ވެރިކަމަށް ދަހިވެތިވެ އުޅުނު މީހުން ޤިޔާމަތް ދުވަހު މިއިން ކަމެއްގައި ވައިވެސް ނޭޅުނުނަމައޭ ހިތަށް އަރާނެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަށް މިހާރު މިއޮތީ މަހެއްހައި ދުވަހެވެ. މިއީ މިހައިތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ވާދަވެރި އިންތިޚާބެވެ. އެތައް ކެންޑިޑޭޓުންނެއް މިއިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެ މިހާރުވަނީ ކެމްޕެއިންކުރަންވެސް ފަށާފައެވެ.

އާބާދީކުޑަކުޑަ މިދިވެހި ޤަޢުމުގައި ސިޔާސީ ޕާޓީތައް ނިސްބަތުން ގިނައެވެ. އެއިން ކޮންމެ ޕާޓީއަކުންވެސް ބޭނުންވަނީ ވެރިކަމެވެ. ކޮންމެ ޕާޓީއަކުންހެން އިންތިޚާބަށް ކުރިމަތިލާއިރު، އަމިއްލަ ގޮތުންވެސް ބޭފުޅުން އިންތިޚާބަށް ކުރިމަތިލައްވައެވެ. ވިދާޅުވަނީ ޤައުމަށް ހެވެއް އޮތީ ތިމަންނާ ވެރިކަމަށް ވަޑައިގެންނެވުމުން ކަމަށެވެ. ނަމަވެސް އިންތިޚާބަށް ކުރައްވަމުންގެންދަވާ ކެމްޕެއިންތަކުން މިބޭބޭފުޅުންގެ އިހްލާޞްތެރިކަމާއިމެދު ސުވާލު އުފެދެއެވެ.

ވެރިކަމާއި ރިޔާސަތާއި މަތިފަޑީގެ މަޤާމުތަކަށް ދަހިވެތިވެވަޑައިގެންފައި ތިއްބެވިލެއް ބޮޑުކަމުން ފެންނަނީ ކޮންމެފަދަ ކަމެއްވެސް ކުރައްވަމުންގެންދަވާ މަންޒަރެވެ. ބަހާއި ޢަމަލުންނެވެ.

ނަމަވެސް އަޅުގަނޑު ފަހަރެއްގައިވެސް މިއުޅެނީކީ ސިޔާސީ ވާހަކައެއް ދައްކާކަށެއް ނޫނެވެ. އަޅުގަނޑު މިބަލާލަނީ ރަސޫލު ﷲ ޒަމާނުގައި އޭރު އިސްލާމްދީނުގައި ވެރިކަމާއި ރިޔާސަތާއި މަތިފަޑީގެ މަޤާމުތަކަށް މީހުން އިސްކުރުމުގައި ކަންކަން ކުރިއަށް ގެންގޮސްފައިވާގޮތުގެ މައްޗަށެވެ.

ޝައްކެއްވެސް ނެތެވެ. ވެރިކަމާއި ރިޔާސަތާއި މަތިފަޑީގެ މަޤާމުތަކަށް ދަހިވެތިވެ ކުރިމަތިލައިގެން އުޅުނު މީހުންނަށް ޤިޔާމަތް ދުވަހުން ހުރި އަޒާބުގެ ބޮޑުކަމާހުރެ މިއިން ކަމެއްގެ ވައިވެސް ނޭޅުނުނަމައޭ ހިތަށް އަރާނެއެވެ.

މިކަން މާތް ރަސޫލާގެ ޙަދީޘްފުޅުތަކުން އަޅުގަނޑުމެންނަށް އެނގިހާމަވެއެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

”އޭ ޢަބްދުއްރަޙްމާނު ބްނު ސަމުރާއެވެ!

ތިބާ ވެރިކަމަށް ނޭދޭށެވެ! ފަހެ ތިބާ ވެރިކަން ހޯދަންއުޅެ ސުވާލުކޮށްގެެން ވެރިކަން ލިބިއްޖެއްޔާ ތިބާ އެކަމަށް ދޫކޮށްލެވޭހުއްޓެވެ! އަދި ތިބާ ސުވާލުކޮށް އެދުމެއްނެތި ވެރިކަން ދެއްވިއްޖެއްޔާ ތިބާއަށް އެކަމުގައި އެހީތެރިކަން ލިބޭހުއްޓެވެ!“ (ޞަޙީޙުލް ބުޚާރީ، މުސްލިމް)

އެކަލޭގެފާނުގެ އެހެން ޙަދީޘެއްގައިވެއެވެ.

”ހަމަކަށަވަރުން ތިޔަބައިމީހުން ވެރިކަމަށް ދަހިވެތިވެ އުޅޭނެތެވެ! ފަހެ ޤިޔާމަތް ދުވަހުގައި އެވެރިކަމަކީ ޖެހުނު ހިތްދަތި ކަމެއްކަމުގައި ވެގެންދާނެއެވެ! ފަހެ ކިރުމައެއްކަމުގައި އެވެރިކަމުގެ މޮޅުކަމާއެވެ! އަދި ކިރުތުނބުންވީއްލުމެއްގެ ގޮތުގައި އޭގެ ނުބައިކަމާއެވެ!“ (ޞަޙީޙުލް ބުޚާރީ)

އެބަހީ: ދުނިޔޭގައި، ވެރިކަމުގެ ކުރީކޮޅުގައި އެ ލިބޭ ފައިދާތަކާއި ފޮނިމީރުކަމުގެ މޮޅުކަމާއެވެ! އެކަމަކު އޭގެ ފަހުން އެވެރިކަން އޭނާގެ ކިބައިން ފިލައިގެން ގޮސް އެޖެހޭ ހިތްދަތިޙާލާއި، ޤިޔާމަތް ދުވަހު ކުރިމަތިވާނޭ ގަދަފަދަ ހިސާބު ބެއްލެވުމުގެ ސަބަބުން އެކަމުގެ ނުބައިކަމާއެވެ!

އަބޫ މޫސާ އަލްއަޝްޢަރީ رضي الله عنه ވިދާޅުވިއެވެ.

”އަހަރެންނާއި، އަހަރެންގެ ޤައުމުގެ ދެމީހުންނާއި އެކު ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތީމެވެ.

ދެން އެދެމީހުންގެ ތެރެއިން އެކަކު ރަސޫލާ އަރިހު އެދި ދެންނެވިއެވެ.

"އޭ ﷲ ގެ ރަސޫލާ އެވެ! ތިމަން ވެރިކަމުގެ ކަމަކަށް އިސްކޮށްދެއްވާށެވެ!"

ހަމައެއާކު ދެވަނަ މީހާވެސް ރަސޫލާ އަރިހު އެގޮތަށް އެދި ދެންނެވިއެވެ.

އެހިނދު ރަސޫލާ ޙަދީޘް ކުރެއްވިއެވެ.

"ﷲ ގަންދީ ބުނަމެވެ! މިކަމަށް އެދި ސުވާލުކޮށްފި މީހާ، އަދި މިކަމަށް ދަހިވެތިވެ އުޅޭ އެކަކުވެސް މިކަމުގެ މައްޗަށް ތިމަންބޭކަލުން އިސްނުކުރަމެވެ!“

(ޞަޙީޙުލް ބުޚާރީ، މުސްލިމް)

އަބޫ ޛައްރު رضي الله عنه ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم، ޙަދީޘް ކުރެއްވިއެވެ.

"އޭ އަބޫ ޛައްރެވެ!

ހަމަކަށަވަރުން ތިބާއީ ބަލިކަށި މީހެއްކަމަށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަނެއެވެ! އަދި ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް ލޯބިކުރައްވާ ކަމަކަށް، ތިބާއަށްވެސް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ! ފަހެ ދެމީހެއްގެ މައްޗަށް ވެރިޔަކު ކަމުގައި ތިބާ އިސްނުވާހުށިކަމެވެ!“ (ޞަޙީޙު މުސްލިމް)

އަދިވެސް ޙަދީޘް ކުރެއްވިއެވެ.

”ވެރިންނަށް ހަލާކުހުއްޓެވެ!

އަދި ކަތީބުންނަށް ހަލާކުހުއްޓެވެ!

އަދި ޚަޒާންދާރުންނަށް ހަލާކުހުއްޓެވެ!

ޤިޔާމަތްދުވަހު، އެމީހުންގެ އިސްތަށިގަނޑުން «ޘުރައްޔާ» އޭ ކިޔުނު ތަރީގައި އެލުވި، އުޑާއި ބިމާ ދެމެދު ހެލުވިހެލުވި ހުރިނަމައޭވެސް ބަޔަކު މީހުން އުއްމީދުކުރާނެއެވެ!

އަދި (ވެރިކަމުގެ) އެއްވެސް ކަމަކާ އެމީހުން ޙަވާލު ނުވިނަމައޭވެސް ހިތަށް އަރާނެއެވެ!“ (މުސްނަދު އަޙްމަދު، ޞަޙީޙު އިބްނު ޙިއްބާނު)

ރަސޫލާގެ ޙަދީޘްފުޅުތަކުން އެނގިހާމަވަނީ، ޖުމްލަގޮތެއްގައި ވެރިކަމާއި ރިޔާސަތު ހޯދަންއުޅެ ސުވާލުކޮށް ދަހިވެތިވެ އުޅުމީ ޢައިބުގެ ބަސް އައިސްފައިވާކަމެކެވެ. އެކަމަކު އަހަރުމެންގެ ތެރޭގައި މިއަދު މިވަނީ ކަންކަން އެފުއްމިފުށަށް ޖެހިފައެވެ.

ހެޔޮވެގެންވާ ސަލަފުންވީ ވެރިކަމާއި، ޤާޟީކަމާއި، އަމީރުކަމަށް ހަވާލުވުމަށް ނުހަނު ނުރުހުންވެ ބިރުވެތިވެލެއްވި ބައެއްކަމުގައިއެވެ. އަދި ކިއެއްތަ، އެކަމާ ހަވާލުނުވާންވެގެން ތަޅާ އަނިޔާކުރެވި، އަދި ހަވާލުކޮށްފާނެތީވެ ވަންހަނާވެ ފިލައިގެން ރަށުންބޭރަށް ރައްކާވިބޭކަލުންވެސްވެއެވެ.

ގަދަކަމުން އިތުރު ގޮތެއް ނެތިގެން މެނުވީ އެއިން ބޭކަލަކަށް ވެރިކަމެއްގެ ކަމެއް ހަވާލު ނުކުރެވެއެވެ. އަދި އެބޭކަލުން އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ކުރައްވާ ހިތްވަރުދެއްވީވެސް ވެރިކަމާއި ރިޔާސަތާ ގާތްނުވެ ޚަބަރުދާރުވެ ދުރުގައި ހުރުމަށެވެ. އެއްވެސް ޙާލެއްގައި އަނހާ ކަލެޔަކީ މަޤާމަށް ވަރަށް އެކަށޭނެ ރަނގަޅު މީހެކޭ ރައީސްކަމާއި ކައުންސިލަރުކަމާއި އެވެނި މަޤާމަކަށް ކުރިމަތިލާންވާނޭއޭ ވިދާޅެއްނުވެއެވެ. ފިތުނާގައި ނުޖެހި ވީހާވެސް ދުރަށް ދެވޭތޯ މަސައްކަތްކުރުމީ ދީނުގެ އެއް އަސާސްކަމުގައިވާއިރު، އެބޭކަލުން ދެކެވަޑައިގެންނެވީ ވެރިކަމާއި ގާތްވުމީވެސް މީހާ ނުރައްކަލަށް ހުށަހެޅޭ ބޮޑު ފިތުނައެއްކަމުގައެވެ.

ކޮންމެއަކަސް ސަލަފުންގެ ޒަމާނަށް ފަހުގައި، މިހާރު މިވަނީ ނައްޞުތަކާއި ދިމާ އިދިކޮޅަށް ވެރިކަމާއި، ރައީސްކަމާއި، ކައުންސިލަރުކަމާއި، މިފަދަ ރިޔާސަތުގެ މަޤާމުތަކަކީ ގަދައަޅާ ހޯދަން އުޅެވި، ކެމްޕޭންކޮށް ޕޯސްޓަރާއި ޖަލްސާތައް ބޭއްވި ތިމާގެ ހުނަރުވެރިކަމާއި ކުޅަދާނަކަމަށް ތަޒްކިޔާދެވި، ފޯނު ކޯލާއި އެސްއެމްއެސްއާއި އެކި ވަސީލަތްތައް ބޭނުންކޮށްގެން ސުވާލުކޮށް ވެރިކަމަށް ހޮވައިދިނުމަށް އެދި ސަލާން ޖެހޭ ކަމަކަށް ވެފައެވެ. ވެރިކަމަށް އެދުން ދެން މިއަށްވުރެ ބޮޑަށް ތަޞައްވަރުކުރެވޭނެ ގޮތެއް ނެތެވެ.

ވެރިކަމާއި ވެރިންނާއި ވީހާވެސް ދުރަށްދުވި ބޭކަލުންގެ ބަދަލުގައި މިހާރު ވެރިކަމާއި ވެރިންނަކީ އެމީހުންނާ ވީހާވެސް ގާތްވެވޭތޯ އުޅެވޭ ބައެއްކަމުގައިވަނީ ވެފައެވެ.

އިސްލާމީ ޝަރީޢަތާއި ޢަދުލުވެރިކަން އޮތް ބިމެއްގައިވެސް މިހާ ފުޅާކޮށް މަޤާމުތައް މިބީދައިން ހޯދަން އުޅުމީ ދީނާ މުޅިން ބީރައްޓެހިވެގެންވާ އެތަކެއް މުންކަރާތްތަކެއް އެކުލެވިގެންވާ ފިތުނައެއް ކަމުގައި ވާއިރު، ދެންފަހެ ޢަދުލުވެރިކަން ގެއްލި، ދީނާއި ޚިލާފު ގޮތްތައް ވެރިވެގެންވާ ތަނެއްގައި ކޮންފަދަ ހެއްޔެވެ!

އަބޫ ދާވޫދު (275ހ) ވިދާޅުވެފައިވެއެވެ.

”ވަންހަނާވެގެންވާ ޝަހުވަތަކީ ރިޔާސަތަށް ލޯބިކުރުމެވެ.“

އިސްލާމީ ތާރީޚަށް ނަޒަރުހިންގާލާއިރު، ރިޔާސަތަކީ ބޮޑު ޤައުމެއް ނޫނީ ބިމެއްގެ ވެރިކަން ކުރުން އެކަންޏެއްނޫނެވެ.

އަދި ކިއެއްތަ، އެމީހަކުގެ ބަސްއެހި، މީހުންގެ ގާތުގައި އެމީހަކަށް އިސްއުފުލާބެލި، މަޝްވަރާ ހޯދި، ފާހަގަވެގެންވުމަށް އެދުންވެރިވުމީވެސް ރިޔާސަތަށް ލޯބިކުރުމުގެ ވައްތަރެކެވެ.

ޔޫސުފު ބްނު އަސްބާޠު (195ހ) ވިދާޅުވެފައިވެއެވެ.

”ސުލައިމާނު އަލްޚައްވާޞު ކަނޑުމަތީ ދަތުރެއްގައި ނިކުތުމަށް ޤަޞްދުކުރެއްވިއެވެ. ދެން އެމީހުން ބުނެފިއެވެ:

"އަހަރުމެންނަށް (ދަތުރުގައި) އަމީރަކު ވާންޖެހޭނެއެވެ."

އެހިނދު ސުލައިމާނު ވިދާޅުވިއެވެ.

"ތިޔަބައިމީހުންގެ އަމީރަކީ އަހަރެންނެވެ!"

ދެންފަހެ ސުފްޔާނުއް ޘައުރީއަށް އެޚަބަރު ފޯރުމުން ސުލައިމާނަށް ލިޔުއްވިއެވެ:

"ރިޔާސަތުގައި ޒުހުދުވެރިވުން، ދުނިޔެއާ މެދުގައި ޒުހުދުވެރިވުމަށްވުރެވެސް (އުނދަގޫކަން) ގަދަވެގެންވެއެވެ!"

ދެން ސުލައިމާނު އެލިޔުން ކިޔުއްވިހިނދު ވިދާޅުވިއެވެ:

" ތިޔަބައިމީހުންގެ އަމީރުކަމުގައި އަހަރެން ނުވެއެވެ." (އަލްޖަރަޙް ވައްތަޢުދީލު ލިއިބްނު އަބީ ޙާތިމް)

ސުފްޔާނުއް ޘައުރީ (161ހ) ވިދާޅުވެފައިވެއެވެ.

”އެމީހެއްގެ ބަހުގެ މައްޗަށް ޢަމަލުކުރެވޭ،

ނުވަތަ އެމީހެއްގެ ބަސްފެތުރިގެންދިޔުމަށް، އަދި އެމީހެއްގެ ބަސް އަޑުއެހިގެންވުމަށް ލޯބިކުރާ މީހެއްކަމުގައިވުމާމެދު ތިބާ ހުށިޔާރުވެ ސަމާލުވާށެވެ! އޭނާ އެކަންތައް ދޫކޮށްލައިފިނަމަ، އޭނާގެ ކިބައިން އެނގިގެންދެއެވެ. އަދި ރިޔާސަތަށް ލޯބިވުމާމެދު ތިބާ ޚަބަރުދާރުވާށެވެ!

ފަހެ ހަމަކަށަވަރުން ރަނާއި ރިއްސަށްވުރެ މީހާ ރިޔާސަތަށް ހިތްޖެހިގެންވެއެވެ!

އަދި އެއީ ފޮރުވި ވަންހަނާވެގެންވާ ބާބެކެވެ! ޢިލްމުވެރިންގެ ތެރެއިން ތޫނުފިލި ދުރުވިސްނޭ މީހަކަށްމެނުވީ އޭގެ (ޙަޤީޤަތް) ނުފެނެއެވެ! އެހެންކަމުން ފަހެ ތިބާގެ ނަފްސުގެ ހުރިނެތްގޮތް ބަލާ، ނިޔަތާއެކު ޢަމަލުކުރާށެވެ!“ (އަޚްބާރުއް ޝުޔޫޚު)

ސުޢައިރު ބްނު ޙިމްޞު ކިޔާދެއްވިއެވެ.

”އަހަރެންނަށް ސުފްޔާނުއް ޘައުރީ މައްކާއިން ފެނުނެވެ. އެއިރު އެކަލޭގެފާނާއި އެކުގައި މުސްކުޅިޔަކު ހުއްޓެވެ. ދެން އެކަލޭގެފާނު އަހަރެންނަށް ވިދާޅުވިއެވެ: "އަހަރުމެން ގޮވައިގެން މީނާ (އެބަހީ: ވެރިޔާ) ކައިރިއަށް ހިނގާބަލާށެވެ!

އެހެނީ ހަމަކަށަވަރުން އަހަރުމެންގެ މިއެކުވެރިޔާއަށް އޭނާ (ޤާޟީކަމަށް ހެދުމަށް) ހުށަހަޅައިފިއެވެ!"...



ދެން އަހަރެން އެކަލޭގެފާނާއެކުގައި ދިޔައީމެވެ. އަދި ވެރިޔާގެ ގާތަށް ވަނީމެވެ. ދެން އޭނާއާއި ސަލާމްކޮށް (އޭނާގެ ދަރިޔަކު އިހަށް ދުވަހަކު މަރުވުމުން) ތަޢުޒިޔާ ކިޔީމެވެ.

އެކަމަކު ސުފްޔާނު އޭނާއާ ސަލާމެއްވެސް ނުކުރައްވައެވެ. އަދި ތަޢުޒިޔާއެއްވެސް ވިދާޅެއްނުވެއެވެ. ހަމައެކަނި ވިދާޅުވީ މިފަދައިންނެވެ.

"އޭ މުޙައްމަދު ބްނު އިބްރާހީމެވެ!

ކަލޭގެ ފިރިހެން ދަރިފުޅު (މަރުވުމުން) އެކަން ކަލެއަކަށް ވަޢުޡު ޢިބްރަތެއް ދީފިއެވެ. އެއީ ކަލޭ ވަޢުޡު ޢިބްރަތް ނަގާނެނަމަތާއެވެ!

ކަލެއާ އަހަރުމެންގެ މިއެކުވެރިޔާގެ މުދަލާއި ކީއްހެއްޔެވެ!؟"

އޭނާ ބުންޏެވެ.

"އަހަރެން ބޭނުންވިކަން ކަށަވަރީ އޭނާ ޤާޟީކަމަށް އިސްކުރާށެވެ! "

ސުފްޔާނު ވިދާޅުވިއެވެ.

"އެކަމަކަށް އޭނާއަށް ޙާޖަތެއް ޖެހިގެން ނުވެއެވެ!"

އޭނާ ބުނެފިއެވެ:

"އެހެންވިއްޔާ އޭނާ އެކަމުން ދުރުކޮށް ދޫކޮށްލައިފީމެވެ."“

(އަޚްބާރުއް ޝުޔޫޚު)



ހައިރާންވާންޖެހޭ ކަމަކީ މިޒަމާނުގައިވާ ގޮތްތަކާ ޚިލާފަށް ސަލަފުންގެ ބޭކަލުން އެއްބަޔަކު އަނެއްބަޔަކަށް ޝަފާޢަތްތެރިވަނީ ﷲ އަށްޓަކައިއެވެ. ދުނިޔެއަށްޓަކައިއެއް ނޫނެވެ. އެގޮތުން އެބޭކަލުންގެ ލޯބިވާ އަޚުން ޤާޟީކަމާއި، ވެރިކަމުގެ ވަޒީފާތަކަށް ހަމަޖައްސަން އުޅުމުން އެކަން އެހެންވިޔަ ނުދިނުމަށްޓަކައި ވެރިމީހާގެ ގާތަށް ގޮސް ވާހަކަދައްކާ ޝަފާޢަތްތެރިވެއެވެ. އެއީ އެބޭކަލެއްގެ ލޯބިވާ އަޚާ ފިތުނައަށް ހުށަހެޅި، ފާފަވެރިކަމެއްގައި ބެދި، އާޚިރަތް ބަރުބާދުވެދިޔަ ނުދިނުމަށެވެ. އެކަމަކު މިއަދު އެއާއި މުޅިން އިދިކޮޅެވެ.

ދީނުގެ ކަންފުޅެއްވެސް ނެތް ބަޔަކު ވެރިކަމަށާއި، މެންބަރުކަމާއި އެހެނިހެން މަޤާމްތަކަށް ހޮވުމަށް ފޫގަޅާ، ވޯޓުލުމަށް އާދޭސްކޮށްގެން ދުވުމުގައި ޢިލްމަށް ނިސްބަތްވާ އެތައް ބަޔަކުވެސް ބައިވެރިވެއެވެ. އެއީ އެމަޤާމުތަކުގެ ވަށައިގެން މުންކަރާތްތައް ފުނިޖެހި، އަދި އެކަމަށް އެއަރާ މީހަކީވެސް ދީނީގޮތުން ބަލާނަމަ ކުޑަމިނުން ހެކިބަސް ޤަބޫލުނުކުރެވޭ ފާސިޤެއްކަމުގައިވެސް ވާޙާލުގައިއެވެ.

އެއްފަހަރަކު «މަރްވު» ގައި ޤާޟީއަކަށް ކަނޑައަޅާނޭ މީހަކާމެދު މަޝްވަރާކުރުމަށް ބަޔަކު މީހުންގެ ނަންތައް ވެރިޔާއަށް ދެވުނު ވާހަކަ އިބްނުލް މުބާރަކު (181ހ) އަށް ދެންނެވުނެވެ. އެމީހުންގެ ތެރޭގައި އައްނަޟްރު ބްނު މުޙައްމަދުއާއި، ޚާލިދު ބްނު ޞުބައިޙުއާއި، އިބްނުލް މުބާރަކުއާއި، އަދި އެނޫންވެސް އެތަނުގެ ޝެއިޚުންގެ ނަންތަކެއް ހިމެނުނެވެ.

އެހިނދު އިބްނުލް މުބާރަކު ކޯފާއިސްކުރައްވާ ވިދާޅުވިއެވެ.

"އަހަރެން ވަކި މީހަކު މަޤާމަށް އިސްކުރުމަށް އިޝާރާތްކޮށް އެމީހުންނަށް ލަފާދޭނެކަމަށް ދަހިވެތިވެގެން އުޅޭތަން ތިބާ ނިކަން ދެކިބަލާށެވެ. ފަހެ އެމީހުން އަލްފުޟައިލު ބްނު ޢިޔާޟުގެ ނަން ޛިކުރުކުރިޔަސް އެކަލޭގެފާނު އިސްކުރުމަށްވެސް އަހަރެން ލަފާނުދިނީމުހެވެ!"

(އަޚްބާރުއް ޝުޔޫޚު)

އަލްފުޟައިލު ބްނު ޢިޔާޟުފަދަ އުއްމަތް އެބޭކަލެއްގެ އިމާމުކަމާއި ޢިލްމުވެރިކަމަށް ހެކިވެގެންވާ ބޭކަލަކުވެސް އޭރު އޮތް ވެރިކަމުގެ ދަށުގައި އެފަދަ މަޤާމަކަށް އެރުމަށް އިބްނުލް މުބާރަކު ތާއީދުކޮށް ތަޒްކިޔާނުދެއްވައެވެ.

އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރޭގައި ވެރިކަމަށް ދަހިވެތިވެ އެކަމަށް ކުރިމަތިލާ މީހުން ބަހަނާ ދައްކާފަދައިން އެމީހުން އެމަޤާމްތަކަށް ނާރައިފިއްޔާ ދެން މާނުބައި ބަޔަކު އަރާނީކަމަށް ނުވަތަ ކުޑަނުބައިކަމަށް އެބޭކަލުން ޙުއްޖަތް ނުދައްކަވައެވެ.

މިއަދު ވެރިކަމަށް ކުފޫ ހަމަނުވާ ޖާހިލުންނަށް ކެމްޕޭންކޮށްދީ، މަޤާމަށް ހޮވައިދީ ވޯޓު ދިނުމަށް އާދޭސްކޮށްގެން ދުވާތަން ފެންނަނީ ޚުދު ޢިލްމަށް ދަޢުވާކުރާ މީހުންގެ ކިބައިންނެވެ. އެއީ ކޮންފަދަ ނުބައި މުންކަރާތްތައް އެކުލެވިގެންވާ، ކޮންފަދަ ދުސްތޫރެއްގެ ދަށުންވާ ވެރިކަމެއްގެ މަޤާމުތަކަކަށްހެއްޔެވެ؟

ޢުމަރު ބްނުލް ޚައްޠާބު رضي الله عنه ވިދާޅުވެފައިވެއެވެ.

”ވެރިކަމާހެދި މާދަހިވެތިވެ ދޯޅުވެގެން އުޅެފި އެއްވެސް މީހަކު ދެން އޭގައި ޢަދުލުވެރި ނުވާނެއެވެ!“



(މުޞައްނަފު އިބްނު އަބީ ޝައިބާ، އައްސުންނާ ލިލްޚައްލާލު)

ކަމާ ކަންފަށާ ވެރިކަމާއި ރިޔާސަތުތައް ހޯދަން އުޅުމީ ކުށްވެރިކުރުމުގެ މިފަދަ ޞައްޙަ ސާފު ނައްޞުތައް އައިސްފައިވާ ކަމެކެވެ. ވަކިވަކި ހަނި ޙާލަތްތަކެއްގައި މެނުވީ މިކަން ފަސޭހަކޮށް ނުލެވޭނެއެވެ. އަދި ޟަރޫރީ ޙާލަތެއްގައި ފުރާނަ ސަލާމަތްކުރަން މުޅަމަސްގަނޑެއް ކާލާ އުޞޫލުން މެނުވީ އެބޭކަލުން ވެރިކަމާ ގާތްނުވެއެވެ. އެއްވެސް ޙާލެއްގައި ވެރިކަމުގެ މަޤާމުތައް ހޯދަން ސަލާންޖަހާ، ކެމްޕޭންކޮށް ނޫޅުއްވައެވެ.

ދެން ހިތުގައި ބަލިމަޑުކަމެއް ހުރެ، ހިފޭނެކޮޅެއް ހޯދަން އުޅޭ، އަމިއްލަ ނަފްސު ނުދަންނަ ޖާހިލުމީހާއަށް މިއަސަރުތަކާއި ސަލަފުންގެ ޢަމަލުތައް ގެންނައިރަށް ދިމާއިދިކޮޅަށް ބުނެއެވެ.

"ބަލަ ޔޫސުފު عليه السلام ވެސް ވެރިކަމަށް އެދުނެވެ! އެހެންވީމާ އެއީ މައްސަލައެއް ނޫނެވެ!"

ޢިލްމުވެރިންވަނީ އެކި ފޮތްތަކުގައި މިއަށް އެކި ޖަވާބު ދެއްވާފައިއެވެ.

އެގޮތުން، އަބޫ ޔަޢުލާ (458ހ) ބަޔާންކުރެއްވި ޖަވާބެއްގައިވެއެވެ.

”ވެރިކަން ހޯދަން އުޅެން އެހެން މީހަކަށް ހުއްދަވުމަށް މިކަން ދަލީލެއް ނުކޮށްދެއެވެ.

އެހެނީ ޔޫސުފުގެފާނަކީ ޙަވާލުވާ ޢަމަލުތަކުގައި އަނިޔާވެރިކަމާއި ބޭއިންސާފުން މަޢުޞޫމުވެގެންވާ ނަބިއްޔެކެވެ! އެކަލޭގެފާނު ފިޔަވައި އެހެން މީހުންގެ ކިބައިގައި މިކަމުގެ ގެރެންޓީ އެކުލެވިގެންނުވެއެވެ.“

(އަލްއަޙްކާމުއް ސުލްޠާނިއްޔާ)

ނަބިއްޔުންނަކީ ކުށްކުރެވި ނުބައިގޮތެއްގައި ދެމިހުރުމަށް ﷲ ތަޢާލާ ޤަރާރުކުރައްވާނޭ ބައެއްނޫނެވެ. އެގޮތުން އެއިން ބޭކަލަކަށް އޮޅިގެން ނުވަތަ އިޖްތިހާދުކޮށްގެން ކުށެއްކުރެވުނު ނަމަވެސް އެކަލާނގެ އެބޭކަލަކަށް ޙައްޤުގޮތް އަންގަވާ ސީދާކޮށްދެއްވައެވެ.

އޭގެ އިތުރުން ނަބިއްޔުންނަކީ ވަކިގޮތަކަށް ދަޢުވަތުދިނުމަށް އަމުރުވެވިގެންވާ ބޭކަލުންނެވެ. އަދި އެކަލޭގެފާނީ ކާފަރު ޤައުމެއްގައި ހުންނެވި ޢަދާލަތު ޤާއިމުކުރެއްވޭނެ ޢިލްމާއި ޙައްޤު ދެނެވަޑައިގެންވާ ހަމައެކަނި އިންސާނާކަމުގައިވެފައި އެފަދަ އެހެން އެއްވެސް މީހަކު އެތާގައި ނެތުމާއި، މިނޫންވެސް އެކި ޖަވާބުތައް ބަޔާންކުރެވިގެންވެއެވެ.

އަލްޤުރްޠުބީ (671ހ) ވިދާޅުވެފައިވެއެވެ.

"ޔޫސުފު عليه السلام ވެރިކަމަށް އެދިވަޑައިގެންނެވީ އެއީ ޢަދުލުވެރިކަމާއި، އިޞްލާޙުކުރުމާއި، ފަޤީރުންނަށް އެމީހުންގެ ޙައްޤުތައް ހޯދައިދިނުމުގައި އެކަލޭގެފާނު ފަދައިން މަޤާމު އަދާކުރެވޭނެ އެއްވެސް މީހަކު ނެތްކަން އެނގިވަޑައިގަތުމުންނެވެ.

ދެންފަހެ އެކަލޭގެފާނުގެ މައްޗަށް އެކަން ކަނޑައެޅިގެން ފަރުޟުވެގެންވާކަމަށް ދެކެވަޑައިގެންނެވިއެވެ. އެހެނީ އެކަންކުރަން (ޙައްޤުވެގެންވާ) އެހެން މީހަކު އޭރު އެތަނުގައި ނުވެއެވެ!"

މިއަދުވެސް ޙުކުމްއޮތީ މިހެންނެވެ.

އިންސާނާ އޭނާގެ އަމިއްލަ ނަފްސުން ޤާޟީކަން ނުވަތަ އަމްރު މަޢުރޫފުގެ ވަޒީފާގެ މަޤާމުގައި ޙައްޤު ޤާއިމުކުރެވޭނެކަން އެނގިއްޖެނަމަ،

އަދި އެކަމަށް އެކަށީގެންވާ އެހެން މީހަކު ނެތްކަން، އަދި އޭނާފަދައިން އެކަންކުރެވޭ މީހަކު ނެތްކަން އޭނާއަށް އެނގިއްޖެނަމަ އެކަންކުރަން އޭނާ ޖެހޭނެއެވެ.

އަދި އެކަމާ ޙަވާލުވެ، އެކަމަށް ސުވާލުކުރުން ވާޖިބުވެއެވެ.

އަދި އެމަޤާމު ހަވާލުކުރެވެން އޭނާއަށް ޙައްޤުވާ ޞިފަތައްކަމުގައިވާ ޢިލްމާއި، ފުދުންތެރިކަމާއި އެފަދަ އެހެން ކަންތަކުގެ ޚަބަރުވެސްދޭނީއެވެ. އެއީ ޔޫސުފު عليه السلام ވެސް ވިދާޅުވިގޮތަށެވެ.

ދެންފަހެ އެކަންކުރެވޭނެ އެހެން މީހަކު އަދި އެކަށީގެންވާ އެހެން މީހުން ތިބިނަމަ، އަދި އޭނާއަށް އެކަން އެނގޭނަމަ، ފަހެ އެންމެ އައުލާވެގެންވަނީ އެކަމަށް ނޭދުމެވެ!ނަބިއްޔާ صلى الله عليه وسلم، ޢަބްދުއް ރަޙްމާނުއަށް ޙަދީޘްކުރެއްވި ފަދައިންނެވެ.

"ތިބާ ވެރިކަމަށް އެދި ސުވާލު ނުކުރާށެވެ!"

އެހެނީ ވެރިކަމުގެ އާފާތްތަކާއި ނުބައިތައް ގިނަކަމާއެކު އަދި އެއިން ސަލާމަތްވުން ނުހަނު އުނދަގޫވެގެންވުމާއެކުވެސް ވެރިކަމަށް އެދި ސުވާލުކޮށް، އެކަމަށް ދަހިވެތިވެގެން އުޅުމަކީ އޭނާ އެކަމަށް އެދި އެއުޅެނީ އޭނާގެ އަމިއްލަ ނަފްސަށްޓަކައި އަދި އޭނާގެ އަމިއްލަ އެދުންތަކާއި ފައިދާތަކަށްކަމަށް ދަލީލުކުރާ ކަމެކެވެ!

މިފަދައިން ޙާލު ހުރި މީހެއްގެ މައްޗަށް އޭނާގެ ނަފްސު ގަދަވެގަނެ ދެން ހަލާކުވެގެންދިޔުން ކައިރިއެވެ!

އެކަލޭގެފާނުގެ ބަސްފުޅުގައިވާ: "އޭނާ އެކަމަށް ހަވާލުކުރެވި ދޫކޮށްލެވޭނެއެވެ." މީގެ މުރާދަކީ އެއީއެވެ.

ދެންފަހެ ވެރިކަމުގައި ހުރި އާފާތްތައް އެނގިގެންވާތީވެ އެކަމާ ދެކޮޅުހަދާ،

އަދި ވެރިކަމުގެ ޙައްޤުތަކުގައި ފަރުވާކުޑަކުރެވިދާނޭކަމަށް ބިރުން ވެރިކަމުން ފިލާ ރައްކާވާ މީހާ،

ދެން އެއަށްފަހުވެސް އޭނާއަށް އެކަމުގެ އިމްތިޙާނު ޖެހިއްޖެނަމަ؛ އެހިނދުން އެއާފާތްތަކުން އޭނާ ސަލާމަތްވެވޭނެކަމަށް އުއްމީދުކޮށް އެދެވެއެވެ!

އެކަލޭގެފާނުގެ ބަސްފުޅުގައިވާ: "އޭނާއަށް އެހީތެރިކަން ލިބޭހުއްޓެވެ." އޭގެ މުރާދަކީ މިއީއެވެ.“

(ތަފްސީރުލް ޤުރްޠުބީ)



ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވެފައިވެއެވެ.

”ދެންފަހެ ވެރިކަމަށް އެދި ސުވާލުކުރުމަކީ ނަބިއްޔާ صلى الله عليه وسلم އެކަން ނުބައިކުރައްވާ ކުށްވެރިކުރެއްވި ކަމެކެވެ.

ދެން ޔޫސުފްގެފާނު އެކަމަށް އެދިލައްވާ، އަދި "ބިމުގެ ޚަޒާނާތަކުގެ މައްޗަށް ތިމަންނާ ވެރިކުރައްވާށޭ" ވިދާޅުވުން،

އެއީ އެކަލޭގެފާނު އެމީހުންނަށް ﷲ އަށް ގޮވާލައްވާ، އަދި މީސްތަކުންގެ މެދުގައި ޢަދުލުވެރިވެ، އެމީހުން ކުރަމުންނުދާ ހެޔޮކަންތައް ކުރުމަށް އެކަލޭގެފާނަށް އޮތް މަގެއްކަމުގައި އެކަންވާތީއެވެ.

އެއީ އެމީހުންނަށް އެކަލޭގެފާނަކީ ކާކުކަން ނޭނގޭހާލު، އަދި އެކަލޭގެފާނުގެ ޙާލުވެސް ނޭނގުމާއެކުއެވެ.

އަދި އެކަލޭގެފާނަށްވަނީ ހުވަފެން ތަޢުބީރުކުރެއްވުމުގެ ޢިލްމުގެ ސަބަބުން މީސްތަކުންގެ ޙާލަތު ނިމިގެންދާނޭ ގޮތުގެ ކަންތައް އެނގިވަޑައިގެންފައެވެ.

މިކަންކަމާއި އަދި މިފަދަ ޙާލަތްތައްވުމަކީ: މިޙާލަތާއި އަދި ވެރިކަމަށް އެދުން ނަހީވެގެންވާ ޙާލަތް ފަރަޤުކުރުން ވާޖިބުކުރާ ކަމެކެވެ.



ޤާޟީކަމާއި އެފަދަ ވެރިކަމުގެ ކަންކަން ހޯދަން އެދުމަށް މީހާ ސުވާލުކުރުމާމެދު ޢިލްމުވެރިން ދެބަސްވެގެންވެއެވެ.

އޭގެ ގިނަ ބޭކަލުން ވިދާޅުވަނީ ކިއެއްތަ، އޭނާއީ އެކަމަށް ކުފޫހަމަވެ އެކަށީގެންވާ ޞާލިޙެއްކަމުގައިވިޔަސް އެކަން ނުރުހި މަކްރޫހަވެގެންވެއެވެ!

މިއީ އިމާމް މާލިކުއާއި، އަޙްމަދުއާއި އެހެން ބޭކަލުންގެ މަޛްހަބެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. (އެހެން މީހަކު އެކަންކުރަން ނެތި، ޙައްޤުވެގެންވާ މީހަކު ނެތުމުގެ ސަބަބުން) އެކަން އޭނާއަށް ކުރަންޖެހިއްޖެނަމަ އެކަމަށް އެދި ސުވާލުކުރެވޭނެއެވެ. އަދި އޭނާ އެކަމާ ހަވާލުވުން އޭނާއަށް މޮޅުއިތުރުނަމަވެސް ފަހަރެއްގައި އެހެން ބުނެވިދާނެއެވެ.

ދެންފަހެ އިމާމުމީހާ ދަންނައެވެ. މަޤާމަށް ޙައްޤުވާ މީހަކު، އެކަން ހޯދަން އެދި ސުވާލުކުރުމެއްނެތި މަޤާމާ ހަވާލުކުރެވެން އޮތްހާހިނދަކު އެކަމަށް އެދިގެން ސުވާލުކުރާ މީހަކާ މަޤާމު ހަވާލުކޮށްގެން ނުވާނެތެވެ.“

(މުޚްތަޞަރު އަލްފަތާވާ އަލްމިޞްރިއްޔާ)

އިބްނުލް ޙާއްޖު (737ހ) ބަޔާންކުރެއްވިއެވެ.

”އަމިއްލަ ނަފްސު ސަލާމަތުން ބެހެއްޓުމަކީ އެހެން ހުރިހާކަމަކާ ނުބައްދަލު ކަމެކެވެ.

އަދި ގިނަފަހަރު ސަލާމަތްވުން ތަޞައްވަރުކުރެވެނީ ވެރިކަމާ ޙަވާލުވެގަތުން ދޫކޮށްލުމުގައިއެވެ!

ވީއިރު ދެން ވެރިކަމާއި މަޤާމުތައް ޙާޞިލުކުރުމަށް އެތަކެއް މުދާތަކެއް ހޭދަކުރެވޭނީ ކިހިނަކުންހެއްޔެވެ!؟

ޝައްކެއް ނެތްގޮތުގައި ވެރިކަން ހޯދުމަށް މުދާތައް ހޭދަކުރުމަށް ކަންކަންދިޔަހިނދު،

އެކަމަށް އެއްވެސް އަހުލުވެރިކަމެއް ނެތް މީހުން، އަދި ދީނުގެ ޙުކުމްތައް ނުދަންނަ މީހުންވެސް ވެރިކަމުގެ މަޤާމުތައް ހޯދައިގަންނަން އުޅެންފެށިއެވެ! އެފަދައިން ވެރިކަން ހޯދައިގަންނަން މުދާތައް ހޭދަކުރުމުގެ ސަބަބުން މުސްލިމުންގެ ކަންތައް ބޮއްސުންލައިގެން ދިޔައެވެ! އަދި ވެރިކަމުގެ މަޤާމުތައް ޙައްޤުވެގެންނުވާ މީހުންނާ ޙަވާލުކުރެވެން ފެށިއެވެ.

މިކަންތައް ރަނގަޅަށް ދޭހަވެ ވިސްނިއްޖެނަމަ ދެންފަހެ ވީވަރަކުން ވެރިކަމުން ފިލައި ރައްކާވުމަށް އުޅެ،

އަދި ވެރިކަމުގެ މަޤާމުތަކުން އެކަހެރިވެ ބަރީއަވެ ހުރުމަށް މަސައްކަތްކުރުމަށް އުޅެންޖެހޭނެކަން ކަނޑައެޅިގެން އެނގޭހުއްޓެވެ..“

(އަލްމަދްޚަލު ލިއިބްނުލް ޙާއްޖު)

ޝައްކެއްނެތެވެ. ވެރިކަމަށް ދަހިވެތިވެ އުޅުނު މީހުން ޤިޔާމަތް ދުވަހު އެމީހުންނަށް ހުރި އަޒާބުގެ ބޮޑުކަން އެނގޭނަމަ މިއިން ކަމެއްގައި ވައިވެސް ނޭޅޭނެއެވެ. އަދި ޤިޔާމަތް ދުވަހު މިއިން ކަމެއްގައި ވައިވެސް ނޭޅުނުނަމައޭ ހިތަށް އަރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން