ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ނަންފުޅުގައި ބެހެއްޓި ހުސް ގޮނޑި މަތިން ރައްޔިތުން ހަނދާން އެބަހުރި ކަމަށް ކުރީގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވީ ކ. ހުރާއަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ކުރެއްވި ދަތުރެއްގައި އެ ރަށުގެ ބައެއް ރައްޔިތުން ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕަށް ފާޑުކިޔާ ވީޑިއޯއެއް ޢާންމުކުރައްވަމުންނެވެ. މީސް މީޑިއާގައި ޢާންމުކުރެއްވި މި ވީޑިއޯގައި އެރަށުގެ ބަޔަކު ވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށްވެސް ފާޑުކިޔާފައެވެ.

ވީޑިއޯގައި ފެންނަނީ މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ނަރީޝްއާއި ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން ހުރާގެ ބަނދަރަށް ފައިބައި ވަޑައިގަތުމުން އެބޭފުޅުންނަށް މަރުހަބާ ކިޔުމުގެ ބަދަލުގައި ދައްކަނީ "ރައީސް ޔާމީންގެ ގޮނޑީ" ގެ ވާހަކައެވެ. އެގޮތުން، ރައީސް ޔާމީންގެ ނަން ޖަހާފައިވާ ފިޔާތޮށި ކުލައިގެ ގޮނޑިއެއް ބަނދަރު މަތީގައި ބަހައްޓާފައި ހުރި މަންޒަރުވެސް މި ވީޑިއޯއިން ފެނިގެންދާއިރު، އެ ގޮނޑިއާއި މުހާތަބުކޮށް އެމީހުން ވާހަކަދައްކާ މަންޒަރުވެސް ފެނެއެވެ.



މި ވީޑިއޯއަށް ނިސްބަތްކުރައްވާ މަލީހް ވިދާޅުވީ ރައީސް ޔާމީންގެ ނަންފުޅުގައި ބެހެއްޓެވި ހުސް ގޮނޑިކޮޅު މަތިން ރައްޔިތުން ހަނދާން ނުނެތޭކަން އަދުރޭގެ ޓީމަށް ރައްޔިތުން ހަނދާންކޮށްދީފައިވާ ކަމަށެވެ. ރައްޔިތުން މަޑުން ނުތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވެރިކަމަށް ދެ ހަފްތާ ނުވަނީސް ޕީޕީއެމް-ޕީއެންސީން އަތޮޅުތެރެއަށް ކުރި ފުރަތަަމަ ދަތުރުގައި ސަރުކާރާއި ދެކޮޅަށް ރައްޔިތުން ނިކުތުމަކީ ސަރުކާރުން ފުންކޮށް ވިސްނަން ޖެހޭ ކަމެއްގެ ގޮތުގައި މަލީހު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕެއިން ޖަލްސާތަކުގައި ޕީޕީއެމް-ޕީއެންސީން ވަނީ ރައީސް ޔާމީންގެ ނަންފުޅު ޖަހާފައިވާ ހުސް ގޮނޑިއެއް، މުޢިއްޒު އިށީނދެވަޑައިގެން އިންނަވާ ގޮނޑިކޮޅު ކައިރީގައި ބަހައްޓާފައެވެ.

ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕާއި ރައީސް ޔާމީންއާއި ދޭތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމެއްގައި ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވާ، އައު ޕާޓީއެއް އުފައްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އުފައްދަވާ އެ ޕާޓީގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެެއް ބޭފުޅަކީ ޔާމީންގެ ވެރިކަމުގައި އެކުލަވާލި ކެބިނެޓްގައި ހިމެނިވަޑައިގަތް މުހައްމަދު މަލީހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން