ހުރިހާ ގައުމަކުން އަބަދު އިންޑިއާއަށް އެއްބާރުލުން ދޭނެކަމުގެ ގެރެންޓީއެއް ނުދެވޭނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސްރީ ޖަޔަޝަންކަރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށާއި އަދި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސް ކޮށް ދެއްކި ވާހަކަތަކާއެކު ދެ ގަުއުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އިއްޔެ އިންޑިއާގެ ނާގްޕޫރުގައި ބޭއްވި އިވެންޓެއްގައި އެކަމާ ގުޅޭ ގޮތުން އިންޑިއާގެ ނޫސްވެރިއަކު ވަނީ މިނިސްޓަރާ ސުވާލުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ސިޔާސީ ކަންކަމަކީ ސިޔާސީ ކަންކަން ކަމަށެވެ.

އެހެންވެ ތާ އަބަދު ހުރިހާ ގައުމަކުން އިންޑިއާއާއަށް އެއްބާރުލުން ދީ އަދި އިންޑިއާއިން ގަބޫލުކުރާ ގޮތައް ގަބޫލުކުރުންތައް ގެންގުޅޭނެ ކަމުގެ ގެރެންޓީއެއް ނުދެވޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފާއިތުވި 10 އަހަރު އިންޑިއާއިން މަސައްކަތް ކޮށްފައި ވަނީ ދުނިޔެއާ ރަނގަޅު ގުޅުމެއް ގާއިމުކުރަން ކަމަށެވެ. އެގޮތުން އެހެން ގައުމުތަކުގެ މަގުތަށް ހެދުމާއި ތެޔޮ ފޯރުކޮށްދިނުމާއި އިންވެސްޓްމަންޓްތަކަކީ ގުޅުން އުފެއްދުމަށްޓަކައި ކުރާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ބައެއް ފަހަރު ކަންކަން ދަނީ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ މިނިސްޓަރު އެފަދައިން ވިދާޅުވި އިރު ރައީސް ޑރ. މުއިއްޒު ވަނީ ނުސީދާކޮށް އިންޑިއާއަށް ވަރުގަދަ މެސެޖެއް އިއްޔެ ދެއްވައިފަ އެވެ. އެގޮތުން ރާއްޖެއަކީ އެއްވެސް ބައެއްގެ ބެކްޔާޑެއް ނޫން ކަމަށާއި އަދި ރާއްޖެ ކުޑަވުމަކީ ބުލީ ކުރަން ލިބޭ ލައިސަންސެއް ނޫން ކަމަށާއި އަދި އެއްވެސް ގައުމަކަށް ރާއްޖެއަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން