ރ. މީދޫ ފެންފިޔާޒުގޭ އަލްމަރުހޫމް މުޙައްމަދު އަނަސް
ރ. މީދޫ ފެންފިޔާޒުގޭ އަލްމަރުހޫމް މުޙައްމަދު އަނަސް
ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް މަރާލި މައްސަލަ ދަށު ކޯޓުގައި ސާބިތު ނުވުމުން، އެ މައްސަލަ ހައިކޯޓުގައި އިސްތިޢުނާފު ކުރުމަށް ވިސްނަމުންދާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުގެރޭ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގައިގެ އެތަން މިތަނަށް ވަޅިހަރާ ރަޙުމް ކުޑަ ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް ގެ މަރުގެ މައްސަލާގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އިއްޔެއެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ، އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ރިޕޯޓް ލިބުމުން ދިރާސާ ކުރުމަށްފަހު، އިސްތިއުނާފް ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

"އިސްތިއުނާފު ކުރުމުގެ ވިސްނުން އެބަ ގެންގުޅެން." ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަނަސް މަރާލި މައްސަލައިގައި ދަޢުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި، މ. ދިމިޝްގު، އުޘްމާން ޝަރީފާއި، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤާއި، ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.

މި މީހުންގެ ތެރެއިން، މުހައްމަދު ޝާޒު އާއި، ޖުނައިދު އަބްދުﷲ އާއި، ހަސަން މަހްފޫޒު އާއި، ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަހުމަދު ޒަޔާނާއި، އަފްރާހު އަބްދުއްރައްޒާގާއި، އުސްމާން ޝަރީފުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުގެ ފަރާތުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު، ދައުވާ ލިބޭ ފަރާތްތަކުން ނަގާފައިވަނީ، ހާދިސާ ހިނގި ވަގުތު އެތަނުގައި އެމީހުން ނެތްކަން ސާބިތު ކުރުމުގެ ގޮތުން ނަގާފައިވާ ދިފާޢެވެ. އަދި ދަޢުލާ ލިބޭ އެންމެންވެސް ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ އެމައްސަލައިގައި ދައުވާ ލިބޭ މީހުން އެކަމުގައި ބައިވެރިވުމުގެ އަމަލު ސާބިތު ކޮށްދިނުމުގެ ސީދާ ހެއްކެއްގެ ގޮތުގައި ހުރީ ހަމައެކަނި ސީސީޓީވީ ފުޓޭޖްކަމަށެވެ. އެ ފުޓޭޖުތަކަށް ބާރު ލިބިދޭ ހެކީގެ ނިސްބަތަށް ބަލާއިރު، އެމީހުން އެކަމުގައި ބައިވެރިވި ކަމާއި، ފުޓޭޖުތަކުން ފެންނަނީ އެމީހުންކަމަށް ނިންމަން ދަތިކަމަށް ހުކުމްގައި ބުނެފައިވެއެވެ. މީގެއިތުރުން ފުލުހުންނާ ދައުލަތުން ހަމައެކަނި ބުނެލާ ބަހަކުން އެކަންކަން ސާބިތު ނުކުރެވޭނެ ކަމަށް ހުކުމްގައިވެއެވެ.

ހަމައެއާއެކު މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖުތަކާއި ފޮޓޯތަކުން ފެންނަނީ މި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންކަން ސާބިތު ކުރެވޭނެ ވަރުގެ އިތުރު ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ހުކުމްގައި ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގައި ހުކުމްގައި ބުނީ މައްސަލައިގެ ތަހުގީގު ރިޕޯޓަކީ ސިއްރު ރިޕޯޓެއް ކަމަށާއި، އެއީ ދިފާއާ ހިއްސާ ކުރެވިފައިވާ ރިޕޯޓެއް ނޫންކަމަށެވެ. އަދި މި ރިޕޯޓަކީ ޝަރީއަތުން ހެކި ވަޒަން ކުރުމުގައި ބުރަދަން ދެވިދާނެ ރިޕޯޓެއްކަމަށް ބެލެވެން ނެތްކަމަށާއި އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުން ރިއާޔަތް ކުރެވިދާނެ އެއްޗެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ކުޑަ ކުއްޖެއްގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ. އެ ހާދިސާ ހިނގިއިރު އެ ކުއްޖާ އަށްވީ 17 އަހަރުކަމުން ޖުވެނައިލް ކޯޓުން އެ ކުއްޖާ ސަލާމަތްވި ނަމަވެސް ފަހުން ހައިކޯޓުން ވަނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެެވެ. އެހެންކަމުން އެކުއްޖާ 18 އަހަރާއި 9 މަހަށް ޖަލަށްލާން ހައިކޯޓުން 2022 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ވަނީ ހުކުމްކޮށްފަ އެވެ.

ނަމަވެސް ކަރެކްޝަނަލް ސަރވިސް އިން ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާގެ އަދަބު 2023 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް 10 އަހަރަށް ލުއިކޮށްދީފައިވާ ކަމަށެވެ.

އަނަސްގެ މަރަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ ނަމަވެސް ރައީސް ޞާލިޙްގެ 5 އަހަރުގެ ދައުރު ނިމުނުއިރުވެސް އެ މައްސަލައިގެ ޝަރީޢަތް ނިމިފައެއް ނުވެއެވެ.

އަނަސް މަރާލިއިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ވިދާޅުވެފައިވަނީ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސް އަށް ޙަމަލާދީ މަރާލާފައިވަނީ އޮޅިގެން ކަމަށާއި، ޙަމަލާގެ އަސްލު އަމާޒަކީ އަނަސް ލައިގެން ހުރި ވައްތަރުގެ ޓީޝާޓް ލައިގެން ހުރި އެހެން މީހެއް ކަމަށެވެ. ނަމަވެސް އެކަމާގުޅޭ އެއްވެސް ތަފްސީލެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

އަނަސްގެ މަރާއި ގުޅިގެން އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ވަދެ ތޫނު އެއްޗަކުން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވެއެވެ. ލިޓަސް ސާވިސް ސެންޓަރަށް އަނަސް ދުވެފައިގޮސް ވަދެފައިވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން ފެނެއެވެ. އަދި އަނަސްއަށް ހަމަލާދިން އެންމެންވެސް ތިބީ މާސްކް އަޅައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން