އަހުމަދު މަސްނޫމް   18 ސެޕްޓެމްބަރު 2023 - 23:0
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް 30 އަށްވުރެ ގިނަ މައްސަލަ މިހާތަނަށް ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ އަދާހަމަ ހާމަކުރަމުން އޭސީސީން ބުނީ ރިޔާސީ އިންތިޚާބާއި ގުޅިގެން ކޮމިޝަނަށް މިހާތަނަށް 32 މައްސަލަ ހުށަހަޅާފައިވާކަމަށެވެ. އަދި ރިޔާސީ އިންތިޚާބާ ގުޅިގެން މިހާތަނަށް ސީދާ ސިޔާސީ ޕާޓީތަކުގެން އެ ކޮމިޝަނަށް 3 މައްސަލައެއް ހުށައަޅާފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ރިޔާސީ އިންތިޚާބާ ގުޅިގެން ޤައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައިވާ، އިލެކްޝަންސް ކޮމިޝަނުގެ އިޙްތިޞާސް ތެރޭގައި ނުހިމެނޭ 4 މައްސަލައެއްވެސް އިލެކްޝަންސް ކޮމިޝަނުން އެ ކޮމިޝަނަށް ފޮނުވާފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ އެނޫން އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް، އިންތިޚާބީ ރިޝްވަތާ ގުޅޭގޮތުން އަދި އިންތިޚާބާ ގުޅިގެން ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން ނަމަވެސް ނުވަތަ އެހެން ފަރާތަކުން އީސީއަށް ހުށައަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެ ކޮމިޝަނަށް ފޮނުވާފައިނުވާކަމަށެވެ.

ރިޔާސީ އިންތިޚާބާއި ގުޅިގެން ހިންގާ އިންތިޚާބީ ރިޝްވަތުގެ މައްސަލަ އޭސީސީއަށް ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

އޭސީސީން ބުނީ މި ޕޯޓަލް މެދުވެރިކޮށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ 11 އަދި 12ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިޚާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ ކޮންމެ މީހަކަށްވެސް އެ މައްސަލައެއް، މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށެވެ. އަދި މި ޕޯޓަލްއަށް ވަނުމުން އިންތިޚާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެގޮތުގެ މައުލޫމާތު ހިމަނައިގެން އޭސީސީން ތައްޔާރުކޮށްފައިވާ ލުއިފޮތްވެސް ބައްލަވައިލެއްވޭނެއެވެ.

މިޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ސިއްރުކޮށްދެވޭގޮތަށް އިންތިޒާމުކުރެވިފައިވީ ނަމަވެސް މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށެވެ. އަދި ވިސިލްބްލޯކުރާ ފަރާތްތަކަށް ކޮމިޝަނުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. މި ޕޯޓަލް މެދުވެރިކޮށް މައްސަލައާގުޅޭގޮތުން ދެވެން އޮތް އެންމެގިނަ މަޢުލޫމާތު ހިމެނުމަށް ޚާއްޞާ ސަމާލުކަމެއް ދޭންވާނެއެވެ.

ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށައަޅާއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ ތެރޭގައި ފޯމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތުގެ ގޮތުގައި ފާހަގަކޮށްފައިވާ ބައިތައް ހިމަނާފައި ނުވާނަމަ ފޯމު ބަލައެއް ނުގަނެވޭނެއެވެ. އަދި ކޮމިޝަނަށުގެ އިޚްތިޞާޞަށް ނުފެތޭ ބާވަތުގެ މައްސަލަތައް މިޕޯޓަލް މެދުވެރިކޮށް ހުށަހެޅިނަމަވެސް އެފަދަ މައްސަލައެއް އޭސީސީގައި ރަޖިސްޓަރީ ނުކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން