އޭސީސީގެ ބައެއް މެންބަރުން
އޭސީސީގެ ބައެއް މެންބަރުން
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބުނު ބައެއް މީހުންނަށް، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ކަމުގެ ދޮގު ލިޔުން ރަށްރަށުގެ ކައުންސިލްތަކުން ދޫކޮށްފައިވާ މައްސަލަ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.

ކުރީގެ ސަރުކާރުން ދޫކޮށްފައިވާ 4000 ފްލެޓްގެ ތަޙުޤީޤާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު އޭސީސީގެ މެންބަރުން ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ ނާއިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ، ދަޢުލަތުގެ މުއައްސަސާތަކަށް ދޮގު މައުލޫމާތު ދިނުމަކީ ކުށަކަށްވާއިރު ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ދޮގު މަޢުލޫމާތު ދީގެން ނާޖާއިޒު ފައިދާ ލިބިގަތުމުގެ މައްސަލަ ބެލުން ހިމެނޭނަމަ، ދޮގު ލިޔުން ދޫކުރި ކައުންސިލްތަކުގެ މައްސަލަ ބައްލަވާނެ ކަމަށެވެ.

އަދި އެއީ އޭސީސީގެ މެންޑޭޓްގައި ނުހިމެނޭ ކަމެއް ނަމަ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ޕޮލިހަށް ހުށަހަޅުއްވާނެ ކަމަށްވެސް އަބްދުއްސަލާމް ވިދާޅުވި އެވެ.

"މީހަކަށް ފައިދާއެއް ހޯދައިދޭން، ނާޖާއިޒު ފައިދާއެއް ހޯދައިދޭން، ނުވަތަ އެ ނޫން ރިޝްވަތެއް ހުށަހަޅައިގެން ވަކި މައުލޫމާތެއް ވަކި ގޮތަކަށް ދިނުން، އަޅުގަނޑުމެންގެ މެންޑޭޓަށް ފެތޭ ކަމެއް ކަމަށް ވެއްޖެނަމަ އެ ކައުންސިލްތަކުގެ މައްސަލަ އަޅުގަނޑުމެން ވަކި މައްސަލައެއްގެ ގޮތުގައި ބަލާނަން،" އަބްދުއްސަލާމް ވިދާޅުވި އެވެ.

އަބްދުއްސަލާމް މިއަދު ވިދާޅުވީ، މާލޭގައި އުޅޭ ކަމަށްބުނެ ކުންފުނިތަކުންނާއި ކައުންސިލްތަކުންނާއި އެހެން ގޮތްގޮތުން މީހުންނަށް ދޫކޮށްފައިވާ ލިޔުންތައް އެއްކޮށް، އޭގެ ޙަޤީޤަތް ބަލަމުން އަންނަ ކަމަށެވެ.

ފްލެޓްތަކުގެ މައްސަލަ ބެލުމުގެ އިތުރުން އޭސީސީން މިއަދު ބުނީ، މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމާ ގުޅޭ ތަހުގީގެއް ވެސް ކުރަމުން އަންނަ ކަމަށެވެ. މާލެއަށް އުފަން މީހުންނަށް ގޯތި ދިން އެ ސްކީމަށް 18،955 މީހުން ޝަރުތު ހަމަވިކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުރީގެ ސަރުކާރުން ދޫކޮށްފައިވާ 4000 ފްލެޓްގެ މައްސަލަ ބެލުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވަނީ، ކުރީ ސަރުކާރުން ޢާއްމުކުރި 4000 މީހުންގެ ފްލެޓް ލިސްޓުގެ 60 އިންސައްތައަކީ ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންކަމުން ފްލެޓްތައް ނާއިންސާފުން ދޫކުރީ ނާޖާއިޒު ފައިދާއެއް ހޯދަންތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން