އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
ރައްޔިތުންނާއި ގުޅުންހުރި ބިލުތަކުގެ މަސައްކަތް ހިނގިޔަ ނުދީ ކޮމިޓީތައް އެކުލަވައިނުލާ އޮންނަ އޮތުން، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުށްވެރިކުރައްވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން މެންބަރު ޝިފާއު ވިދާޅުވީ ތަކެތީގެ އަގު ދުވަހުން ދުވަހަށް ހެޔޮކުރެވޭތޯ ނުވަތަ އިންފްލޭޝަން ރޭޓް ދަށްކުރެވޭތޯ ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މިފަހަކަށް އައިސް އިވުނު އެއް އަޑަކީ، ކޮތަޅުގެ ދެރުފިޔާގެ ވާހަކަ ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން، މަޖިލީހަށް ބިލެއް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ވަނީ އެ ބިލުގެ މަސައްކަތް ހިނގިޔަނުދީ، މިއަދުގެ ރިޔާސަތުން ކޮމިޓީތައް އެކުލަވާނުލައި ހިފަހައްޓާފައި އޮންނަ އޮތުން ކުށްވެރިކުރަށްވާފައެވެ.

"ރައްޔިތުންގެ ހައްގުގައި ކަމެއް ކުރަން ބޭނުންނަމަ. މިހިރަ ކަންކަން ހައްލުކޮށްދޭންޖެހޭ. ހައްލު ހޯދައިދޭންޖެހޭ. ސަރުކާރުން ރައްޔިތުންނަށް ލުޔެއް ހޯދައިދޭން ބޭނުންވި ހިނދު، މި ރައްޔިތުންގެ މަޖިލިސް މިއީ އެކަމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ. މި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އެއީ އެކަމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ. މި ރައްޔިތުންގެ މަޖިލީހުގައި މުހިންމު މަސައްކަތް އެބަހުރި." އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވިއެވެ.

މެންބަރު ޝިފާއު ވިދާޅުވީ ގާނޫނަށް ގެނެވުނު ބަދަލާ އެއްކޮށް ކޮތަޅުގެ އަގުން އިތުރަށް ނަގާ ދެ ރުފިޔާ، އެއީ ރައްޔިތުންނަށް ބުރައެއްކަމަށް ބުނެ، ރައްޔިތުން އަންނަނީ އެކަން ހައްލުކުރަން އެދެމުން ކަމަށެވެ. އަދި ކޮތަޅުން ނަގާ 2 ރުފިޔާ ކަނޑާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވާފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މެންބަރު ވިދާޅުވީ ބިލުގެ މަސައްކަތް ހިނގިޔަނުދީ ހިފަހައްޓާފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ކަމަށެވެ. އެކަން ހައްލުކުރަން ޖެހޭ ކަމަށާއި، ރައްޔިތުންނަށް އިހްލާސްތެރި މަސައްކަތްތަކެއް މަޖިލީހުން ކޮށްދޭން ބޭނުންވާނަމަ، މި ކަންކަން ހައްލުކޮށްގެން ތަކެތީގެ އަގު އުފުލުނަނުދީ ހިފެހެއްޓޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

"ކޮތަޅުގެ އަގުން އިތުރަށް ނެގޭ ދެ ރުފިޔާ އެކަންޏެއް ނޫން މި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ފޮނުއްވާފައި ހުރި ރައްޔިތުންނާއި ގުޅުންހުރި މުހިންމު މަސައްކަތްތަކެއް، ބިލުތަކެއް ހުރިކަން ފާހަގަކުރެވޭ. އެހެންނަމަވެސް މި ރައްޔިތުންގެ މަޖިލީޙުގެ ރިޔާސަތުން މިއަދު މަސައްކަތް ކުރަމުން އެދަނީ މި ރައްޔިތުންގެ މަޖިލިސް ފަންކްޝަންވިޔަ ނުދިނުމަށްޓަކައި." މެންބަރު ޝިފާއު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން