ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރޫސީވިލާތުގައި އުފައްދާފައިވާ ނިއުކްލިއަރ ބަޑިބޭސް، ހަތިޔާރު އުފުލާ ސަރްމަތް މިސައިލް އަސްކަރިއްޔާގެ ޚިދުމަތުގެ ތެރެއަށް ތަޢާރަފުކޮށްފިއެވެ.

މިއީ ދުނިޔޭގެ ބައްރުގެ ކޮންމެ ތަނެއްގައި ޖެހުމުގެ ގާބިލުކަން ލިބިގެންވާ މިސައިލެކެވެ. މިމިސައިލާމެދު ވާހަކަފުޅުދައްކަވަމުން ރޫސީވިލާތުގެ ރައީސް ވްލަޑީމިއަރ ޕޫޓިން މީގެ ކުރިން ވިދާޅުވެފައިވަނީ ރޫސީވިލާތާއި ދެކޮޅަށް ކަމެއް ކުރުމުގެ ކުރިން ޢަދުއްވުންނާއި ދުޝްމަނުން ދެފަހަރަށް ވިސްނަންޖެހޭނެކަމަށެވެ.

ރޫސީވިލާތުގެ ފަޒާޔާއިބެހޭ ދިރާސާތައްކުރާ އިދާރާކަމަށްވާ ރޮސްކޮސްމޯސްގެ ވެރިޔާ ޔޫރީ ބޮރިސޯވް އިއްޔެ ވިދާޅުވި ގޮތުގައި ސަރްމަތް މިސައިލްތައް މިހާރުވަނީ ހަނގުރާމައިގެ މައިދާންތަކުގައި ތައްޔާރީ ހާލަތަށް ގެނެވިފައިއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ދުނިޔޭގެ ކޮންމެ ދިމާޔަކަށް އަމާޒުކުރިކަމުގައިވިޔަސް، ސަރްމަތް މިސައިލަށް އެއަމާޒަކަށް ދިހަ ޓަނުގެ ނިއުކްލިއަރ ބަޑިބޭސް އުފުލުމުގެ ގާބިލުކަން ލިބިގެންވެއެވެ. މިމިސައިލަކީ ދުނިޔޭގެ އުތުރާއި ދެކުނު ދަނޑިމަތިން ދަތުރުކުރުމުގެ ގާބިލުކަންވެސް ލިބިގެންވާ މިސައިލެކެވެ.

އިއްޔެ ރޫސީވިލާތުން ސަރްމަތް މިސައިލާބެހޭ ގޮތުން ފަތުރާފައިވާ މިޚަބަރާއި ގުޅިގެން އެމެރިކާގެ ރިއާސީ އޮފީހުގެ ގައުމީ ސަލާމަތާއިބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާރބީއާއި ނޫސްވެރިޔަކު ސުވާލުކުރުމުން އެކަމާއިމެދު މިވަގުތަށް އެއްޗެއް ވިދާޅުވެވެން ނެތްކަމަށް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން