މިދިޔަ މަހު ކަސްޓަމްސްއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކަށް ދައްކައިފި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ކަސްޓަމްސްއަށް ލިބުނީ 349 މިލިއަން ރުފިޔާގެ އާމްދަނީއެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ކަސްޓަމްސްއަށް ވަނީ 373 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. މިއީ ހަތް ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު އިމްޕޯޓް ކުރި މުދަލުގެ އަގު ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 3.9 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއިރު މި އަހަރުގެ ޖެނުއަރީ މަހު ވަނީ 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ. މިއީ 31 ޕަސެންޓްގެ އިތުރުވުމެކެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގު ވަނީ ބޮޑު ތަނުން ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 251 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރިއިރު މި އަހަރުގެ ޖެނުއަރީ މަހު ވަނީ 173 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފަ އެވެ. މިއީ 31 ޕަސެންޓް ދަށްވުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ، އޮމާން، އިންޑިއާ، ޗައިނާ އަދި ސިންގަޕޫރެވެ. ޔޫއޭއީން 938 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާނުން 774 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި އިންޑިއާއިން 700 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާ އިން 671 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ސިންގަޕޫރުން 550 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން