ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ސަރުކާރުގައި ޖުޑިޝަރީއަށް ސިޔާސީ ނުފޫޒު ފޯރާފައިވާކަމަށްބުނެ އެންމެ ބޮޑަށް އަޑުއުފުލި އެެއްބަޔަކީ އޭރުގެ އިދިކޮޅު މައި ޕާޓީ، އަދި މިހާރު ވެރިކަން ކުރާ އެމްޑީޕީއެވެ. ކޯޓުތަކުން ސިޔާސީ ހުކުމްތައް ކޮށް ސިޔާސީ މީހުން ޖަލަށްލާކަމުގެ ވާހަކަތައް ފަތުއަޑު ކިޔާފައި އެމްޑީޕީގެ ހޮޅުއަށިތަކުގައި ދައްކަމުން ގެންދިޔައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކެނޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިހު އިންތިހާބުވެ ވަޑައިގެންނެވުމާއެކު ކޯޓުތައް މިނިވަންވާނެކަމަށާއި ރާއްޖޭގައި އިންސާފު ގާއިމްކުރައްވާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު 2019 ވަނަ ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް ރައްޔިތުންގެ ވޯޓް ހޯއްދެމަށް އެމްޑީޕީން އެންމެ ބޮޑަށް ވިއްކި އެއްވާހަކައަކީ ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަން ކުރުމުގެ ވާހަކައެވެ. އެތަނުގެ ކޮމްޕޮސިސަން ނުވަތަ އެތުރިފައި އޮތްގޮތް ބަދަލުކޮށް މުޅިތަން ދޮވެ ސާފުކުރާ ވާހަކައެވެ.

އޭގެ ފަހުން މަޖިލީހުގެ މެޖޯރިޓީވެސް އެމްޑީޕީއަށް ލިބިއްޖެއެވެ. ޖޭއެސްސީ ވެސް ހިތަކަށް ލިބިއްޖެއެވެ. އެއާއެކު ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރުމުގެ ވާހަކަ މިހާރު މުޅިން އޮބިއްޖެއެވެ. އެެއީ މިހާރު ނުދައްކާ ވާހަކައެއް ފަދައެވެ. އެވާހަ ދެއްކިކަން ދަންނަ ބަޔަކުވެސް އަޑުއެހި ބަޔަކުވެސް ނެތެވެ. ޖުޑިޝަރީ އިސްލާހު ކުރުމުގެ ވާހަކަވެސް މިހާރު ދައްކާ އަޑެެއް ނީވެއެވެ.

މިހާރު މީޑިޔާތަކުގެ ފަލަ ސުރުޚީތަކުން އިވެނީ ދެފައި އެއްތާ ނުޖަހައި ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖޭއެސްސީ ފޫގަޅައިގެން މާ ބިޒީ ވެގެން އުޅޭ އަޑުތަކެވެ. ބައެއް ފަނޑިޔާރުންގެ މައްސަލަ އޯވާނައިޓަކުން ރޮކެޓް ސްޕީޑްގައި ނިމިގެންދާއިރު ޖޭއެސްސީއަށް ބައެއް ފަނޑިޔާރުންގެ މައްސަލަތައް ހުށައެޅިފައިވާތާ އަހަރު ދެއަހަރުވާ އިރު ހަމަ ކަހާތަން ހިރުވާވެސް ނުލައެވެ.

ކުރީގެ ރައީސް ޔާމިންގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ މަގާމުން ސަސްޕެންޑްކޮށްފައިވަނީ އެމައްސަލައިގެ ޙުކުމް ކުރަން 24 ގަޑިއިރަށްވެފައިވަނިކޮށެވެ. ޙައިލަމް ވައިބާ ގުރޫޕަކަށް ލީ ފޮޓޯ އަކާއި ގުޅިގެން ޖޭއެސްސީގައި ތިބި ބޭފުޅުންނަށް ލޮލަށް ނިދި ނައިސް ހީވީ ފަޔަށް ހިނި އަރައިގެން އުޅުނުހެންނެވެ. އެމައްސަލައިގެ ހުރިހާ ކަމެއް ނިމިގެންދިޔައީ ހަމަ އެސްފިޔަ ޖަހާލާހާ ކުޑަހިދުކޮޅެއްގެ ތެރޭގައެވެ. މައްސަލައިގެ ސީރިއަސް ކަމުން ކަމަށް ވެސް ވެދާނެއެވެ.

އެހެން މިސާލެއް ދަންނަވާލާނަމެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ މައްސަލަތަކެއް ޖޭއެސްސީއަށް ހުށައެޅިފައިވާތާ ދޮޅު އަހަރުވާން ދާއިރު ޖޭއެސްސީއަށް އެޅުނު ފިޔަވަޅެއް ކުރެވުނު ކަމެއް އެކަން ދެނަހުރި މީހަކު މި އުޑު ދަށުގައި ނެތެވެ. ޝުޖާއުގެ ސީރިއަސް ތުހުމަތު ތަކެއް ކުރެވޭއިރު އެކަމާ މެދު ޖޭއެސްސީ ކަންބޮޑުވެގެން އުޅޭތަނެއް ނުފެނެއެވެ. އެމައްސަލަ އަށް ވީގޮތެއް ނޭގެއެވެ. މައްސަލައިގެ ފައިލްތަކުގެ މައްޗަށް ކޮފީ މަގު ބަންޑުންވީ ކަމަށް ވެސް ވެދާނެއެވެ. އެއީ ކުރީގައި އެކަމެއް ހިނގައިގެން މިހާރު ޖޭއެސްސީގައި ތިބި ބައެއް ބޭފުޅުން ވެސް ނިކަން ގިނައިން ދެއްކެވި ވާހަކައެކެވެ.

ޝުޖާއު އަދިވެސް ހުންނެވީ މުސާރަ ނަންގަވައިގެން ހަމަ ފަނޑިޔާރުންގެ ބެންޗުގައި ޙުކުމް ޖަހާލަ ޖަހާލައެވެ. ޖުޑީޝަލް ސަވިސް ކޮމިޝަނުން، ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކޮށްފައި ހުންނަތާ ދިހަ މަސް ދުވަސް ފާއިތުވެގެން ހިގައްޖެއެވެ. ވަގަށް ނެގުމަށް ފަހު މަރާލާފައިވާ ކަމަށް ބުނާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ނަމުގައި ވަގު ޕާސްޕޯޓެއް ހަދަން އުޅުނު ކަމުގެ މައްސަލައެއް ފެންމަތިވެ، ޖޭއެސްސީން ހަސަން އަލީ ސަސްޕެންޑް ކުރީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ސަސްޕެންޝަނަށް 10 މަސް ވެގެން ދިޔައިރުވެސް މިމައްސަލަ އަށް ވެސް ވީގޮތެއް ދެނަހުރި މީހަކު ނެތެވެ. ސަސްޕެންޝަންގައި ހަސަން އަލީ ހުންނެވިއަސް އޭނާއަށް ބަރާބަރަށް ދައުލަތުން އަންނަނީ މުސާރަ ދެމުންނެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް މަހަކު ބައި ލައްކައަށްވުރެ ބޮޑު މުސާރައެއް ލިބެއެވެ. އެހެންކަމުން މި ދިޔަ ދިހަ މަސް ދުވަހުގެ ތެރޭގައި ހަސަނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ބައި މިލިއަނެއްހާ ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވެއެވެ. ޖޭއެސްސީ ހަމަ ފުން ނިންޖަކުން ނިދާފައެވެ. ފަނޑިޔާރުންނާއި ގުޅޭ ސީރިއަސް އެތައް މައްސަލައެއް ޖޭއެސްސީގައި ހުއްޓިފައި ޕާކް ކޮށްފައި ހުރިއިރު ބައެއް މައްސަލަތައް ދަނީ "ފިނިހަކަ ސްޕީޑްގައެވެ. ސިޔާސީ ނުފޫޒެއް ނެތޭ ތިމަންނާމެން މިނިވަނޭ، ވަކި ފަރާތަކަށް ނުޖެހޭ ބަޔެކޭ ބުނެ ބަޔާން ނެރުނު ނަމަވެސް މެންދުރުގެ އިރު ފަދައިން ހާމަ އަށް ފެންނާން ހުރި މިފަދަ ކަންކަމުގެ ސަބަބުން ޖޭއެސްސީގެ މިނިވަން ކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފައްދަން ރައްޔިތުންނަށް ޖާގަ ލިބެނީއެވެ.

ކަންމިހެން ހިގަމުންދަނިކޮށް، މިހާރު އަނެއްކާ އަނެއް ކުޅިވަރެއް ފެށުނީއެވެ. ފަޑިޔާރުންގެ ހުކުމް ގޯސްވެ ޖޭއެސްސީއަށް ފަނޑިޔާރުންގެ މައްސަލަ ހުށައެޅުމުގެ ބާބެއް ފެށުނީއެވެ. މިވެސް ހަމަ ފައްކާ ކުޅިގަނޑަކަށް ވާނެކަމަށް ބެލެވެއެވެ. ދުވަސްކޮޅަކުން ދެން ހުކުމް ލިޔާނީ ތިމަންމެންނޭ ވެސް ބުނާނެ ކަމަށް ބެލެވެއެވެ. އެބުނާ ގޮތަށް އިންސާފު ހޯދޭނީ އޭރުންތާއެވެ.

ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްސަލަތައް ބޭރުކޮށްލި ގާޒީގެ މައްސަލަ ވެސް ޖޭއެސްސީއަށް ހުށައަޅައިގެން ބަލަމުން އަންނައިރު ބޮޑުފިނޮޅުގެ މައްސަލައިގައި ތުޅާދޫ ކޯޓުން އެމްޑީޕީގެ މަސްލަހަތު އޮންނަ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏާއި ދެކޮޅަށް ހުކުމް ކުރި ގާޒީގެ މައްސަލަ ވެސް ޖޭއެސްސީ އިން މިހާރު އަންނަނީ ބަލަމުންނެވެ. މިދެ މައްސަލައަކީ ވެސް ސިޔާސީ ފަރާތްތަކާއި ގުޅުންހުރި މައްސަލަތަކަށްވާއިރު ސިޔާސީ ބޭފުޅުން ތިއްބަވާ ކޮމިޝަނަކުން މިނިވަންކަމާއި އިންސާފުވެރި ކަމާއެކު މައްސަލަ ބެލިދާނެ ކަމާއި މެދު ހަމަ ސުވާލު އުފެދެނީއެވެ. ކޮންމެއަކަސް މިއުފެދެނީ ނުބައި ސަގާފަތެކެވެ. މިއީ އަދި އިންސާފު ހޯދުމުގެ ވާހަކައަށްވުރެ މާ ބާރަށް ދައްކާންޖެހޭ ވާހަކައެކެވެ.

ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި އެވެރިންނަށް ގޯސްވީ އެންމެ މަތީ ކޯޓަކީވެސް އެންމެ އިސް ބޮޑު ފަނޑިޔާރަކީ ވެސް އަދި ހުކުމް ޖަހައި އަދަބު ލުއިކޮށް މާފު ދެއްވާ ފަރާތަކީ ވެސް ރައީސް މައުމޫނު ކަމަށް ވެގެންނެވެ. މިއަދު ޝަކުވާ ކުރަން ޖެހިފައި މިއޮތީ ޖޭއެސްސީ އޭ ކިޔުނު ތަނަކުން ހަމަ އެ ސަގާފަތް އާލާކޮށް މުޅި ޖުޑިޝަރީ ސިޔާސީކޮށް ގަޑުބަޑު ކުރާތީއެވެ. ރައީސްޔާމީނު ޖުޑިޝަރީ ހިންގި ގޮތް ކަޑަވެގެން އެވާހަކަދައްކައިގެން ގޮނޑިތައް ހޯދައިގެން ތިބި މީހުންގެ ހާލު މިހާރު މިފެންނަނީ އެއަށްވުރެ މާ ދެރަވަރުކޮށެވެ. މިގޮތަށް ކަންކަން ދަންޏާ ދެން ކުރިން އޮތްކަމަށް ބުނާ ކެންގަރޫ ކޯޓެއްވެސް ނުފެންނާނެއެވެ. ޖޭއެސްސީ ހުރީމާ އެއޮތީ ހުރިހާ ކަމެއް ނިމިފައެވެ. އިންސާފުވެސް ލިބިފައެވެ. ދެރައީ ފަނޑިޔާރުންނޭ ކިޔާބަޔަކު އަދިވެސް ގޮނޑިތަކުގައި ތިބީމައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާގޮތުން އެކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ރައީސް ޞާލިހުގެ ފަރާތުން އެކޮމިޝަނަށް އައްޔަނުކުރައްވާފައިވާ މެމްބަރު މަސްތޫރު ހުސްނީއާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުވެސް ޖޭއެސްސީގައި ހިމެނިވަޑައިގަންނަވައެވެ. ޖޭއެސްސީން ގާޒީއެއްގެ މައްސަލައިގައި ވަކި ގޮތަކަށް ނިންމުން ސިޔާސީ ވެގެންދަނީ މިހާރުވެސް އޭރުވެސް އެތަން އެތުރިފައި އޮތްގޮތުގެ ސަބަބުންނެވެ. އޭރުވެސް އެތަނުގެ އެތެރޭގައި ތިއްބެވީ ސިޔާސީ މީހުންނެވެ. މިހާރުވެސް އެހެން ކުލައެއްގެ ތޮފި އަޅައިގެން ތިއްބެވީއެވެ. ތަފާތަކީ އެހެން ބަޔަކު ތިބިކަމެވެ.

ދެން މިއަދު މިއޮތީ ނުރުހޭ ހުކުމަށް އަދަބު ދީ ފަހަރަކު ގޮލައެއް ބޭރުކުރުމުގެ ސަގާފަތެއް ފެށިފައެވެ. މިކަން ވެގެންދާނީ ފަނޑިޔާރުންގެ މަސައްކަތަށް އަސަރު ފޯރާނެ ކަމެކެވެ. ނުސީދާކޮށްނަމަވެސް ގާޒީންނަށް މިދެވޭ މެސެޖަކީ ވަކި ގޮތަކަށް ކޯޓުގައި މައްސަލައެއް ނިންމައިފިނަމަ ސުލޫކީ މައްސަލައެއް ޖޭއެސްސީގައި ބެލިދާނެ ކަމުގެ ނުބައި އިންޒާރެކެވެ. ހުކުމަކާމެދު ހިތްހަމަނުޖެހިއްޖެނަމަ އެމައްސަލައިގައި ކަންކުރަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ މަތީ ކޯޓުތަކަށް އިސްތިއުނާފަށް ހުށަހެޅުމެވެ. މިނޫން ގޮތަކަށް ކަން ހިނގާނަމަ ގާނޫނު އަސާސީގެ ބާރު ކެނޑި މަތީ ކޯޓުތަކުގެ ބޭނުން ނެތުނީއެވެ. އަދި ކޯޓުތަކުގައި ތިއްބަވާ ގާޒީ ނުވަތަ ފަނޑިޔާރު މައްސަލައެއް ނިންމަވާއިރު ބިރެއްގެ މަތީގައި ހުންނަވައިގެން މައްސަލަ ނިންމަން މަޖުބޫރުވާ ހާލަތަށް ކަންކަން ހިގައިދާނެ ކަމުގެ ބިރު މިހާރު މިވަނީ ހީވެފައެވެ.

ހަގީގަތުގައި ގާޒީއެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅެންވާނީ ވަކި ގޮތަކަށް ހުކުމެއް ކުރުމަކުން ނޫނެވެ. ސުލޫކީ މައްސަލައެއް ހުށަހެޅެން ވާނީ އުސޫލުތަކާއި ހިލާފުވެއްޖެނަމައެވެ. އެއީ ގާނޫނުގައި އެކަން އޮންނަ ގޮތެވެ. ގާޒީންނަކީވެސް ގާނޫނު އަސާސީގެ އިމުގެ ތެރޭގައި ތިއްބަވަންޖެހޭ ބައެކެވެ. މިއީ ގާނޫނު އަސާސީ ދަންނަ ގޮތެވެ. އެޖެންޑާ އޮނަވިހީގައި މިކަން ތަފާތު ގޮތަކަށް އޮތުމަކުން އެއީ ގާނޫނު އަސާސީ ދަންނަ ގޮތަކަށް އަދި ނުވާނެއެވެ.

ކޮންމެއަކަސް އެމްޑީޕީން ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ދެއްކި "ޖޭއެސްސީ އިސްލާހު ކުރާ" ވާހަކަތައް ހޮޅި ވާހަކަތަކަކަށް ވެގެން ހިނގައިދާނެކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ލަފާކުރެއެވެ. ރައީސް ޔާމިންގެ ސަރުކާރުގައި ކަން ކުރިގޮތާއި މިހާރެކޭ މާބޮޑު ތަފާތެއް ނެތެވެ. އޭރުގެ ސަރުކާރާއި ދެކޮޅަށް ޙުކުމް ކުރި އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ސަލާމާތީ ބާރުތަށް މެދުވެރިކޮށް ހައްޔަރު ކުރާ ގޮތަށް މިހާރު ހައްޔަރު ނުކުރަނީއެވެ. މިހާރު އޮތީ ހުކުމް ގޯސްވެ ފަނޑިޔާރުންނަށް އަންނަ ޖޭއެސްސީގެ ސަސްޕެންޝަނުގެ ބިރެވެ. ވަޒީފާ ގެއްލިދާނެ ކަމުގެ ބިރެވެ.


ކިޔުންތެރިންގެ ހިޔާލު


13

އަލީ

19-Jul-2020

ޥަރަށް ފައްކާ ރިޕޯޓެއް



ޓްރެންޑިން