އަހުމަދު އިބްރާހިމް   11 ޖުލައި 2023 - 1:15
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރެއްގެ ގޮތުގައި މިވަގުތު ހުންނެވި ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާ ގުޅިވަޑައިގަންނަވަން އުޅުއްވާކަމުގެ އަޑުތައް ގަދަވެއްޖެއެވެ.

ދާދިފަހުން ޑރ.ޝަހީމް އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އާ ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް ވަނީ ދައުރުވެފައެވެ. ޑރ.ޝަހީމް ސަރުކާރާ ގުޅިވަޑައިގަންނަވަން އުޅުއްވާކަމަށް ފެތުރޭ އަޑުތަކާ ގުޅިގެން ޕީޕީއެމްގެ ސެނެޓުގެ ވަޓްސްއެޕް ގްރޫޕުގައި މެމްބަރަކު ވަނީ ސުވާލުވެސް ކޮށްފައެވެ. އެހެންނަމަވެސް ޕީޕީއެމްގެ ލީޑަރޝިޕުންވެސް އަދި ޑރ.ޝަހީމުވެސް އެއަށް ޖަވާބުދެއްވާފައެއް ނުވެއެވެ.

ޑރ.ޝަހީމަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެވެ. އިންތިޚާބުން ނާކާމިޔަބުވުމުން ޝަހީމް ވަޑައިގަތީ ރާއްޖެއިން ބޭރަށެވެ. އަދި އޯއައިސީގެ ވަޒީފާއެއްގައި ސަޢުދީ އަރަބިއްޔާގައި ގިނަދުވަސްތަކެއްވަންދެން ހުންނެވިއެވެ. އޭގެފަހުން ރާއްޖެ ވަޑައިގެން ކޮންމެވެސް ވަރަކަށް ސިޔާސީ ކަންކަމުގެތެރޭގައިވެސް އުޅުއްވިއެވެ. އެހެންނަމަވެސް ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕާއި ޑރ.ޝަހީމާ މާ ގުޅުން ރަނގަޅުތަނެއް ނުފެނެއެވެ.

ރައީސް ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވިއްޖެނަމަ ދެން ހަދާނެ ގޮތަކާމެދު ޕީޕީއެމްގެ ތެރޭގައި ޚިޔާލުތަފާތުވެ ނުތަނަވަސްކަން ބޮޑުވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިދަނޑިވަޅުގައި ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާ ޕީޕީއެމުން މަޝްވަރާ ކުރުމަކީވެސް ޕީޕީއެމްގެ ބައެއް ސީނިއަރ މެމްބަރުންނާއި ޢާންމު މެމްބަރުންގެ ތެރެއިންވެސް ބައެއް މީހުންނަށް މާ ކަމުދާކަމަކަށް ނުވެއެވެ.

ޑރ.ޝަހީމް ސަރުކާރާ ގުޅެން އުޅުއްވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނާގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ. ނަމަވެސް ޝަހީމުގެ ވަރަށް ބޮޑު ހިއްސާއަކާއެކު އުފެދި ހަރަކާތްތެރި ވަމުން އަންނަ އަދާކަތު ޕާޓީއާއި ޑރ. ޝަހީމު ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވަރަށް ސީރިއަސް މައުލޫމާތެއް މިނޫހަށް ވަނީ ލިބިފައެވެ.

ރައީސް ޞޯލިހު މިފަހަރު ރިޔާސީ ކެމްޕޭން ފެއްޓެވިއިރު ވެސް ރަނިންގމޭޓަކު އިޢުލާން ކުރަށްވާފައެއް ނުވެއެވެ. ޑރ. ޝަހީމު ސަރުކާރާއި ގުޅިވަޑައިގަންނަވަން އުޅުއްވާ ވާހަކަތައް ފެތުރެންފެށީ މިސަބަބާހުރެ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން