ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު
ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު
އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ފޯމު ހުށައަޅުއްވައިފިއެވެ.

އެމްޑީޕީގެ ރައީސްގެ މަޤާމަށް ކުރިމަތި ލެއްވުމަށްފަހު ޝާހިދު މިއަދު ވިދާޅުވީ އެކަމުގައި އެމްޑީޕީގެ އާއްމު މެންބަރުންގެ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މާތް ﷲގެ ވާގިފުޅާއެކު އެމް.ޑީ.ޕީ ގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމަށް މިއަދު އަޅުގަނޑު ޕާރޓީއަށް ފޯމު ހުށަހަޅައިފީމެވެ." ޝާހިދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖޫން 21، 2023 ގައި އެމްޑީޕީން ވަކިވެ ވަޑައިގަތުމާ ގުޅިގެނެވެ. އޭގެ ފަހުން އެމްޑީޕީގެ ރައީސްކަމުގެ މަޤާމް ވަގުތީގޮތުން ފުރުއްވަމުން ގެންދަވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.



17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުވެސް އަދާކުރަށްވާފައިވާ ޢަބްދުﷲ ޝާހިދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އާއި ގުޅިވަޑައިގެންފައިވަނީ 18 އޭޕްރީލް 2013 ގައެވެ. އަދި އެކަމުގެ އުފަލުގައި އެމްޑީޕީން ވަނީ 19 އޭޕްރީލް 2013 ވަނަ ދުވަހުގެ ރޭ ކާނިވަލް ސަރަހައްދުގައި “އާބާރެއް”ގެ ނަމުގައި ބޮޑު ޖަލްސާއެއްވެސް ބާއްވާފައެވެ.

އެމްޑީޕީގެ ދެ ވަނަ ސަރުކާރުގެ ޚާރިޖީ ވަޒީރުކަން ޝާހިދު ކުރަށްވާފައިވާއިރު އޭނާ ވަނީ އދ. ގެ އާންމު މަޖިލީހުގެ 76ވަނަ ދައުރުގެ ރައީސްކަންވެސް ކުރަށްވާފައެވެ.

ހުސްވެފައިވާ އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 20 ވަނަ ދުވަހުގެ 14:00 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން