ހަތް އަހަރާއި ހަތް ދުވަސް ފަހުން އަލުން ގެއަށް މިއައީ ފަޚުރުވެރިކަމާއެކު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލީ ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ޢަލީ ވަޙީދު މިއަދު ވިދާޅުވީ، 7 އަހަރަށްފަހު އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންފައިވާ ކަމަށެވެ. އޭގެ އިތުރުން އެމް.ޑީ.ޕީ އަށާއި މުޅިރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދޭކަމަށް ޢަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ.

"ހިތްވަރާއި މުރާލިކަމާއެކު ޚިދުމަތް ކުރާނަން." ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ.އަލީ ވަހީދުގެ ސިޔާސީ ހަޔާތް ފެއްޓެވީ 2008 ވަނަ އަހަރު ޑީއާރުޕީންނެވެ. އެޕާޓީގެ ޓިކެޓުގައި ތޮއްޑާ ދާއިރާގެ މަޖިލީހުގެ ގޮނޑި އޭނާ ވަނީ ކާމިޔާބު ކުރަށްވާފައެވެ. އޭގެ ފަހުން އެމްޑީޕީއަށް ބަދަލުވެ އެޕާޓީގެ ޗެއަރޕާސަންގެ މަޤާމު ޢަލީ ވަޙީދު އަދާކުރެއްވިއެވެ.

އެއަށްފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ރައީސްގެ މަޤާމު ޢަލީ ވަޙީދު ފުރުއްވާފައިވެއެވެ. އަދި އެޕާޓީގެ ސްލޮޓެއްގައި ރައީސް ޞާލިޙްގެ ސަރުކާރުގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަން ޢަލީ ވަނީ ކުރަށްވާފައެވެ. އެމަޤާމުން ޢަލީ ވަކިކުރެއްވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ ސަބަބުންނެވެ.

އަލީ ވަހީދުގެ މައްޗަށް 2021 ވަނަ އަހަރު އުފުލި ޖިންސީ ކުށުގެ ދައުވާތައް ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުން ދަޢުލަތުން ފަހުން ވަނީ އެދަޢުވާތައް އަނބުރާ ގެންގޮސްފައެވެ.

އަދި، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ކޮށްފައިވާ ދެ މަހާއި، 12 ދުވަހުގެ ހުކުމް ވެސް ވަނީ ބާތިލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން