ކެންޕެއިން ހަރަކާތެއްގައި މުސްލިމުންނަށް އިހުތިރާމް ކުޑަކޮށް ވާހަކަ ދެއްކެވުމުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ދެކޮޅަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނަށް، އިދިކޮޅު ކޮންގްރެސް ޕާޓީއިން ޝަކުވާ ހުށައަޅައިފިއެވެ.

މުސްލިމުންނަށް އިހުތިރާމް ކުޑަކޮށް މޯދީ ވާހަކަ ދައްކަވާފައިވަނީ އިންޑިއާގެ ރާޖަސްތާންގައި ބޭއްވި އިންޑިއާގެ މަޖިލިސް ކެންޕެއިން ހަރަކާތެއްގައެވެ. މޯދީގެ ވާހަކަ ފުޅުގައި މުސްލިމުންނާ ބެހޭގޮތުން ވާހަކަ ދައްކަވާފައިވަނީ އިދިކޮޅު ކޮންގްރެސްއިން ކުރިން ބުނެފައިވާ ބަހަކަށް ރިއާޔަތް ކޮށެވެ. ގައުމުގެ މުއްސަނދިކަމުގެ އެންމެ ފުރަތަމަ މުސްލިމުންނަށް ހައްގުވެރިންނަކީ މުސްލިމުންކަމަށް ކޮންގްރެސް އިން މީގެ ކުރިން ބުނެފައިވައިވާއިރު، މިކަމަށް ރިއާޔަތްކޮށް ވާހަކަ ދައްކަވައި މޯދީ ވިދާޅުވީ ކޮންގްރެސް އިން އިންތިހާބު ކާމިޔާބުކޮށްފިނަމަ، ގައުމުގެ މާލިއްޔަތު ބެހިގެން ދާނީ ގިނައިން ދަރިން ހޯދާ މީހުންނަށާއި އަދި ގައުމަށް ވަދެގަނެފައިވާ މީހުުންގެ މެދުގައި ކަމަށެވެ.

މޯދީގެ ވާހަކަފުޅާއި ގުޅިގެން ކޮންގްރެސް ޕާޓީއިން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި ޝަކުވާގައި ވަކި ދީނީ ޖަމާއަތެއް އިހުތިރާމް ކުޑަވާގޮތައް ބޮޑުވަޒީރު މޯދީ ވާހަކަ ދައްކަވާފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އެއީ އިންތިޚާބީ ގާނޫނުތަކާއިވެސް ހިލާފުކަމެއް ކަމަށް ކޮންގްރެސް އިން ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު އިންޑިއާގެ އިންތިޚާބީ ގާނޫނުގައި ސިޔާސީ ބޭފުޅުން ވަކި ޖަމާއަތަކަށް ނުވަތަ ދީނެއް ފަދަ ވަކި ގްރޫޕަކަށް ނިސްބަތްވާ ކަން ޕްރޮމޯޓްކޮށް ނުވަތަ އިލްތިމާސްކޮށްގެން ތާއީދާއި ވޯޓު ހޯދުމަށް ކެމްޕެއިނު ކުރުން ވަނީ މަނާކޮށްފައެވެ.

ބޮޑުވަޒީރު މޯދީގެ ހިތޯބުތަކުގައިވެސް އެއްވެސް ދީނަކަށް ސީދާ އިޝާރާތް ނުކުރާކަން ފާހަގަވެއެވެ. އަދި މޯދީގެ ބީ.ޖޭ.ޕީގެ އިލެކްޝަން މެނިފެސްޓޯގައިވެސް ދީނުގެ އެއްވެސް ވާހަކައެއް ނުހިމެނޭކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް މޯދީގެ ބީ.ޖޭ.ޕީ އަކީ ހީންދޫ ފަސްޓް ޕޮލިސީއެއް ގެންގުޅޭ ޕާޓީއެއް ކަމަށް އަބަދުވެސް ތުހުމަތު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން