މޮރޮކޯގައި ހިނގި ބިންހެލުމުގެ ކާރިސާގައި އެ ގައުމުގެ އަދަސީލް ސްކޫލުގެ އެއް ކްލާސްރޫމްގައި ކިޔަވާންތިބި 32 ދަރިވަރުން އެއްކޮށް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަދަސީލްއަކީ އުސް ސަރަހައްދެއްގައި ހުންނަ ސްކޫލެކެވެ. ބިންހެލުމުގެ ހަބަރު ލިބުމާއިއެކު އެ ކްލާސްރޫމަށް އަރަބިއާއި ފްރެންޗް ކިޔަވަދޭ ޓީޗަރ އެލްފަދެލް ވަނީ ދަރިވަރުން ސަލާމަތުން ތިބިތޯ ބެލުމަށް ކަމާއި ގުޅުންހުރި އިދާރާއާއި ސުވާލުކޮށްފައެވެ. ޖަވާބަކަށް ލިބުނީ އޭނާ ހީވެސްނުކުރާ ފަދަ ޖަވާބެކެވެ. އެ ކްލާހުގައި އޭނާ ކިޔަވާދޭ އުމުރުން 6 އަހަރާއި 12 އަހަރާއި ދެމެދުގެ ހުރިހާ ދަރިވަރުންވެސް މި ކާރިސާގައި ވަނީ ނިޔާވެފައެވެ.

މީގެ އެއް ހަފްތާ ކުރިން ހިނގި މި ކާރިސާގައި މަރުވި މީހުންގެ އަދަދު 3000 އާއި މިހާރު ގާތްވެފައިވާއިރު އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އެބަ ދެއެވެ.

އެލްފަދެލް ބުނީ އޭނާއާއި ދަރިވަރުންނާއި އެންމެ ފަހުން ބައްދަލުވީ ބިންހެލުން އައުމުގެ ފަސް ގަޑިއިރު ކުރިން ކަމަށެވެ. ބީބީސީއަށް އަސަރާއިއެކު މި ވާހަކަ ކިޔާދެމުން އެލްފަދެލް ބުނީ އެ ކާރިސާގައި އޭނާގެ ކްލާހުގައި ކިޔާވާ އެއް އާއިލާއެއްގެ ފަސް ދަރިވަރުން ދުނިޔެ ދޫކޮށްފައިވާ ކަމަށާއި ހުރިހާ ދަރިވަރުންނަކީވެސް ވަރަށް ބަސް އަހާ ދަރިވަރުން ކަމަށެވެ.

"އަހަރެންނަށް ނިދަންވެސް އުނދަގޫވޭ މިހާރު. މީހުން ބުނަނީ އަހަރެން މިއީ ވަރަށް ނަސީބު ރަނގަޅު މީހެއް ކަމަށް މި ހާދިސާގައި ސަލާމަތުން ހުރީމަ. އެކަމަކު، އަހަރެންނަކަށް ނޭނގޭ މި ހާދިސާއަށްފަހު އަހަރެން އެކަން ގަބޫލުކުރަންވީ ގޮތެއް." އެލްފަދެލް ކިޔާދީފައިވެއެވެ.

ރެކްޓާ މިންގަނޑުން 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގައި 530 ތައުލީމީ މަރުކަޒު ބިމާ ހަމަވެ މޮރޮކޯގެ ބައެއް ހިސާބުތަކުގައި ސަރުކާރުން ވަނީ ކިޔެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން