ހުޅުމާލޭގެ 1 ވަނަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި އެޗްޑީސީގެ ހުއްދަ ނެތި ބަހައްޓާފައިތަކެތި 30 ދުވަސް ތެރޭގައި ނެގުމަށާއި، ހުޅުމާލޭގެ 2 ވަ ފިޔަވައްސާއި 3 ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އެޗްޑީސީން އަންގައިފިއެވެ.

އެޗްޑީސީން މިފަދަ އެންގުމެއް އަންގާފައިވަނީ، ސިނާއީ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދިގު މުއްދަތަކަށް ތަކެތި ބަހައްޓަމުން ދިއުމުގެ ސަބަބުން އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދާތީކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އަދި މިގޮތަށް ތަކެތި ބަހައްޓާފައިވާ ތަންތަނުގައި މަދިރި އާލާވާގޮތަށް ހުރުމުން ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

އެހެންކަމުން ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ތަކެތި ވީހާވެސް އަވަހަކަށް ނަގައި ސާފުކޮށްދިނުމަކީ އެޗްޑީސީގެ ވަރަށް ބޮޑު އެދުމެއްކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި ކަނޑައެޅިފައި ވާ މުއްދަތުގައި ނުނަގާ ހުންނަ ތަކެއްޗަކީ ވެރި ފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި، އެ ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރާނެ ކަމުގައި ހާމަކޮށްފައިވެއެވެ. އެޗްޑީސީން ބުނީ މި މަސައްކަތުގައި ތަކެއްޗަށް ނުވަތަ ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގެ 2 ވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގައި އެޗްޑީސީން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ޕްރޮޖެކްޓްތައް ފެށުމަށްޓަކައި، ބިން ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އެހެންކަމުން ހުޅުމާލޭގެ 2 ވަނަ އަދހި 3 ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ތަކެތި ބަހައްޓައިގެން ބޭނުން ކުރުމަކީ މަނާކަމެއް ކަމާއި، މިގޮތަށް ބިންތައް ބޭނުން ކުރާ ފަރާތްތަކުން 7 ޖޫން 2024 ގެކުރިން އެފަދަ ތަކެތި ނަގައި ބިން ސާފުކޮށްދިނުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ހުޅުމާލެ ތަރައްގީކޮށް ރައްޔިތުންނަށް ބޭނުންވާ ގިނަ ވަސީލަތްތައް ގާއިމްކޮށް، ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީގެ ފަރާތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން