ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރޯދަމަހުގެ ފަހުން ބާއްވާގޮތަށް ހަމަޖެއްސުމަށް، އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.

މި ބިލަކީ، 11 ފެބްރުއަރީ 2024 ވީ އާދީއްތަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކޮށް، 12 ފެބްރުއަރީ 2024 ގައި ތަޞްދީޤުކުރުމަށް ރައީސުލްޖުމްހުރިއްޔާއަށް ފޮނުވާފައިވާ ބިލެކެވެ.

ރައީސް އޮފީހުން ބުނީ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލީ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ. އަދި މި ބިލު، މިއަދު އަނބުރައި ފޮނުއްވައިލީ މި ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ތަޢާރުޟުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވާފައިވާތީ ކަމުގައި ރައީސް އޮފީހުން ބުނެފައި ވެއެވެ.

"އެކަންކަން އިޞްލާޙުކުރުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވޭ." ބިލް އަނބުރާ ފޮނުވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

މިގޮތުން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވާފައިވާ ނުކުތާތައް އެ ސިޓީގައި ބަޔާންކޮށްފައި ވާނެ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ގާނޫނުއަސާސީގައި ބުނެފައިވަނީ މަޖިލީހުން ބިލެއް ފާސް ކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލު ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި ރައީސަށް އެ ބިލު ލިބޭތާ 15 ދުވަސް ތެރޭގައި ތަސްދީގު ކުރަން ވާނެ ކަމަށާއި ތަސްދީގު ނުކުރައްވާ ނަމަ، 15 ދުވަސް ތެރޭގައި މަޖިލީހަށް ބިލް އަނބުރާ ފޮނުވާލަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.

ރައީސް ބިލު އަނބުރާ ފޮނުވާލުމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު ވެސް ގާނޫނު އަސާސީން މަޖިލީހަށް ލިބިދޭއިރު އެގޮތަށް ދެވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލު 15 ދުވަހުގެ ތެރޭގައި ތަސްދީގު ކުރައްވަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން