ހަލުވި ދުވެލީގައި އިތުރުވަމުންދާ އާބާދީއާ އެއްވަރަށް އެއްގަމު އުޅަނދުތައް އިތުރުވަމުންދާ ހުޅުމާލޭގައި ޕާކު ކުރުން މިވަނީ ވަރަށްވެސް ބޮޑު ގޮންޖެހުމަކަށް ވެފައެވެ. ގިނަފަހަރަށް މަގުގެ ދެފަރާތުގައި ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގުތަކުން ބޮޑު ބައެއް ގެއްލި މަގުތަކުގައި ދުއްވުމަށާއި އަދި ހިނގާ މީހުންނަށްވެސް މިކަމުން ދަތިވެއެވެ. ނުވިތާކަށް ހަތަރު ފުރޮޅުލީ އުޅަނދެއް ޕާކު ކުރުމަކީވެސް ދުވަހުގެ ބިޒީ ޝެޑިއުލުން އެތައް ވަގުތެއް ގެއްލި ތިބާ ދާންޖެހޭ ތަންތަނަށް ގަޑި ޖެހުމަށް ދިމާވާ ކަމެކެވެ. ޖާގައިގެ ދަތިކަމަށް ނުކަތާވަރަށް އެއްގަމު އުޅަނދުފަހަރު އިތުރުވި ނަމަވެސް، ޕާކު ކުރުމުގެ ދަތިކަން ފަދަ ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުޑަކުރެވިދާނެއެވެ.

ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ސްމާޓް ސިޓީއެއް ހޯދައި ދިނުމުގެ އަޒުމުގައި އޮތް އާބަންކޯގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ދާދި ފަހުން މިވަނީ ޕާކު ކުރުމުގެ ކަންކަމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. މިގޮތުން ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނެއް ގާއިމުކޮށް މިވަނީ ނިމިފައެވެ. ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯން މިވަނީ ސްމާޓް ޕާކިން ޒޯނަކަށް ބަދަލުކޮށް ފައެވެ. އަދި ވަރަށް އަވަހަށް މި ޒޯނުން ކާރު ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.ސްމާޓް ޕާކިންގެ ހާއްސަ ސިފަތައް

އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްމާޓް ޕާކިންގައި ހަމަ ވަރަށް ހާއްސަ ތަފާތު ކަންކަން އެބްހުއްޓެވެ. މިގޮތުން، ޕާކިންޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓަރ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެއެވެ. މިގޮތަށް ހުށިޔާރުކަމާ އެކީގައި އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެއްމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)، އަދި މެޝިން ލާރނިންގ (އެމް.އެލް) ބޭނުންކުރެއެވެ. މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެއެވެ. މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައްވީސް ގަޑި އިރު ސީ.ސީ.ޓީ.ވީ ކެމެރާ މެދުވެރިކޮށް މޮނިޓަރ ކުރެވޭނެއެވެ.ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިންގ ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެއެވެ. އަދި ކުރުމުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ވަނީ ތައްޔާރު ކުރެވިފައެވެ. މި އެޕްލިކޭޝަންގެ ސަބަބުން ކުރުމުއްދަތަކަށް ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެއެވެ. އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެއެވެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕް ގެ ޒަރީއާއިން ފެންނާނެއެވެ.

ފިތުރޯނު ޕާކިންގ ޒޯނަކީ އެއްމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިންގ ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ތައާރަފު ކުރެވި ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން