ރާއްޖޭގައި ސިޔާސީ ރޭހުގައި ވާދަކުރެވޭނެ އެންމެ ތަޖުރިބާ ހުންނެވި ބޭފުޅަކީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ރިޔާސީ ރޭހުގައި ވާދަކުރެވޭ ލެވެލްގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށެވެ. ޖުމުހޫރީ ޕާޓީ ތަފާތުވަނީ އެ ޕާޓީގެ ލީޑަރަކީ ރާއްޖޭގެ އެކި ދާއިރާތަކުން މަސައްކަތް ކުރައްވައި ތަޖުރިބާ ހުންނެވި ބޭފުޅަކަށްވާތީ ކަމަށް އިލްހާމް ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ކޮންމެ ބޭފުޅެއްގެ ތާއިދު ގާސިމަށް އެބައޮތް ކަމަށާއި އެބޭފުޅުން ތިއްބެވީ އެމަނިކުފާނު ވެރިކަމަށް އަންނާނެ ކަމުގެ އުއްމީދުގައި ކަމަށް އިލްހާމް ވިދާޅުވިއެވެ. އިލްހާމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއި ނުކުރުން އެއީ ގާސިމްގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށެވެެ.

ޖޭޕީން ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލާފައިވާއިރު ރެއާ ހަމަޔަށް އެއްވެސް ބޭފުޅަކު އެމަގާމަަށް ކުރިމަތިލައްވާފައިނުވާތީ އިލްހާމް ވިދާޅުވީ މާދަމާގެ 12 ޖެހުމާ ހަމަޔަށް އެ ފުރުސަތު އެބައޮތް ކަމަށެވެ.

"މާދަމާ 12 ޖަހާއިރަށް އަޅުގަނޑު ގަބޫލުކުރަނީ މި ޕާޓީން ނިންމާ ނިންމުމެއް ކޮންމެވެސް ސިފައެއްގައި އެނގިގެންދާން ޖެހޭނެ ކަމަށް." އިލްހާމް ވިދާޅުވި އެވެ.

މީގެ އިތުރުން އިލްހާމް ވިދާޅުވީ ސަރުކާރުގައި ތިއްބެވި ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ޕާޓީން ވަކިވި ނަމަވެސް ފަރުވާލެެއް ނެތް ކަމަށާއި، އެއީ އެބޭފުޅުންގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ. އަދި މިވަގުތު އެގޮތަށް ނިންމި ނަމަވެސް ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރާ ހިސާބުން އެޕާޓީއާއެކު އެބޭފުޅުން ކުރިއަށް ދާނެ ކަމަށް ގަބޫލުކުރަށްވާ ކަމަށް އިލްހާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފަރުވާލެއް ނެތް އެކަމަކަށް. ސަބަބަކީ އެބޭފުޅުންގެ އަމިއްލަ ޒިންމާއެއް، ޗޮއިސް އެއް ނެގުމަކީ އެހެން ނޫންތޯ ވާނީ؟ އަޅުގަނޑުމެން އެހެނޭ ކިޔާފައި ކުޑައިމީސްކޮށް އެއްޗެއް ބުނާކަން ނެތިން. އަޅުގަނޑު ގަބޫލުކުރާ ހިތްވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނުވަތަ އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކޮށްފިއްޔާ ވަގުތު ޖެހޭއިރު އެބޭފުޅުން އައިސް މި ޓީމްގައި ރުކުރުވާލާނެެ ކަމަށް އަޅުގަނޑު އުއްމީދުކުރަނީ." އިލްހާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން