ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއު ތަކުން ދިވެހި ރައްޔިތުންނަށް މުއްސަނދިކަން ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ބާރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިޤްތިޞާދު ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި ކޮޅަށްޖެހުމާއި، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ރާއްޖެ ކުރިއަށް ގެންދިޔުމާއި، އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާ ކަމަށެވެ.

އެގޮތުން ޒުވާނުންނަށް ބޭނުންވާ ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމުކުރުމާއި، މަސްވެރިންނަށް ބޭނުންވާ މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމާއި، މުޅިން އަލަށް ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ އެތައް ގުނަޔަކަށް ފުޅާކުރުމާއި، ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމުކުރުން ހިމެނޭ ކަމަށާއި އެ ހުރިހާ ކަމެއް ވެސް މިހާރު ފަށާފައިވާއިރު އެކަންކަމުން ރައްޔިތުންގެ ޖީބަށް މުއްސަނދިކަން އަންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޗައިނާއާ އެކީގައި ސޮއިކުރި 20 އެމް.އޯ.ޔޫ.ގެ ތެރެއިން އަންނަ އިންވެސްޓްމަންޓްތަކުބް ހިންގާ މަޝްރޫޢުތަކުން، ކުރީގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތް ހިނގިއިރު ރައްޔިތުން މުއްސަނދިވި ގޮތަށް ރައްޔިތުންނަށް މުއްސަނދިކަން ލިބިގެންދާނެ ކަމަށެވެ.

އަދި މިދިޔަ ފަސް އަހަރު ރާއްޖެއަށް ގެނައި ލޯނުތަކުން ކުރިއަށްގެންދިޔަ އެއްވެސް މަޝްރޫޢަކުން ރާއްޖޭގެ އެއްވެސް ވިޔަފާރިއަކަށްވީ ފައިދާއެއް ނެތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެންމެކުޑަމިނުން ކުޑަކުޑަ މޮހޮރެއް، ރާއްޖޭގެ ފިހާރަޔަކުން ގަންނަން، އެ އެގްރީމެންޓްތަކުގައި ނެތީ. ނެތީމަ އިންޑިއާއިން ގެނެސްފައި ހުރީ. އެހެން ނަމަވެސް، އަޅުގަނޑުމެން ކުރިއަށް ގެންދާނެ މަޝްރޫޢުތައް ގެންދާނީ، އަޅުގަނޑުމެން މި އެއްބަސްވުންތައް ހަދާ ޤައުމުތަކުގައި ސިޔާސަތުތައް ހުންނަނީ، އެ ލޯކަލް ޤައުމު، އެ މަޝްރޫޢު ލިބޭ ޤައުމަށް ފައިދާވާ ގޮތަށް، މާނަޔަކީ މި ކޭސްގައި ރާއްޖެ. ރާއްޖޭގެ ވިޔަފާރިތަކުން، ބޮޑުބައިން ތަކެތި ގަންނާނީ ރާއްޖެއިން. އެހެންވީމާ، ކުރިއަށް އޮތް ތާނގައި ފެންނާނީ އަނެއްކާވެސް ތިޔަބޭފުޅުން ފަދަ ބޭފުޅުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެ މަޝްރޫޢުތައް ހިނގާ ސަރަޙައްދުތަކުގައި ހިމެނޭ ކުންފުނިތަކުން ލޮޖިސްޓިކް މަސައްކަތްވެސް ކުރާ ތަން. އޭގައި އެކިކަހަލަ ތަކެތިވެސް ސަޕްލައި ކުރާތަން. މުއްސަނދިކަން ލިބިގެންދާނީ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ގެންދަނީ ވައުދުތައް ފުއްދައި ނަތީޖާ ނެރެމުން ކަމަށާއި އެކަން ރައްޔިތުން މިއަދު ގަބޫލުކުރަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ އެގޮތަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަމުންދާނަމަ އިދިކޮޅު ފަރާތްތައް ދައްކާނެ ވާހަކަ އަޑުއަހާނެ ބަޔަކު ރާއްޖޭގައި ނުތިބޭނެކަން އެ ފަރާތްތަކަށް އިނގޭ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވެސް އިދިކޮޅު ފަރާތްތައް ފެއިލްވެފައި ތިބިކަން ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި އިތުރަށް އަޅުގަނޑުމެންނާ ހަވާލުކުރި ޒިންމާ ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކީގައި މިގޮތަށް އަދާކުރަމުންދާ ނަމަ ރައްޔިތުން ތިމަންނަމެންނަށް ބަލައެއް ނުލާނެއޭ. އަޅުގަނޑަށް ސިފަވަނީ އެގޮތަށް ކަންކަން ކުރަމުންދާތަން،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން