ކުރިއަށް އޮތް 100 އަހަރު މަސައްކަތް ކުރި ނަމަވެސް ރަސްމާލެއާއި މާލެ ގުޅުވައި ނުލެވޭނެ ކަމަށް މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، މަޖިލިސް 20 މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އިޔާދްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، ރަސްމާލެއަށް މާލޭ ރައްޔިތުން ގެންދަން މަސައްކަތް ކުރަނީ ރައްޔިތުން ނިކަމެތި ކުރަން ކަމަށެވެ. އަދި މާލެއާއި ރަސްމާލެ ގުޅުވައިލުމަކީ ދުރު މުސްތަގުބަލެއްގައި ވެސް ނުކުރެވޭނެ ކަމެއް ކަމަށެވެ.

"ރަސްމާލެ އަކަށް މާލެ އަކުންނެއް ބްރިޖަކުންވެސް، ޓަނަލަކުންވެސް ހޮޅިއަކުންވެސް ގުޅައެއް ނުލެވޭނެ." އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް އެމްޑީޕީގެ ފަރާތުން އުތުރު ތިލަފަޅު ތަރައްގީ ކުރަން ފެށި ފަހުން، މި ސަރުކާރުން އެތަނުގައި ދަނޑުވެރިކަން ކުރަން ފެށުމުގެ އެއްވެސް މާނައެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އުތުރުތިލަފަޅުގެ ބަދަލުގައި ރަސްމާލޭގައި ދަނޑުވެރިކަން ކުރަން މާ ރަނގަޅުވާނެ ކަމަށާއި، ސަބަބަކީ އުތުރުތިލަފަޅުން މާލެއަށް ބްރިޖަކުން ގުޅާލެވުނު ނަމަވެސް ރަސްމާލެއާއި މާލެ އެއްވެސް ގޮތަކުން ނުގުޅޫވޭނެތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެއާއި ރަސްމާލެ، އަންޑަރ ވޯޓާ ޓަނަލަކުން ގުޅުވާލުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ.

މާލޭ މޭޔަރާއި ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ގާއިމް ކުރެވޭ އަންޑާ ވޯޓާ ޓާނަލް މާލެއިން ރަސްމާލެއަށް ގުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ރަސްމާލެ އަންޑާ ވޯޓާ ޓަނަލުން ގުޅުވާލުމަށްޓަކައި ފަންނީ އިނޮވޭޓިވް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، 'އަންޑަވޯޓާ ޓަނަލް' ހަދާނީ އޭގެ އެތެރެއިން ރޭލުގައި ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ހަދާފައިވާ ޓަނަލްއަކަށް ކަމަށެވެ. އެ މަސައްކަތް ކުރުމަށްޓަކައި ސަރުކާރުން އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކުގައި މިހާރު ފީޒިބިލިޓީގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން