ނިމިގެން ދިޔަ ދައުރުގައި ޕީޕއެމް/ޕީއެންސީން ކުރި މުޒާހަރާތަކުގައި މަސައްކަތް ކޮށްފައި ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ދަރިކަލުން ޒޭން ޔާމީނާއި އަނބިކނަބަލުން ފާތިމަތު އިބްރާހީމް ހައްޔަރުކުރުވުމަށް ކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވައިފި އެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވަނީ ނިމިގެން ދިޔަ ސަރުކާރުގައި ޕީޕީއެމް/ޕީއެންސީން މުޒާޙަރާތައް ކުރިއިރު ރައީސް ޔާމީންގެ ދަރިިކަލުންނާއި އަނބިކަނބަލުން މަގުމައްޗަށް ނުކުމެވަޑައިގެން ޔާމިން މިނިވަން ކުރަން ހިންގި ހަރަކާތްތަކުގައި ބައިވެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ، ޕީއެންއެފުން ރޭ ބޭއްވި ކެމްޕޭން ހަރަކާތުގައި އެމަނިކުފާނު ވަނީ އެ ތުހުމަތުތަކަށް ރައްދުދެއްވައިފަ އެވެ.

އެގޮތުން ރައީސް ޔާމީންގެ ދަރިކަލުންނާއި އަނބިކަނބަލުންނަކީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ އެއްވެސް އިސް މަގާމެއްގައި ތިއްބެވި ބޭފުޅުންތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ. ހަމަ އެހެންމެ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް ނުކުރެވޭ ކަންކަން އާއިލާގެ ބޮލުގައި އަޅުވަމުންދާ ކަމަށް ވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

އޭގެ އިތުރުން މުޒާހަރާތަކުން ހައްޔަރުކުރާނެ މީހުން ފުލުހުންނަށް އަންގަނީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބަޔަކު ކަމަށް ވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މަސައްކަތް ކުރީ އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިފުޅު މުޒާހަރާއަށް ނެރެ ހައްޔަރުކުރުވަން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލުގައި ހުންނެވި އިރު ބޭރު ސަރުކާރެއް ނުވަތަ ރަހުމަތްތެރިންގެ ކައިރީގައިވިއަސް ވެސް ވާހަކަ ބުނަން ތިބީ ދަރިކަލުންނާއި އަނބިކަނބަލުން ކަމަށެވެ.

"ދެން މި ދެ މީހުން މަގުމައްޗަށް ނުކުތިއްޔާ ހަމަ މިތާ އެތެރެއިންނޭ އަންނާނީ އެންމެ ފުރަތަމަ ހިފާ ހައްޔަރުކުރަން ޖެހޭނީ މި މީހުންކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން