ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތް ލަންކާގެ "ސުދިސަ ޕުތަ02" މަސްބޯޓުގެ ވެރިފަރާތް ޖޫރިމަނާކޮށް އެ އުޅަނދު ދަޢުލަތަށް ނަގަން ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ވަނީ އުޅަނދުގެ ވެރިފަރާތް ކަމަށްވާ ޕީއެސްއެސް ފަނެންޑޯ ޖޫރިމަނާކޮށް ފިޝަރީޒް މިނިސްޓްރީން އެ ފަރާތަށް ފޮނުވާފައިވާ ޖޫރިމަނާ ނޯޓިސްގައިވާ ފައިސާއަކީ ގާނޫނާއި ގަވާއިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

އެގޮތުން ދައުލަތުން ފަނެންޑޯ އަށް ފޮނުވާފައިވާ ޕެނަލްޓީ ނޯޓިސްގައިވާ 700،000 ރުފިޔާ ދިވެހި ދައުލަތަށް ލިބިދިނުމަށްޓަކައި 14 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް ޕީއެސްއެސް ފަނެންޑޯއަށް އަންގާ ކަމަށް ޙުކުމުގައި ވެއެވެ.

އޭގެއިތުރުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަމުގެ ގާނޫނާހިލާފަށް މަސްވެރިކަން ކުރުމުގައި ބޭނުންކޮށްފައިވާ އުޅަނދާއި އެ އުޅަނދުގެ ވަސީލަތްތަކާއި އާލާތްތަކާއި މުދަލާއި ކުށްކުރުމުގައި ބޭނުންކޮށްފައިވާ އެއްމެހާ ތަކެތި، ފިޝަރީޒް މިނިސްޓްރީއަށް ނެގުމަށްވެސް އެ ހުކުމުގައި ވަނީ އަންގައިފައެވެ.

ސިވިލް ކޯޓުގައި މިމައްސަލަ ބައްލަވާފައިވަނީ ސިވިލް ކޯޓުގެ ޤާޟީ އަހުމަދު ރަޝީދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން