ހަނިމާދޫގައި މިހާރު ތަރައްގީކޮށްފައި އޮތް 2.46 ކިލޯމީޓަރުގެ އާ ރަންވޭއަށް އިތުރު 700 މީޓަރު އިތުރުކުރަން ބޭނުންވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހަނިމާދޫގައި މިހާރު ތަރައްގީކޮށްފައި އޮތް 2.46 ކިލޯމީޓަރުގެ އާ ރަންވޭއަށް އިތުރު 700 މީޓަރު އިތުރުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެެހެންކަމުން ހަނިމާދޫ އެއާޕޯޓްގެ ރަންވޭ ދިގުކުރެވޭނެ ގޮތެއް އޮތްތޯ ބަައްލަވަމުން ގެންދަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެއާޕޯޓު މިހާރު ތަރައްޤީކުރެވިގެން ދަނީ އެންމެ ބޭނުންވާ ފުޅާ ދާއިރާއެއްގައި ނުވަތަ ސްކޭލްގައި ނޫން ކަމަށާއި އެހެންކަމުން ރަންވޭ މިހާރަށްވުރެ 700 ވަރަކަށް މީޓަރު ދިގުކުރުމަށް އެއާޕޯޓުގެ ލޯނު ހަމަޖެއްސި ފަރާތާ މަޝްވަރާ ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެއާޕޯޓު މަސައްކަތަކީ ބޮޑު ތިލަދުންމަތި ހިމެނޭ ސަރަހައްދަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި އެމަޝްރޫއުގެ މަސައްކަތް މުހިންމުވަނީ ފަތުރުވެރިކަން ފުޅާކޮށް 8،000 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ އެނދު ތަރައްގީކުރުމަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެއާޕޯޓު މަސައްކަތް ހަވާލުކޮށްފައި އޮތީ އެވަރު ކެޕޭސިޓީއަކަށް ޚިދުމަތްދޭ ފެންވަރަށް ވަސީލަތް ގާއިމްވާ ގޮތަށް ނޫންކަމަށެވެ.

އެހެން ނަމަވެސް އެއާޕޯޓްގެ މަޝްރޫއު ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވަނީ އެތައް ގުނައެއް އަގު ބޮޑުކޮށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވަނީ 136.6 މިލިއަން އެމެރިކާ ޑޮލަރަށެވެ. އެމަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

އެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއިކުރި ކްރެޑިޓް ލައިނުން ހިންގާ މަޝްރޫއެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން