ހިންދީ ފިލްމު ދަންގަލްގެ ތަރި ސުހާނީ ބަޓްނަގަރް ކުއްލިގޮތަކަށް މަރުވެއްޖެކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އާމިރު ޚާންގެ "ދަންގަލް" ގައި ޒުވާން ބަބިތާ ކުމާރީގެ ރޯލުން ފެނިގެންދިޔަ ސުހާނީ މަރުވީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ދިއްލީގައެވެ. އޭނާ މަރުވެފައިވަނީ އުމުރުން 19 އަހަރުގައެވެ.

އޭނާ މަރުވެފައިވާކަން އާމިރު ޚާންގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ސުހާނީގެ އާއިލާއިން މީޑިއާއާ ވާހަކަ ދައްކަަމުން ބުނީ ސުހާނީ މަރުވީ އެއިމްސްގައި އެޑްމިޓް ކޮށް ޑަރމަޓޮމައިއޮސައިޓިސް އަށް ފަރުވާކުރަމުން ދަނިކޮށްކަމަށެވެ. މިއީ މަދުން ނޫނީ ނުފެންނަ އޮޓޯއިމިއުން ބައްޔެކެވެ. މި ބައްޔަށް އޮތް ހަމައެކަނި ފަރުވާއަކީ ސްޓިރޯއިޑްސް އެވެ. ސްޓިރޯއިޑް ދިނުމަށްފަހު އޭނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަސަރުކޮށް، ދިފާއީ ނިޒާމު ބަލިކަށިވި ކަމަށް ސުހާނީގެ އާއިލާއިން ބުނެފައިވެއެވެ.

ސުހާނީ އަށް ފަރުވާ ދެމުންދިޔަ ޑޮކްޓަރުންނާ ހަވާލާދީ ސުހާނީގެ ބައްޕަ ބުނީ ސުހާނީ ތަހައްމަލު ކުރަމުންދިޔަ ބަލިން ރަނގަޅުވުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ. ނަމަވެސް ސުހާނީ މަރުވީ ދިފާއީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން އިންފެކްޝަނެއް އުފެދި، ފުއްޕާމޭ ބަލިކަށިވެ، ފުއްޕާމެއަށް ފެން ޖަމާވެ ނޭވާލާން އުނދަގޫވުމުގެ ސަބަބުން ކަމަށް ސުހާނީގެ ބައްޕަ ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން