވިދާޅުވި ވާހަކަފުޅެކެވެ. އެމަނިކުފާނު އެވިދާޅުވަނީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަވާނެ ކަމަށް ވިދާޅުވެ ވެވަޑައިގެންފައިވާ އެއްބަސް ވުމުގެ ވާހަކައެވެ. 2018 ގެ ރިޔާސީ ކެމްޕޭންގެ ދުވަސް ވަރު ރައީސް ނަޝީދު ހުންނެވީ ބޭސް ފަރުވާއަށް ވަޑައިގެން ގޮތަށް ރާއްޖެއިން ބޭރުގައެވެ. އެމަނިކުފާނު ކޯލިޝަން ހެއްދެވީވެސް އަދި ކެމްޕޭން ކުރެއްވީވެސް ބޭރުގައި ހުންނަވައިގެންނެވެ. ވަރަށް ފަހުވަގުތާއި ޖެހެންދެން ކެމްޕޭން ކުރެއްވީ ސީދާ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށެވެ. އެމަނިކުފާނަށް ފުރުސަތު ނެތްކަން ޔަގީންވެ ވަޑައިގެންނެވި ހިސާބުން ދެން ދެއްކެވީ ކޯލިޝަނުން ރައީސަކު ވެރިކަން ކުރާ ވާހަކައެވެ. ރައީސް ނަޝީދުގެ ވިޑިއޯ މެސެޖެއްގައި ވަގުތީ ސަރުކާރެއްގެ ވާހަކައާއި ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ވެސް ދައްކަވައެވެ. ވަގުތީ ސަރުކާރު އަންނަނީ އިންތިޚާބަކަށް ތައްޔާރުވަންދެން އިންތިގާލީ އިންތިޒާމު ތަކެއްގެ ތެރެއިން ވެރިކަން ކުރުމަށް ކަމަށް ވެސް ވިދާޅުވެއެވެ.

ނަމަވެސް އެމަނިކުފާނު އެވިޑިއޯގައި ވިދާޅުވާ ގޮތަށް ކަންކަން ދިޔަ ތަނެއް އަދި ނުފެނެއެވެ. އަދި އެއީ އެއްބަސް ވެފައި އޮތް ގޮތެއް ކަމެއްވެސް، އެފަދަ އެއްބަސް ވުމެއް ވެވިފައި އޮތް ކަމެއްވެސް ކޯލިޝަންގެ ލީޑަރަކު ވެސް ރައީސް ނަޝީދެއްވެސް އަދި ރައީސް ސޯލިހެއްވެސް އޭގެ ފަހަކުން ވިދާޅުވެފައެއް ނުވެއެވެ. ވިދާޅުވަމުން ގެންދަވަނީ ރައީސް ސާލިހު ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާނެ ވާހަކައެވެ. ކޯލިޝަން ދެމި އޮންނާނެ ވާހަކައެވެ. ކޯލިޝަންގެ ގުޅުން ރަނގަޅު ވާހަކައެވެ.

ނަމަވެސް ރައީސް ނަޝީދު މިއަދު އެވިދާޅުވެ ދޫކޮށްލެއްވި ބަސްކޮޅު މާނަކުރި ބައެއް މީހުން ބުނިގޮތުގައި ރައީސް ސޯލިހް މިހާރު އެހުންނެވީ ދެ ރައީސުންގެ ދެމެދުގައި ވެވުނު ކޮންޓްރެކްޓާ ހިލާފު ވެވަޑައިގެންފައި ކަމަށް ރައީސް ނަޝީދު މިއަދު އެ އިއުލާނު ކުރެއްވީއެވެ. އެކަން އެ ހަނދާން ކޮށްދެއްވީއެވެ. މީގެ އިތުރުން ރައީސް ނަޝީދު މިއަދު އެވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ސޯލިހް ކުރިން ވެ ވަޑައިގެންނެވި ކަމަށް ބުނާ ވައުދާ ނުވަތަ އެގްރީމެންޓާ އެމަނިކުފާނު ހިލާފުވެ ވަޑައިގެންނެވި ވާހަކައެވެ. ނިޒާމު ބަދަލު ކުރަން އެމަނިކުފާނަށް ވަގުތު ނެތް ކަމަށް ކުރީ ދުވަހު ވިދާޅުވެފައިވާތީ، މިއީ އެކަމަށް ދެއްވި ރައްދެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރަނީއެވެ.

ރައީސް ނަޝީދު އެވިދާޅުވާ ފަށްކަނޑަން ކުރި ކައިވެންޏަކީ ވަގުތީ ގޮތުން ކޮށްލާ ކައިވެންޏެކެވެ. ފަށްކަނޑަން ކައިވެނި ކޮށްއުޅެނީ ވަރިވާނެ މުއްދަތާއި ވަރިވެގެން ކުރިން އިނދެގެން އުޅުނު މީހާއާއި ކައިވެނި ކުރާން އެއްބަސްވެ އެގްރީމެންޓްކޮށްގެންނެވެ. ދެން ފަށްކަނޑާން އިންނަ މީހާ ވަރި ނުކޮށް އެކައިވެނީގެ މަތީގައި ހުރެއްޖެ ނަމަ އެކަން ވާނީ ކުރީގައި އިނދެ ވަރިކުރި މީހާއާއި އެކު ވެވުނު އެއްބަސްވުމާއި ޚިލާފު ކަމަކަށެވެ. އެހެންވީމާ އެގްރީމެންޓާ ޚިލާފު ވީމާ ކުރިން އިންމީހާ ބަދަލު ހިފުމުގެ ގޮތުން ކުރެވެން އޮތް ކަމެއް ކުރާނެ ތާއެވެ؟ އެހެންވެއްޖެ ކަމަށްވާނަމަ މިއަދު ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހަށް ބާރުތައް ނަންގަވަމުން އެގެންދަވަނީ އެގޮތުގެ މަތީން ކަމުގައި ބެލެވޭނެ ޖާގަ އެބައޮތެވެ. ރައީސް ސޯލިހު އެގްރީމެންޓާއި ޚިލާފު ވެވަޑައިގެންނެވީމާ ރައީސް ނަޝީދަށްވެސް ބާރުތައް ނެންގެވެން އޮތް ގޮތަކަށް ނަންގަވައިގެން ބަދަލު ހިއްޕަވަނީ ކަމުގައި މާނަކުރާ މީހުން މާނަކުރަނީއެވެ.

މިހެންވީމާ ބުނެ އުޅޭ ހަރުބަހަކީ ނުވަތަ މިސާލު ބަހަކީ "ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެ" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


24

އަޙްމަދު

09-Jul-2020

ހަގީގަތުގައިި ވެރިޔަކީ ރައީސް ނަޝީދު. މިކަން ގަބޫލުނުކުރިޔަސް ކުރިޔަސް.


17

ިައެނގޭ މީހާ

01-Jul-2020

ތިޔައީ ތެދެއް ނަޝީދު ގެ އެދެއްވީ ނުސީދާ ބަހުގެ ހަމަލައެއް ރައީސް ސޯލިހަށް



ޓްރެންޑިން