އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިޤްތިޞާދު މިހާރަށްވުރެ ފުޅާކޮށް ފަތުރާލައި، ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުންކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތަށް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

" ޓޫރިޒަމަށް ބަރޯސާވާ މިންވަރު ދަށްކޮށް އެހެން އިތުރު ސިނާއަތްތައް ފުޅާކުރުމުން ދުރު ރާސްތާގައި ރާއްޖެއަށް ބޮޑެތި ފައިދާތަކެއްކުރާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ކޯވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ކުރު ރާސްތާގައި ރާއްޖެ އަށް ވަރަށް ބޮޑު ތަކްލީފްތަކަކާއި ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި މެދު ރާސްތާގައިވެސް ގޮންޖެހުންތަކެއް  ކުރިމަތިވާނެ ކަމަށާއި، އެހެން ނަމަވެސް ދުރު ރާސްތާއަކަށް ވިސްނައިފިނަމަ އާ ވިސްނުންތަކަކާއެކު އިޤްތިޞާދު އަނެއްކާވެސް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވޭނެކަމުގެ ޔަގީން ކަން މިނިސްޓަރު ފައްޔާޒް ވަނީ ދެއްވާފައެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ އިޤްތިޞާދު ޑައިވާސިފައިކޮށް ޤާނޫނުތަކާއި ސިޔާސަތުތަކަށް ބަދަލު ގެނެސްގެން ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރަންޖެހޭ ކަމަށެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގައި ދިވެހިންގެ ވަޒީފާއާއި ދިވެހިންނަށް ލިބޭ އާމްދަނީ އިތުރުކޮށް، މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ގެންދަން މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ މާލީ ސެކްޓަރ އެބަ ވަރުގަދަކުރަންޖެހޭ، ފަސޭހައިން ވިޔަފާރިތަކަށް ފައިސާ ލިބޭނެ ގޮތްތަކެއް ހޯދަންޖެހޭ. އިޤްތިޞާދު ލާމަރުކަޒީ ކުރަންޖެހޭ." އިކްނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ކުރިން ލަފާކުރެވުނަސް، މިހާރު ލަފާކުރަނީ އެގާރަ އިންސައްތަ ދަށަށްދާނެ ކަމަށެވެ. އަދި ކުރިން އޮތް ހިސާބަށް ރާއްޖޭގެ އިޤްތިޞާދު އަލުން ދާނެކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރުގައި ކަމަށްވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ސަލީމާ

06-Aug-2020

މީނައާ ޝީނާ މޫސާއާއި ދެމީހުން އެއް އޮފީހަކަށް ލާންވީ.ޢައިބު ދަންނަ ދެމީހުން.



ޓްރެންޑިން