އިސްރާއީލުގެ ސިފައިން ދިން ހަމަލާގައި ޒަޚަމްވެފައި ތިބި މީހުންނަށް ފަރުވާ ދެނީ.
އިސްރާއީލުގެ ސިފައިން ދިން ހަމަލާގައި ޒަޚަމްވެފައި ތިބި މީހުންނަށް ފަރުވާ ދެނީ.
އިންސާނީ އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާ މުޅި ދުނިޔެއިން ކުށްވެރި ކުރަމުންދާއިރު، 100 އަށް ވުރެ ގިނަ މީހުން މަރާލި މިހަމަލާގެ މިނިވަން ތަހުގީގެއް ކުރުމަށް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ގޮވާލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުން ބުރާސްފަތި ދުވަހު އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން މިހަމަލާގައި 112 މައުސޫމް އާންމުން ޝަހީދުވެފައިވާއިރު، 750 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުން އިސްރާއީލުގެ ސިފައިން ބަޑީގެ ހަމަލާ ދީފައިވަނީ ކާބޯތަކެތި ހޯދުމަށް އެހީގެ ޓްރަކްތައް ދޮށުގައި ކިއުގައި ތިބި މީހުންނާ ދިމާލަށެވެ. މިހަމަލާ އާއި ގުޅިގެން އިސްރާއީލުގެ އޮފިޝަލުން ބުނީ އެމީހުންގެ ސިފައިން ބަޑިޖަހާފައި ވަނީ އެހީދޭ ޓްރަކްތައް ބުޑަށް ގިނަ ބަޔަކު އެއްވުމުން ނުރައްކާތެރިކަން އިހުސާސް ކުރެވުމުން ކަމަށެވެ.

މިކަމާ ގުޅިގެން ގައުމީ މީޑިޔާ އާއި ވާހަކަ ދައްކަވަމުން ފްރާންސްގެ ފޮރިން މިނިސްޓަރު ސްޓެފަން ސެޖޯން ވިދާޅުވީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި ފްރާންސުން "ޑަބަލް ސްޓޭންޑަޑްސް" ތަންފީޒު ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ތަފްސީލު ހޯދުމަށް އެދޭނަން. އަދި ކަންވީގޮތް ދެނެގަތުމަށް މިނިވަން ތަހުގީގެއް ވެސް ކުރަން ޖެހޭނެ،" ސެޖޯން ވިދާޅުވި އެވެ.

މިހަމަލާއާއި ގުޅިގެން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވެސް ވަނީ އިންސާނީ އެހީ ހޯދަން ދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލު ސިފައިން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން