ރަޝިޔާއިން އުފެއްދި ކޮރޯނާ ވައިރަސްގެ ވެކްސިން ކުރިއަށް އޮތް ދެހަފުތާގެ ތެރޭގައި އާންމުކޮށް އިންސާނުންނަށް ދޭން ފަށާއިރު ވެކްސިންގެ ސައިންޓިފިކް ސައްހަ މައުލޫމާތު ހާމަކޮށްފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެންމެ އަވަހަށް ކޮރޯނާ ވައިރަސްގެ ވެކްސިނެއް އުފެއްދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅޭ ކަމަށް ބުނަމުންދާ އެމެރިކާ ސިއްސުވާލާފައި ރަޝިޔާއިން އުފެއްދި މި ވެކްސިން ފުރަތަމަ ދޭނީ ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކަށް ކަމަށް ސީއެންއެންގައި އާންމުކޮށްފައިވާ ޚާއްޞަ ބަސްދީގަތުމެއްގައި ބުނެފައި ވެއެވެ.

ރަޝިޔާގެ އޮފިޝަލަކު ސީއެންއެންއަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި ބުނެފައި ވަނީ އޮގަސްޓް 10 ނުވަތަ އެއަށްވުރެ ކުރީގެ ތާރީޚެއްގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ. ދުނިޔޭގައި އުފެއްދި ކޮރޯނާވައިރަސްގެ އެންމެ ފުރަތަމަ ވެކްސިން އުފައްދާފައިވަނީ މޮސްކޯގެ ގަމަލިޔާ އިންސްޓިޓިއުޓުންނެވެ.

1957 ވަނަ އަހަރު، ދުނިޔޭގައި ފުރަތަމަ ފަހަރަށް ޖައްވީ އުޅަނދެއް އުފައްދާ އެ އުޅަނދު ޖައްވަށް ފޮނުވާލި ފަޚުރުވެރި ތާރީޚީ ހާދިސާގެ މަތިން ހަނދާންކުރަމުން ކޯވިޑް-19 ގެ ފުރަތަމަ ވެކްސިން އުފެއްދުމުގެ ފަޚުރުވެރި މަގާމު ހޯދިކަން ރަޝިޔާގެ ސޮވަރިންގ ވެލްތު ފަންޑުގެ އިސް ވެރިޔާ ކިރިލް ޑިމިޓްރިވް ސީއެންއެންގައި ވަނީ ހާމަކޮށްފައެވެ.

"މިކަމާ އެންމެ ހައިރާންވާނީ އެމެރިކާ، މިއީ އެމީހުންވެސް އުފައްދަން އުޅުނު ވެކްސިން. ރަޝިޔާއިން މިވަނީ ކުރި ހޯދާފައި." އޭނާ އިތުރައް ބުނެފައިވެއެވެ.

ރަޝިޔާއިން އުފެއްދި މި ވެކްސިން ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އާންމުކޮށް ބޭނުން ކުރަން ފެށިނަމަވެސް މި ވެކްސިނާބެހޭ ސައިންޓިފިކް އެއްވެސް މައުލޫމާތެއް ރަޝިޔާއަކުން އާންމުކޮށްފައެއް ނުވެއެވެ. މީގެއިތުރުން މިވެކްސިން ނެރެނީ އިންސާނުންގެ މެދުގައި ފުރިހަމަ ކުރަންޖެހޭ ތަހުލީލުތައް ފުރިހަމަ ނުކޮށް ކަމުގެ ޝަކުވާތަކެއް ވެސް ވަނީ އާންމުވެފައެވެ.

ދުނިޔޭގައި ހަލުއިކަމާއެކު މިހާރުވެސް ފެތުރެމުންދާ ކޯވިޑް-19 އެއްވެސް މަޑުޖެހުމެއް ނެތި ފެތުރެމުންދާއިރު އެއްވެސް ފަރުވާއެއް އަދި ހޯދިފައި ނުވާ މިބައްޔަށް ވެކްސިނެއް އުފެއްދުމަށްކުރާ މަސައްކަތް ތަކުގައި ގިނަ ވެކްސިންތަކެއް މިހާރުވެސް ވަނީ ތިން ވަނަ މަރުހަލާގެ ތަހުލީލުތަކުގެ ތެރޭގައެވެ. ބައެއް ވެކްސިން މިއަހަރުގެ ފަހުކޮޅު އާންމުކޮށް ބޭނުން ކުރެވޭ ވަރުވާނެ ކަމަށް ބުނަމުންދާއިރު ބައެއް ފަރާތްތަކުން ބުނަނީ ފުރިހަމަ ވެކްސިނެއް އެންމެ އަވަހަށްވެސް ނެރެވޭނީ އަންނަ އަހަރުގެ ކުރީ ކޮޅުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން