އިދިކޮޅު ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަނީ ކައުންސިލްތަކުގެ ބާރުތައް އަތުލަން ކަމަށާއި އެއީ ބިރުވެރި ވާހަކައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެންނެެވެ. މިއަދު ހަވީރު މާލޭގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިންގަވައި ކުރެއްވި ކެމްޕޭން ނިއްމަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެެއްވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ޑރ.މުޢިއްޒު ދައްކަވަނީ ވަރަށް ބިރުވެރި ވާހަކައެއް ކަމަށާއި އަނެއްކާވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބާރުތައް މާލެއަށް ޖަމާކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ހަދަމުންދިޔަ ގޮތް އެންމެންނަށް ފެންނަން އެބައޮތް ކަމަށާއި ކައުންސިލްތައް ސަސްޕެންޑްކޮށް ކައުންސިލްތަކުގެ ބާރުތައް ސަރުކާރަށް ނެގީ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އަނެއްކާވެސް ފެންނަނީ އިދިކޮޅުން އަނބުރާ މާލެއަށް ބާރުތައް ޖަމާކުރާތަން ކަމަށާއި އެއީ ބިރުވެރިކަމެއް ކަމަށެވެ.

"އެކަން ކުރަން އެ އުޅެނީ. އެއީ މި ރާއްޖެ ތަރައްގީ ކުރުމަށް އެންމެ ބޮޑު ހުރަހެއް ކަމަށް އަޅުގަނޑުމެން ދުށީ، ބާރުތައް ދޫކޮށްލުން ޑިޝިޝަން ނެގުމުގެ ފުރުސަތު ކައުންސިލްތަކަށް ދިނުން ރައްޔިތުންނާއި ވީހާ ވެސް ކައިރިން މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން، އަނެއްކާވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެބޭފުޅުން އަނެއްކާ މާލެއަށް ބާރުތައް ޖަމާކުރާތަން، އެއީ ބިރުވެރިކަމެއް އެއަށް ފުރުސަތު ލިބިއްޖިއްޔާ އަނެއްކާ ވެސް އެނބުރި އަޅުގަނޑުމެން ދާނީ އެތައް އަހަރެއް ފަހަތަށް،" ރައީސް ސާލިޙު ވިދާޅުވި އެވެ.

އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ކެމްޕޭން ޖަލްސާއެެއްގައި ވިދާޅުވެފައިވަނީ ސަރުކާރު ގްރާންޓުން ކައުންސިލްތަކަށް ނުވާ ކަމަށާއި، އިތުރު އެހީތައް ފޯރުކޮށްދިނުމަށް އެކަމަށް ހާއްސަ މިނިސްޓްރީއެއް ޤާއިމް ކުރާނެ ކަމަށެވެެ. އޭރުން ވަރަށް ރަނގަޅަށް ކައުންސިލްތައް ބާރުވެރިކުރެވި މަސައްކަތް ކުރާތަން ފެންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން